24 ސެޕްޓެމްބަރ 2016 - 22:56

ރާއްޖޭގެ އެލް މޮބައިލް ފިހާރައިން ގެލެކްސީ ނޯޓު7 ގަތް މީހުންންނަށް ބަދަލުދޭން ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މޮބައިލް ފޯނުގެ ވިޔަފާރިކުރާ އެއް ފިހާރައިން ގެލެކްސީ ނޯޓު7 ގަތް މީހުންގެ އަތުން ފޯނު އަނބުރާ ހޯދައި ބަދަލުދޭން ނިންމީ، ސެމްސަންގް އިން އެންމެ ފަހުން ނެރުނު އެ ބްރޭންޑުގެ ފޯނުގެ ބެެޓެރިއަށް ދިމާވިި މައްސަލައާ ގުޅިގެން ފޯނުތައް ހޯދައި ބަދަލު ދޭން ފަށާފައިވާތީ އެވެ.
އެލް މޮބައިލްގެ އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ ސެމްސަންގް ކުންފުންޏަށް އެއްބާރުލުން ދިނުމުގެ ގޮތުން، ރާއްޖޭގައި ކަސްޓަމަރުންނަށް ވިއްކި 170 ފޯނު އަނބުރާ ހޯދައި ބަދަލު ދޭން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނެ ބައެއް ފަރާތްތަކަށް ފައިސާ ވެސް އަނބުރާ ދީފައި. އަދި އެހެން ފޯނަކަށް ބަދަލުކުރަން ބޭނުންވެގެން ބަދަލު ވެސްކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.
އެލް މޮބައިލް އިން ބުނީ ނޯޓު7 ގަނެފައިވާ މީހުންގެ ތެރެއިން މިހާތަނަށް ވިއްސަކަށް މީހުންނަށް ބަދަލު ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި ވަނީ ވިއްކި ނޯޓު7ގެ ހުރިހާ ފޯނެއް ހޯދައި އަޅުގަނޑުމެންގެ ސަޕްލަޔަރާ ހަވާލުކުރަން. މިކަމަށް ވެސް ވަރަށް ބޮޑު ހަރަދެއް އެބަ ހިނގާ. އެކަމަކު ވެސް އަޅުގަނޑުމެން ބޭނުންވީ ކަސްޓަމަރުންނަށް ރަނގަޅު ބަދަލެއް ދޭން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނޯޓު7ގެ އާ ފޯނު ބޭނުންވާ މީހުންނަށް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފޯނު ދޫކުރަން ފެށޭވަރުވާނެ އެވެ.
އެލް މޮބައިލް އިން ނޯޓު7ގެ ފޯނެއް ވިއްކީ 15،700ރ. އަށެވެ.
އެލް މޮބައިލް އިން ބުނީ އެތަނުން ނޯޓު7 ގަނެފައިވާ މީހުން މާދަމާ ރޭ 10:00ގެ ކުރިން ފޯނު އަނބުރާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އެލް މޮބައިލްގެ އެކި ބްރާންޗްތަކާ ފޯނު އަނބުރާ ހަވާލުކުރިއިރު، އެ ފިހާރައިން ފޯނު ގަތްކަމުގެ ސޭލްސް އިންވޮއިސް ނުވަތަ އެފަދަ ހެއްކެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އެލް މޮބައިލް އިން ނޯޓް7 ގެ ފޯނުތަކަށް ބަދަލު ދޭން ފެށި ނަމަވެސް ރާއްޖޭގެ ސެމްސަންގެ އޮތޮރައިސް ޑިސްބްރިއުޓަރު ހައިކް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ އެތަނުން ވިއްކި ފޯނުތަކަށް ބަދަލު ދޭން އަދި ނިންމާފައި ނުވާ ކަމަށެވެ.
"ސެމްސަންގުން އަޅުގަނޑުމެންނަށް އަދި އަންގައިފައެއް ނެތް ވިއްކި ފޯނުތައް ހޯދައި އަނބުރާ ފޮނުވާކަށް. އެގޮތަށް އެންގުމުން އަޅުގަނޑުމެން އެކަން ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ސެމްސަންގްގެ ފޯނެއްގެ ބެޓްރީ ގޮވުމުން އެ ކުންފުނިން ވަނީ ނޯޓު7 ގެ ހުރިހާ ފޯނެއް އަނބުރާ ނަގަން ފަށައިފަ އެވެ.
ނޯޓު7ގެ ފޯނުތައް މަތިންދާބޯޓުގައި ބޭނުންކުރުން މަނާކޮށްފައި ވަނިކޮށް، ސިންގަޕޫރުން ފުރައިގެން އިންޑިއާގެ ޗެންނާއީ އަށް އިއްޔެ ދަތުރުކުރި އިންޑިގޯ އެއާލައިނުގެ މަތިންދާ ބޯޓެއްގައި އޮތް ނޯޓު 2 ގެ ފޯނެއް ނުގޮވީ ހަމަ ކިރިޔާ އެވެ. އެ ހާދިސާ ހިނގި ނަމަވެސް މީގެ ކުރިން ނޯޓު ސީރީޒްގެ އެހެން ފޯނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައެއް ނުވެ އެވެ. ނޯޓު7 ގެ ބެޓެރީ ގޮވުމާ ގުޅިގެން ވަރަށް ގިނަ އެއާލައިންތަކުން މިހާރު ވަނީ ސެމްސަންގް ފޯނުތައް މަނާކޮށް އަދި ބޯޓަށް އެރުވި ނަމަވެސް ފޯނު ނިންވާލާފައި ބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ.