13 އޮކްޓޯބަރ 2019 - 15:26

އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ޝަރަފް އޮތް އެމްއެންޑީއެފްގެ ނަސްރުﷲ އަހުމަދު އޭނާގެ 50 ވަނަ މެރެތަން ބެންގަލޫރު އިންޓަނޭޝަނަލް މެރެތަންގައި މިއަދު ފުރިހަމަކޮށްފި އެވެ.
ޖުމްލަ 42 ކިލޯމީޓަރަށް ދުވަން ޖެހޭ ބުރަ ބޮޑު ރޭސް އޭނާ މިއަދު 3 ގަޑި 36 މިނެޓުން ފުރިހަމަކުރީ މިދިޔަ ހަފުތާގައި ޓީއެފްޖީ ރަން އިން އައްޑޫގައި މެރެތަނެއް ޖަހައި ރަނގަޅަށް ރިކަވާނުވަނީހެވެ.
"މެރެތަނެއް ޖަހާފައި ތިން ހަފުތާގެ ރިކަވަރީ މުއްދަތެއް އޮވޭ. އެކަމަކު އަނިޔާއެއް ނުވެ މިއަދުގެ ރޭސް ފުރިހަމަކުރެވި 50 ވަނަ މެރެތަން ޖަހާލުމަކީ ވަރަށް ބޮޑު އުފަލެއް. ހާއްސަކޮށް ރަނގަޅު ޓައިމިންއެއްގައި ނިންމާލެވުމުން،" ނަސްރު ބުންޏެވެ.
މިއީ މި އަހަރު ނަސްރު ޖެހި 14 ވަނަ މެރެތަނެވެ. ބާކީ އޮތް ދެ މަހާއި ބައިގެ ތެރޭގައި އޭނާ އިތުރު ހަތް މެރެތަން ޖަހައި މި އަހަރުގެ ޖުމްލަ 21 އަށް އަރުވާނެ އެވެ.
"ބޭނުންވޭ 30 މެރެތަން އަހަރެއްގެ ތެރޭ ޖަހަން. އެކަމަކު ފައިނޭންޝިއަލީ ސަޕޯޓް ލިބިގެން ވާނީ،" ނަސްރު ބުންޏެވެ.
ނަސްރު މިހާރު ވެސް ދުވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީގަ އެވެ. ކޮކާކޯލާ އިން ދީފައިވާ ރަސްމީ ސްޕޮންސާޝިޕުގެ އިތުރުން ގާތްއެކުވެރިން ވެސް އެހީދެ އެވެ. ނަސްރުގެ ދެން އޮތް އަމާޒަކީ މި ސަރަހައްދުގެ ނުވަތަ ދުނިޔޭގެ ރެކޯޑަކަށް ދިއުމެވެ. އެކަން ކުރަން ވެސް ބޭނުންވަނީ ރަނގަޅު ޓައިމިން އަކާ އެކު އެވެ. އާއްމުކޮށް ދުނިޔޭގެ ރެކޯޑްތައް ހަދާ ދުވުންތެރިންނަކީ ފަސް ވަރަކަށް ގަޑިއިރުގެ ތެރޭގައި ދުވެގެން ވީހާ ވެސް ގިނަ އަދަދު ހަމަކުރާ ދުވުންތެރިންނެވެ.
ނަސްރު މިދިޔަ އަހަރު އެކަނި ވެސް 13 މެރެތަން ދުވިއިރު އެންމެ ފާހަގަކުރެވުނު ކަމަކީ ވެސް ޓައިމިން އެވެ. އަހަރަކު އެއަށް ވުރެ މާ ގިނައިން މެރެތަން ޖަހާ ދުވުންތެރިން ވެސް ދުނިޔޭގައި އުޅެ އެވެ. އެކަމަކު 42 ކިލޯމީޓަރުގެ ދުވުން ނަސްރު ނިންމި ވަގުތަށް ބަލާއިރު އެއީ އާދައިގެ ކަމެއް ނޫނެވެ: އެއިން ކޮންމެ ރޭހެއް ވެސް ނަސްރު ފުރިހަމަކުރީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށެވެ.
ސިފައިންގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅު އެވެ. ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނާގައި އޮވެ އެންމެ ފަހު 400 މީޓަރުގައި ހިފި ގޮތަށް ގޮސް ތިން ވަނަ ލިބުނު ހިސާބުން އޭނާގެ ސަމާލުކަން ދިގު ދުވުންތަކަށް ހުއްޓުނީ އެވެ. އަދި 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމައި ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ. އޭނާ ބުނި ގޮތުގައި މެރެތަން ދުވުމަކީ ރެކޯޑަކަށް ވިސްނައިގެން ފެށި ކަމެއް ނޫނެވެ. އެކަމަކު ވަކި ހިސާބަކުން އެކަމަށް އަމާޒު ހިފީ އެވެ.
"ހަރަދުތަކެއް ކޮށްގެން ރާއްޖޭން ބޭރަށް ގޮސް ދުވާއިރު ކޮންމެވެސް އަމާޒެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވިގެން ރެކޯޑް ހަދަން ދުވަން ފެށީ" ނަސްރު ބުންޏެވެ.