ގައުމީ އަރުޝީފްގެ އިސްވެރިއަކަށް ފަރެސް އާމިރު
ގައުމީ އަރުޝީފްގެ އިސްވެރިއަކަށް ފަރެސް އާމިރު

ގައުމީ އަރުޝީފްގެ އިސްވެރިއަކަށް ދިވެހި ބަހުގެ އަދީބު މުހައްމަދު އާމިރު އަހްމަދު (ފަރެސް އާމިރު) މިއަދު އައްޔަން ކުރައްވައިފި އެވެ.

މިއީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ދިވެހި ބަސް ކިޔަވައި ދެއްވުމާއި މުގައްރަރު ތައްޔާރުކުރުން އަދި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އާމިރަށް ގައުމީ އަރުޝީފްގެ ޑިރެކްޓަ ޖެނެރަލްކަން ދެއްވާފައިވާ ކަމަށެވެ. އެއީ އެ އިދާރާގެ އެންމެ އިސް މަގާމެވެ.

އާމީރަކީ ދިވެހި ބަހުން ބެޗަލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މެމްބަރުކަން ވެސް މީގެ ކުރިން ކުރައްވައިފަ އެވެ.

އަރުޝީފްގެ ޑިރެކްޓަ ޖެނެރަލް ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އާމިރު އަދާކުރެއްވީ ސަން މީޑިއާ ގްރޫޕުގެ ޑިރެކްޓަ އެޑްމިން އެންޑް އެޗްއާރްގެ މަގާމެވެ.

ގައުމީ އަރުޝީފްގެ އިސްވެރިއަކަށް އެންމެ ފަހުން ހުންނެވީ މުހައްމަދު ޝާތިރެވެ. ތާރީޚީ އިލްމުވެރިޔާ ޝާތިރު ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.