15 އޮކްޓޯބަރ 2019 - 06:21

އެޕަލް އަށް އަމިއްލަ 5ޖީ އުފެއްދޭނެ ކަމަށް ބެލެވެނީ އަދި ތިން އަހަރު ފަހުންނެވެ. މިއީ އަމިއްލަ އަށް ޑިޒައިންކޮށް، ބަޔަކު ލައްވައި 5ޖީ މޯޑެމްއެއް އުފައްދަން ނަގާނެ ކަމަށް ބެލެވޭ މުއްދަތެވެ. އައިފޯނުގައި މޯޑެމް އަޅުވައި، ޓެސްކުރަން ވެސް ވަގުތު ބޭނުންވާނެ އެވެ.
އައިފޯނުތައް 5ޖީ ފެންވަރަށް ނުގެނެވިގެން އުޅެނީ، އެޕަލްގެ ވިސްނުން ހުރި ގޮތުންނެވެ. ވާދަވެރިންގެ ފޯނުތަކުގައި 5ޖީ ގާއިމުކުރަމުން ދާއިރު، އެޕަލް އުޅެނީ ފަހަތުގަ އެވެ. ނަމަވެސް، މިއީ ބިމަށް ތިރިވެ ހީލުމުން ކުރެވެން ހުރި ކަންކަމެވެ.
އެޕަލްގެ އައިފޯނުތަކަށް ފެންވަރު ރަނގަޅު މޯޑެމްތައް އަބަދު ވެސް އުފައްދައިދެނީ ކުއަލްކޮމް އިންނެވެ. އެޕަލްއާ ކުއަލްކޮމް ޖެހުނު މައްސަލައެއްގައި، ކޯޓާ ހިސާބަށް ގޮސް ގުޅުން ކެނޑުމުން، އެޕަލް އަށް 5ޖީ މޯޑެމްއެއް އުފައްދައިދޭނެ އެހެން ބަޔަކު ވަނީ ނުވެފަ އެވެ. އެޕަލް އަށް ދެން ހަދާނެ ގޮތް ހުސްވެ، ހޫރެމުން ދިޔަ މަގުމަތީގައި، އިންޓެލްގެ މޯޑެމް ޑިވިޒަން ވަނީ ގަނެފަ އެވެ. އެހެން ނަމަވެސް، މޯޑެމްއެއް އަމިއްލަ އަށް އުފައްދަން ގިނަ ދުވަސްތަކެއް ނަގާނެ އެވެ.
އައިފޯނުގައި އަމިއްލަ 5ޖީ މޯޑެމްއެއް ގާއިމުކުރަން ދެތިން އަހަރު ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، ވަފާތެރި ކަސްޓަމަރުންނަށް 5ޖީ ރަހަ ދައްކަން އެޕަލް އަށް ވަނީ މަޖުބޫރުވެފަ އެވެ. އެންވެ، އުނބަށްޖަހައި ކުއަލްކޮމް ލައްވައި 5ޖީ މޯޑެމްއެއް އުފައްދަފާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މި މުއާމަލާތާ ބެހޭ އެއްވެސް މައުލޫމާތެއް އެޕަލް އިން އަދި ހާމައެއް ނުކުރެ އެވެ.
އައިފޯނަށް ހާޑްވެއާ އުފެއްދުމުގައި އެޕަލް ވަރަށް ފަރުވާތެރި އެވެ. ބަޔަކު ބުނާހާ ގޮތަކަށް ކަމެއް ހިނގައި ދިއުމަށް އެޕަލް ދުވަހަކު ވެސް ރުހިފައި ނުވެ އެވެ. އެޕަލްގެ އިންޖިނޭރުންގެ ބެލުމުގެ ދަށުން ވަރަށް ރަނގަޅަށް ސްކްރީންކުރެވިގެން މެނުނީ ފެންވަރު ކަނޑައަޅާފައި ނުވެ އެވެ. އެޕަލް އިން 5ޖީ މޯޑެމްއާ މެދު ވެސް މި ގޮތަށް އަމަލުކުރާނެ ކަމަށް ބެލެވެ އެވެ.