18 އޮކްޓޯބަރ 2019 - 14:56

ބިރެއް ނެތި ހަމައެކަނި މޫދަށް އެރިލަނީއެއް ނޫނެވެ. ސްނޯކަލް ކުރުމާއި ސްކޫބާ ޑައިވިންގައި ވެސް ހަމަ އެހެންނެވެ. ހާއްސަ ކަމަކީ އަދި އުމުރުން އެންމެ ނުވަ އަހަރު ކަމެވެ. އާއިލާގެ އެންމެންނަކީ ވެސް މޫދަށް ހާއްސަ ލޯތްބެއް އޮންނަ ބަޔަކަށް ވުމުން، އާމިނަތު އުލާގެ ވެސް ވަނީ މޫދަށް ފަރިތަވީ އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގައި ގްރޭޑު ހަތަރެއްގައި ކިޔަވަމުން އަންނަ އުލާގެ މަންމަ އައިޝަތު ލޫލޫ ބުނި ގޮތުގައި ދޮޅު އަހަރުގައި އުލާ އެކަނި މޫދުގައި އުޅެން ދަސްކޮށްފި އެވެ. އަދި އުމުރުން ހަތަރު އަހަރުވީއިރު ރަނގަޅަށް ފަތަން އެނގޭ ކަމަށް ބުންޏެވެ. އޭނާ އަށް މޫދު މާ ހާއްސަވީ ބޮޑުދައިތައެއްގެ ސަބަބުންނެވެ.

"އެއްވެސް ބިރެއް ނެތި މޫދުގައި އުޅޭނެ. އުލާ ރޯލް މޮޑެލްއަކަށް ބަލާނީ އޭނަގެ އާންޓް ރާޔާ. ރާޔާ އަކީ ވެސް ޑައިވަރެއްވީމަ މިކަން މި ފެށުނީ،" ލޫލޫ ބުންޏެވެ.

މޫދަށް އޮންނަ ލޯތްބަކާއެކު، އުލާގެ އަށް ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން ވެސް މިިދިޔަ އަހަރު ދިނީ ބަބް މޭކާ ކޯހެއް ހެދުމުގެ ފުރުސަތެވެ. މާލެ ކައިރި ރަށެއްގެ ޑައިވިން ސްކޫލަކުން އެ ފުރުސަތު ދިނުމުން އުލާ އަށް ހާއްސަ އުފަލެއް ލިބުނެވެ.

އުލާ ހާއްސަ އަނެއް ހުނަރަކީ ފުޓްބޯޅަ އެވެ. އުމުރުން ހަ އަހަރުގައި މޯލްޑިވްސް ސޮކަ މޭކްސް އެކަޑެމީއާ ގުޅިގެން އަންނަނީ ފުޓްބޯޅަ ވެސް ކުޅެމުންނެވެ. އަންނަ މަހު މެލޭޝިއާގައި ބާއްވާ މުބާރާތަކަށް ތައްޔާރުވަމުން އަންނައިރު އެ ޓީމަށް ނެގި ކުޅުންތެރިންގެ ތެރެއިން އަންހެން ހަމައެކަނި ކުޅުންތެރިޔަކީ ވެސް ޑިފެންޑަރަށް ކުޅެމުން އަންނަ އުލާ އެވެ.
މެސީ އަށް ސަޕޯޓުކުރާ އުލާ، ބާސާ އަދި މެންޗެސްޓާގެ ވަރުގަދަ މެޗުތައް ބަލަ އެވެ.
ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ކިޑްސް ފިއެސްޓާގައި ވެސް މިއަހަރު ބޭއްވި މުބާރާތުގައި އަންހެން ކުދިން ބައިވެރިވީ ހަމައެކަނި ފިންލެންޑް ސްކޫލުންނެވެ. މޮޅު ކުޅުމެއް ދެއްކި ކުދިންގެ ތެރޭގައި އުލާ ހިމެނެ އެވެ.
ލޫލޫ ބުނި ގޮތުގައި، މެޗުތަކުގައި ފިރިހެން ކުދިންނާއެއްކޮށް ކުޅެން ޖެހުމަކީ އުލާ ފަސްޖެހޭކަމެއް ނޫނެވެ. ޅައުމުރުގައި އެފަދަ ކަންތައްތައް ދަސްކުރުމުގެ ސަބަބުން އުލާ އަކީ އަމިއްލަ ނަފްސަށް ވަރަށް އިތުބާރުކުރާ ކުއްޖެއް ކަމަށް، މަންމަ ބުންޏެވެ.
"ކަންކަމުގައި ވަރަށް އެކްޓިވްކޮށް އުޅޭނީ. ޖިމްނާސްޓިކް ވެސް ހަދާނެ މަޖަލަށް. ފުޓްބޯޅަ ކުޅެމުން ޑައިވްކުރަމުން އެހެން އުޅޭތީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރަށް ބޮޑު. ވަރަށް ޕޮޒިޓިވްކޮށް ކަންކަމާ މެދު ދެކޭނީ،" އުލާގެ މަންމަ ފަހުރުވެރިކަމާ އެކު ބުންޏެވެ.
ޑައިވްކުރިއަސް އޭނާގެ ޝައުގުވެރިކަން ބޮޑަށް ހުރީ ފުޓްބޯޅައަށެވެ. ގައުމީ ޓީމަށް ކުޅެ ގައުމަށް ފަހުރުވެރި ވަނަތައް ހޯދައިދިނުމަކީ އޭނާގެ ހުވަފެނެކެވެ.