13 އޮކްޓޯބަރ 2019 - 14:13

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހަމަޔަކަށް އަޅުވަން ސްޕޯޓްސް ކޮމިޝަނަރު އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ނޫން ކަމަށް ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީން އަންގާފައި އޮއްވާ ވެސް އެ ކޮމިޓީއާ އެކު ކުރިއަށް ދިއުމަކީ ރާއްޖެ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމެއް ކަމަށާއި އެކަމާ އިންތިހާ އަށް ކަންބޮޑުވާ ކަމަށް އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.

ވީއޭއެމްގެގެ ރައީސް މުހައްމަދު ލަތީފުގެ ލީޑާޝިޕާ ގުޅުން ހުރި ސީރިއަސް މައްސަލަތައް ތަހުގީގުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް، އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
އެ ކޮމިޓީ ބަލައިނުގަންނަ ކަމަށް އެފްއައިވީބީ އަންގާފައި އޮއްވާ ވެސް ނޯމަލައިޒޭޝަން ކޮމިޓީން އަންނަނީ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ސައްހަ މެމްބަރު ކްލަބްތަކެއް ކަނޑައެޅުމަށް ފަހު އަންގާރަ ދުވަހުގެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ހިންގާ ގަވާއިދަށް ބަދަލުތަކެއް ގެނެސް މި މަހުގެ 24 ގައި އިންތިހާބު ބާއްވަން ވަނީ ފާސްކޮށްފަ އެވެ.
އެ އިންތިހާބުގައި ވާދަކުރެއްވުމަށް ރިޔާޒް ޝައުގުވެރިވެވަޑައިގަންނަވަ އެވެ. އެކަމަކު އޭގެ ކުރިން އެ އިންތިހާބަކީ ސައްހަ އިންތިހާބެއްތޯ ބެލުމަށް އޭނާ ވަނީ އެފްއައިވީބީ އަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ކުރިއަށް ދެން އޮންނަ އިންތިހާބެއްގައި ވާދަކުރަން ޝައުގުވެރިވާ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ފޮނުއްވި ސިޓީގައި ވަނީ ތިން ކަމެއް ސާފުކޮށްދޭން އެދިވަޑައިގެންފަ އެވެ.
އެއީ މިހާރު އޮތް ނޯމަލައިޒޭޝަން ކޮމިޓީ އަކީ އެފްއައިވީބީން ބަލައިގަންނަން ކޮމިޓީއެއްތޯ އާއި އެ ކޮމިޓީ އަށް، ވޯޓްލާ ކްލަބްތައް ފައިނަލްކޮށް އެންޑޯޒްކޮށް އަދި އިންތިހާބެއް ބޭއްވުމުގެ އެއްވެސް ހައްގެއް އޮތްތޯ އަދި ކޮމިޓީން ބާއްވާ އެއްވެސް އިންތިހާބެއް އެފްވައިވީބީން ގަބޫލުކޮށް ބަލައިގަންނާތޯ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ކޮޕީކުރައްވައި ރިޔާޒް ފޮނުއްވި ސިޓީގައި ބަޔާން ކޮށްފައިވާ ގޮތުގައި އިންތިހާބަށް ކެންޑިޑެސީ ހުށަހަޅައި އިންތިހާބުގައި ބައިވެރިވާނީ، މި އިންތިހާބު އެފްއައިވީބީންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބަލައިގަނެ، ސައްހަކަން ކަނޑައަޅައި އަދި ގަބޫލުކުރާނެ ނަމަ ކަމަށެވެ.
ރިޔާޒް މިއަދު "މިހާރު" އަށް ވިދާޅުވީ އިންތިހާބުގައި ކާމިޔާބުކޮށް ވޮލީބޯޅަ ހަމަޔަކަށް އަޅުއްވަން ބޭނުންވާ ކަމަށާއި އެކަމަކު ސަސްޕެންޝަނެއް ބޯމަތީގައި އޮއްވާ ނުވަތަ އެފްއައިވީބީން ގަބޫލުނުކުރާނެ އިންތިހާބެއްގައި ބައިވެރިވާން ބޭނުންނުވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑު އެދުނީ މިއީ އެފްއައިވީބީން ގަބޫލުކުރާނެ އިންތިހާބެއްތޯ ބަލަން،" އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކޮށް ހަތަރު މަސް ދުވަސްވެގެން ދިޔައިރު، ކަންކަން ހައްލުކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފި މިދިޔައީ ވަގުތުތަކެއް ބޭކާރުވެގެން ކަމަށާއި މިއީ ވާހަކަދައްކައިގެން ހައްލުކުރެވޭނެ ކަންކަން ކަމަށެވެ. އޮލިމްޕިކް ޗާޓަރުގެ ތެރޭގައި އޮތް ކަމަކަށްވާތީ މިކަމުގައި އޮލިމްޕިކް ކޮމިޓީގެ ބައިވެރިވުން ބޮޑުކުރި ނަމަ އެ ކޮމިޓީ ބަލައިގަތުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ދެކަވަޑައިގަންނަވަ އެވެ.
"ވާހަކަ ދެކެވުނު ނަމަ ރަނގަޅުވީސް. ކޮންޓްރޯލުގައި އޮތް ކަމެއް ނެއްޓިގެން މިދަނީ. ކަމުގެ ބޮޑުމިނަށް ބަލާއިރު މިއީ ކޮންމެ ދުވަހަކު ވެސް ވާހަކަދެކެވެން ޖެހޭނެ ކަމެއް. އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރަށް ކޮންމެ ދުވަހަކު ވެސް މަޝްވަރާކޮށްގެން ރަނގަޅު ކުރެވޭނެ ކަންކަން މިއީ،" ރިޔާޒް ވިދާޅުވި އެވެ.
އެފްއައިވީބީގެ އެންގުމާ ހިލާފަށް ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ކުރިއަށް ގެންދާ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ. އެނގިފައިވާ ގޮތުގައި ކޮމިޓީ އޮތީ ސަސްޕެންޝަނަކަށް ދިޔަ ނަމަވެސް ދޫދޭ ގޮތަކަށް ނޫނެވެ. އެސޯސިއޭޝަނުން ލަތީފް ބޭރުކޮށް އިންތިހާބަކާ ހަމަޔަށް ދިއުމަށް އެ ކޮމިޓީ އޮތީ ފޫގަޅައިގެންނެވެ. ސަސްޕެންޝަނުގެ ބިރާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާ ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކީ ސްޕޯޓްސް ކޮމިޝަނަރުގެ ކަމެއް ކަމަށެވެ. ކޮމިޝަނަރު އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
"ސަސްޕެންޝަނަކަށް ދިއުން ކޫލެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ. "ވޮލީބޯޅަ އާއިލާ ގޭބަންދަކަށް ގެންދަންތޯ އެބޭފުޅުން ބޭނުންފުޅުވަނީ؟"
ރިޔާޒް ވިދާޅުވި ގޮތުގައި ސަސްޕެންޑްކޮށްފި ނަމަ ހަމައެކަނި ބައިނަލްއަގްވާމީ ފުރުސަތުތަކެއް ގެއްލޭނީ ނޫން ކަމަށާއި އުއްމީދެއް ނެތް ކުޅިވަރެއް ކަމަށް ބަލައި ބެލެނެވެރިން ވެސް ކުދިން މި ކުޅިވަރަށް ފޮނުވުން ހުއްޓާލައި ވައިޑީޕީ އަށް އަސަރުކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭން އަންނަނީ ސައުތު އޭޝިއަން ގޭމްސް އަށް ހާއްސަ ގޮތެއްގައި ތައްޔާރުވަމުންނެވެ. ސްޕޯޓްސް މިނިސްޓްރީން ވަނީ ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށްވާ ސާބިއާގެ މިރޮލަޑް ކިޔާޗް ރާއްޖޭގެ ކޯޗަކަށް ހަމަޖައްސައިދީފަ އެވެ. އެކަމަކު ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ އެ ހުރިހާ ފުރުސަތެއް ގެއްލި ރާއްޖޭގެ ވޮލީބޯޅަ ދުވަހަކު ނުވެއްޓޭ ދަރަޖައަކަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ.
"ސަސްޕެންޝަނަކީ ހައްލެއް ނޫން. އޭގެ ސަބަބުން އަސަރުކުރާނީ ހިންގަން ތިބި މީހުންނަށް އެކަންޏެއް ނޫން. މުޅި ވޮލީބޯޅަ އާއިލާ އަށް. ވޮލީބޯޅަ އާއިލާ އެބައޮތް މުޅި ރާއްޖޭގައި. ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ގާތް މީހުން ވެސް އޭގެ ތެރޭގައި ހިމެނޭނެ. އެހެންވެ ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ އެއީ އެންމެންނަށް ކުރިމަތިވާނެ ގެއްލުމެއް،" ރިޔާޒް ވިދާޅުވި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީއެއް ހަދައި އެ މީހަކާ ދެކޮޅަށް ސްޕޯޓްސް ކޮމިޝަނަރު ނުކުމެފައިވާ ލަތީފަކީ، ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްކަން 2008 އިން ފެށިގެން ދެ ދައުރު ފުރުއްވި ރިޔާޒާ ދެކޮޅަށް 2016 ވަނަ އަހަރުގެ އިންތިހާބަށް ނުކުންނެވި ކެނޑިޑޭޓެކެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވީ ރިޔާޒެވެ. އެކަމަކު އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނަރާއި ހޯމް މިނިސްޓްރީން އިންތިހާބު ބާތިލްކުރި އެވެ. އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ލަތީފް އިންތިހާބުވީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލުން ބޭއްވި އިންތިހާބު ކާމިޔާބު ކޮށްގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަރިސް މީހެއް ކަމަށްވާ ލަތީފަށް ސަރުކާރުގެ ތެރެއިން ފިއްތުންތައް ކުރިމަތިވާން ފެށީ މިދިޔަ އަހަރު ޔާމީންގެ ސަރުކާރު ބަދަލުވުމުންނެވެ. އެގޮތުން ލަތީފުގެ ލީޑާޝިޕާ ގުޅުން ހުރި ސީރިއަސް މައްސަލަތައް ސްޕޯޓްސް ކޮމިޝަނަރު ތަހުގީގުކުރުމަށް ފަހު ޖޫން މަހުގެ 10 ވަނަ ދުވަހު އޭރުގެ ހިންގާ ކޮމިޓީ އުވާލީ އެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީއެއް ނަގައި ދިން މެންޑޭޓަކީ ތިން މަސް ދުވަހުގެ ތެރޭގައި، އެސޯސިއޭޝަން ހުރި މައްސަލަތައް އިސްލާހުކޮށް އާ އިންތިހާބެއް ބޭއްވުމެވެ.
އެއާ އެކު އެފްއައިވީބީން ވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ މައުލޫމާތު އެއްކުރުމަށް އެ ތަނަށް ފޮނުވުމަށް އޮލިމްޕިކް ކޮމިޓީ އަށް އަންގައިފަ އެވެ. އެ މައުލޫމާތު އެއްކުރުމަށް ފަހު އޮލިމްޕިކް ކޮމިޓީން އެފްއައިވީބީ އަށް އެންގީ ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމާފައިވާ ނިންމުން ސައްހަ ކަމަށެވެ.
އެއާ އެކު ކަންކަން ހަމަޔަކަށް އެޅުނީ ކަމަށް ބެލެވިފައި އޮއްވާ މައްސަލަ ދިމާވީ ސެޕްޓެމްބަރު 4 ވަނަ ދުވަހު ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން ކަމަށްވާ އެފްއައިވީބީން ނިންމުމުންނެވެ. އަދި ކުޅިވަރާ ބެހޭ ކަންތައްތައް ނިންމާއިރު އޮލިމްޕިކް ޗާޓަރާ އެއްގޮތްވާގޮތަށް އަމަލުކުރުމަށާއި ކުޅިވަރުގެ ކަންތައްތަކަށް ސިޔާސީ ނުފޫޒު ވަނުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށް ވެސް އެފްއައިވީބީން ރާއްޖެ އަށް އެންގި އެވެ.
އެކަމަކު ނޯމަލައިޒޭޝަން ކޮމިޓީން އަންނަނީ އެ އެންގުމަށް ނުބަލައި މަސައްކަތްކުރަމުންނެވެ. އެ ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) ދާދި ފަހުން "މިހާރު" އަށް ވިދާޅުވީ މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތުގައި ނޯމަލައިޒިން ކޮމިޓީން އަމަލުކުރާނީ ރާއްޖޭގެ ކުޅިވަރު ގާނޫނުގެ ތެރެއިން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ)އާ ވެސް މަޝްވަރާ ކުރެވިގެން ކަމަށެވެ.
އެފްއައިވީބީއާ މަޝްވަރާ ކުރާ ކަމަށް އެ ކޮމިޓީން ބުނި ނަމަވެސް ކުރީގެ ނިންމުން ބަދަލުކުރި ކަމެއް ނުވަތަ އިންތިހާބު ގަބޫލުކުރާނެ ކަމަށް އެފްއައިވީބީން އަދި ނުބުނެ އެވެ. އެހެންވެ ނޯމަލައިޒޭޝަން ކޮމިޓީން ބާއްވާ އިންތިހާބު ކެންސަލްކޮށް ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.
"އެއީ އަޅުގަނޑު ހުރިހާ ވެސް ކަންބޮޑުވުމަކީ. އިންތިހާބެއް ބާއްވައިގެން ކަންކަން ހަމަޔަކަށް އެޅެން ބޭނުންވޭ. އަދި އެ އިންތިހާބަށް ކުރިމަތިލާން ޝައުގުވެރިވޭ. އެކަމަކު އެފްއައިވީބީގެ ރުހުން ނެތް ކޮމިޓީއަކުން އިންތިހާބު ބާއްވައިގެން އެ އިންތިހާބު ކެންސަލްކޮށްފި ނަމަ އެއީ ލިބޭނެ ބޮޑު ގެއްލުމެއް،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒްގެ ސިޓީ އަށް އެފްއައިވީބީން ދޭ ޖަވާބާ އެކު ދެން ވާނެ ގޮތެއް އެނގޭނެ ކަމަށް ބެލެވެ އެވެ.