މަސްވެރިން ބާނާ ހުރިހާ މަހެއް ވެސް ގަންނަން: މިފްކޯ
މަސްވެރިން ބާނާ ހުރިހާ މަހެއް ވެސް ގަންނަން: މިފްކޯ

އުތުރުގެ މަސްވެރިކަން ތިޔާގި ނަމަވެސް މަސްވެރިން ބާނާ ހުރިހާ މަހެއް ވެސް މިހާރު ގަންނަމުންދާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ ތެރޭގައި އުތުރުގެ މަސްވެރިކަން ވަނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ތިޔާގިވެފަ އެވެ. އެހެންވެ ފެލިވަރުގައި ހުންނަ މިފްކޯގެ ފެކްޓްރީ އަށް ވަނީ ބާރު ބޮޑުވެ، މަސް ކިރުމުގެ މައްސަލަތައް ބޮޑުވެގެން ދިޔަ އެވެ. އަދި މަސްވެރިން ބާނާ މަސްތައް ނުކިރި އުލާން ޖެހޭ ހިސާބަށް ވެސް ދިޔަ އެވެ.

ފައުޒީ "މިހާރު" އަށް މިއަދު ވިދާޅުވީ ފެލިވަރުގައި ދުވާލަކު ކިރޭނީ 170 ޓަނުގެ މަސް ކަމަށެވެ. ގިނަ އަދަދަކަށް މަސް ކިރަން ޖެހޭތީ، އިތުރު ބޯޓުތައް ފެލިވަރަށް ގެންދަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދިވެސް އެބަހުރި އިނގޭތޯ ފެލިވަރުން މަސްކިރުމުގައި ދަތިތަކެއް. އެހެންވެ އަޅުގަނޑުމެން މިހާރު އައްޑޫންނާއި ކޫއްޑު އަށް ދޯނިފަހަރު ގެނެސްގެން މެނޭޖް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ދެ މަހެއްހާ ދުވަހު އުތުރުގެ މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން ބައެއް ކުންފުނިތަކުން މަސް ގަންނަ މިންވަރު ލިމިޓް ކުރި އެވެ. ނަމަވެސް މިފްކޯއިން ލިމިޓެއް ކަނޑަނާޅާނެ ކަމަށާއި މަސްވެރިން ބާނާ ހުރިހާ މަހެއް ވެސް ގަންނާނެ ކަމަށް ފައުޒީ ވިދާޅުުވި އެވެ.

އުތުރުގައި މަސްވެރިކަން ކުރަމުން އަންނަ މަސްވެރިޔަކު ބުނީ މަސްވެރިކަން ތިޔާގި މި ދުވަސްވަރު ކިޔޫގައި ތިބެން ޖެހުމުން ދަތިވި ނަމަވެސް ކިޔޫގައި ހޭދަކުރަން ޖެހޭ ދުވަސްތައް ކުރިއަށްވުރެ މަދު ކަމަށެވެ. މީގެ ކުރިން ބައެއް ދޯނިތަކުން ހަފްތާއެއް ވަންދެން ކިޔޫގައި ތިބެން ޖެހުނެވެ.

"މަސްކިރަން ގޮސް އަދިވެސް ތިބެން އެބަޖެހޭ ދެތިން ދުވަސް ވަންދެން. މިހާރު ދެން ދޯނިތައް މަދުވީމަ މި ވަރު ވެސް މިވަނީ. ކުރިން ވަރަށް ގިނަ ދުވަސް ނަގާ،" މަސްވެރިޔާ ބުންޏެވެ.

އުތުރުގެ މަސްވެރިކަން ތިޔާގިވެ މަސްކިރުމުގައި ދަތިތަކާ ކުރިމަތިވެފައިވާއިރު މަސްކިރުމަށް ކޫއްޑު އަށް ދާން ބޭނުންވާ ދޯނިތަކަށް އެ ފުރުސަތު ވެސް މިފްކޯއިން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން، 10 ޓަނަށްވުރެ ގިނައިން މަސްބާނާ ދޯނިތަކަށް ކޫއްޑު އަށް ދިއުމަށް ތެލުގެ ހަރަދު ދޭނެ ކަމަށް ފައުޒީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މަސްވެރިން ބުނާގޮތުގައި ކުރިއަށް އޮތް މަސްތަކުގައި ވެސް އުތުރަށް މަސްވެރިކަން ރަނގަޅުވާނެ އެވެ. އަދި ދެކުނުގެ މަސްވެރިކަން ވެސް މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް ލަފާ ކުރެވެ އެވެ.