13 އޮކްޓޯބަރ 2019 - 15:54

ފަނޑިޔާރުން ވަކި މިންވަރަށް ގަޑި ޖެހިއްޖެ ނަމަ ނުވަތަ ހާޒިރު ނުވެއްޖެ ނަމަ ސުލޫކީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ޖެހޭ ގޮތަށް ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީގެ އުސޫލު އެކުލަވާލައި، މިއަދު އާންމުކޮށްފި އެވެ.
ކުރިން ފަނޑިޔާރުންގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން ފެށިގެން ރަސްމީ ގަޑި ނިމެންދެންނެވެ.
މިއަދުން ފެށިގެން ހަތް ދުވަސް ފަހުން އަމަލުކުރަން ފަށާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެކުލަވާލި އުސޫލު އޮތްގޮތުން ފަނޑިޔާރުންގެ ރަސްމީ ގަޑިއަކީ ހެެނދުނު 8:30 އިން ފެށިގެން މެންދުރު 2:00 އާ ހަމައަށެވެ. އަދި ރޯދަ މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:00 އާ ހަމައަށެވެ. އަދި ރަސްމީ ގަޑިއަށް ވުރެ އެއް މިނެޓް ލަސްވެއްޖެ ނަމަ، ގަޑި ޖެހުނީ ކަމަށް ބެލެވޭނެ އެވެ،
އެ އުސޫލު ބުނާގޮތުން މަހެއްގެ ތެރޭގައި 15 ދުވަހު ގަޑިޖެހިއްޖެ ނަމަ ނުވަތަ ތިން ދުވަހު ހާޒިރު ނުވެއްޖެ ނަމަ އެ ފަނޑިޔާރެއްގެ އަޚްލާގީ މައްސަލައެއްގެ ގޮތުގައި އެކަން ބެލޭނެ އެވެ. އަދި އަހަރެއްގެ ތެރޭގައި 180 ދުވަހު ގަޑި ޖެހިއްޖެ ނަމަ ނުވަތަ ހާޒިރުނުވާ ދުވަހުގެ އަދަދު 36 ދުވަހަށް ވުރެ އިތުރުވެއްޖެ ނަމަ ސުލޫކީ މައްސަލައެއްގެ ގޮތުގައި އެކަން ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވަން ޖެހޭނެ އެވެ.
އެ އުސޫލު ބުނާގޮތުން އަމިއްލަ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ނުވަތަ ގުދުރަތީ ކަމެއްގެ ސަބަބުން ގަޑި ޖެހުނަސް، އެއީ ގަޑި ޖެހުން ކަމަށް ނުބެލެވޭނެ އެވެ. އެފަދަ ހާލަތެއްގައި އެ ފަނޑިޔާރު ކޯޓަށް ހާޒިރުވާން ޖެހޭ ގަޑި އަންގާނީ އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ގަޑި ޖެހުނަސް، އެއީ މަގްބޫލު ސަބަބެއް ކަމަށް ބެލެވޭނެ އެވެ. އެފަދަ ދުވަސް ދުވަހު ގަޑި ޖެހޭނެ ވަގުތު ކަނޑައަޅާނީ މޫސުމާ ބެހޭ އިދާރާގެ ރިޕޯޓެއް ކޯޓުން ހޯދުމަށް ފަހު އެވެ.
އެ އުސޫލު އޮތް ގޮތުން ފަނޑިޔާރުންނަށް ވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި ލިބޭނީ އަހަރަކު 30 ދުވަހެވެ. އަދި އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނީ ވެސް 30 ދުވަހެވެ. އެކަމަކު ސަލާމް ބުނާ ނަމަ، ރަސްމީ ގަޑި ޖެހޭތާ 30 މިނެޓް ތެރޭގައި އެކަން ކޯޓަށް އަންގަން ޖެހޭނެ އެވެ. އަދި ޖެހިޖެހިގެން ދެ ދުވަހަށް ވުރެ ގިނައިން ސަލާމް ބުނެވޭނީ ސިއްހީ އިދާރާއަކުން ދޫކުރާ ލިޔުމެއް ހުށަހަޅާ ގޮތަށެވެ. އެހެން ނޫން ނަމަ، އެއީ ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައި ބަލަން އެ އުސޫލު ލާޒިމް ކުރެ އެވެ.
އެ އުސޫލު ބުނާގޮތުން ފަނޑިޔާރަކު ކޯޓަށް ހާޒިރު ނުވިޔަސް، އެއީ މުސާރައިން ކެނޑޭނެ ކަމެއް ނޫނެވެ. އެކަމަކު އެއީ އެ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ބެލުމުގައި ރިއާޔަތް ކުރެވޭނެ ކަމެކެވެ.
ހައްޖާއި އުމްރާގެ ޗުއްޓީގެ ގޮތުގައި އެ ފަނޑިޔާރެއްގެ ޚިދުމަތުގެ މުއްދަތުގައި މުސާރަ އާއި އިނާޔަތްތަކާއެކު އެއް މަހުގެ ޗުއްޓީއެއް ދެވިދާނެ ކަމަށް އެ އުސޫލުގައި އޮތްއިރު، ސިއްހީ ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީއެއް ދެވޭނީ އެއް އަހަރަށް ކަމަށް އެ އުސޫލުގައިވެ އެވެ. އެކަމަކު ސިއްހީ ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީއެއް ދެވޭނީ މުސާރަ އާއި އިނާޔަތްތަކުގެ ދެ ބައި ކުޅަ އެއްބައި ދޭ ގޮތަށެވެ.
އެ އުސޫލު އޮތްގޮތުން ކޮންމެ ކޯޓަކުން ވެސް އެ ކޯޓެއްގެ ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ އާއި ސަލާމުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ކޮންމެ މަހަކު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ފޮނުވަން ޖެހޭނެ އެވެ.