13 އޮކްޓޯބަރ 2019 - 15:05

ކަރެކްޝަންސްގެ ދައުރު ފުރިހަމައަށް ފޯރުކޮށްދޭން އެންމެ މުހިންމީ މުވައްޒަފުންނަށް ތަމްރީނު ދިނުން ކަމަށާއި އެކަން ރަނގަޅަށް ކުރެވިއްޖެނަމަ ކަރެކްޝަންސް އާއި ޖަލުތަކަކީ މުޖުތަމައު ބަލައިގަންނަ ތަންތަކަށް ވެގެން ދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން މެދުފަންތީގެ މެނޭޖްމަންޓް އޮފިސަރުންނަށް އަމާޒުކޮށްގެން ފެށި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ތަމްރީނަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. ހިދުމަތްތައް ރަނގަޅުކުރަން އިންސާނީ ވަސީލަތް ތަރައްގީކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށް ވިދާޅުވި އެވެ.

ޖަލުތައް މެނޭޖުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެކަމުގައި އުޅޭއިރު ދަތިތަކާ ވެސް ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުތަކުގައި ދޭ ހިދުމަތް ރަނގަޅު ކުރެވޭނީ ތަމްރީނާއި ތަޖުރިބާ ރަނގަޅުވެގެން ކަމަށެވެ. އެގޮތުން މިއަދު ފެށި ފަސް ދުވަހުގެ ޓްރެއިނިންގެ ސަބަބުން ޖަލުގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ކަރެކްޝަންސްގެ ދައުރު ވީހާ ވެސް ބޮޑަށް ފޯރުކޮށްދިނުމަށް ޖަލުތަކަކީ އިންސާނީ ކަރާމަތާއި އިއްޒަތް ނުގެއްލޭގޮތަށް ހިންގާ ތަންތަން ކަމަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި އެކި ސަބަބުތަކާ ހެދި ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުން މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހަދައި ރިހިބިލިޓޭޓް ކުރެވޭނެ ބަޔަކަށް ހެދުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ. .
"ކަރެކްޝަންސްގެ ދައުރު އޭގެ ފުރިހަމަގޮތުގައި ދިވެހި މުޖުތަމައަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ އެންމެ ބޮޑު އުއްމީދާ އެކު ކުރެވޭ މަސައްކަތަކީ ފުރިހަމަ ތަމްރީން ފޯރުކޮށްދިނުން. މިކަން ރަނގަޅު ގޮތުގައި ކުރެވިއްޖެ ނަމަ މުޖުތަމައު ބަލައިގަންނަ ބަޔަކަށް މި މުއައްސަސާ ހެދިގެންދާނެ،" މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަކީ މުއައްސަސާތައް ހަރުދަނާކޮށް ކައިރިން ފޯރުކޮށްދޭ ހިދުމަތް ރަނގަޅުކުރުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޖަލުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިބި މުވައްޒަފުންގެ ގާބިލްކަން އިތުރުކުރަން ބޮޑެތި މަސައްކަތްތައް ކުރުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ.
މިނިސްޓަރު ވަނީ ތަމްރީނުތަކުން ލިބޭ މައުލޫމާތުތަކުގެ ބޭނުންހިފައި ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން އިސް ނަގައިގެން މަސައްކަތްކުރަން އެދިވަޑައިގެންފަ އެވެ.
އެ ތަމްރީން ޕްރޮގްރާމަކީ ރެޑްކްރޮސް އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.