24 ސެޕްޓެމްބަރ 2016 - 22:19

މެންޗެސްޓާ (ސެޕްޓެމްބަރު 24) - ފާޑުކިޔުން އަމާޒުވެފައިވާ މެންޗެސްޓާ ޔުނައިޓެޑުން ޕައުލް ޕޮގްބާގެ ލަނޑާ އެކު ޗެމްޕިއަން ލެސްޓާ ސިޓީ އަތުން މިރޭ 4-1 އިން މޮޅުވިއިރު، ސްވަންސީ ސިޓީ އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގައި ހަ ވަނަ މޮޅު ހޯދައިފި އެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ޔުނައިޓެޑް ބަލިވިއިރު މިރޭ ކެޕްޓަން ވޭން ރޫނީ އަށް ފުރުސަތެއް ނުދެ އެވެ. ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއިރު ފުރަތަމަ ހާފުގައި ހަތަރު ލަނޑު ވައްދާލި އެވެ. ދުނިޔޭގެ ރެކޯޑް އަގެއްގައި ޔުނައިޓެޑާ ގުޅުނު ޕޮގްބާގެ އިތުރުން މި މެޗުގައި ލަނޑު ޖެހީ ކްރިސް ސްމޯލިން އާއި ހުއާން މަޓާ އަދި މާކަސް ރެޝްފޯޑެވެ. ދެ ވަނަ ހާފުގައި ލެސްޓާގެ ހަމައެކަނި ގޯލް ޖެހީ ޑެމަރައި ގްރައޭ އެވެ.
މި މޮޅާ އެކު 12 ޕޮއިންޓް ހަމަކޮށް ޔުނައިޓެޑް އޮތީ ފަސް ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ހަ މެޗުން ހަ މޮޅުވި ހޯދައިގެން 18 ޕޮއިންޓާ އެކު ވާދަވެރި ސިޓީ އެވެ. މިރޭގެ މެޗުގައި ސާޖިއޯ އަގުއޭރޯގެ ލަނޑުން ސިޓީ ލީޑު ނަގާފައިވަނިކޮށް ފެނާންޑޯ ލޮރެންޓޭގެ ގޯލުން ސްވަންސީން ނަތީޖާ ހަމަހަމަކުރި އެވެ. ސިޓީ މޮޅުވީ ފަހު ހާފުގައި ޕެނަލްޓީއަކުން އަގުއޭރޯ ކާމިޔާބުކުރި ގޯލާއި ރަހީމް ސްޓާލިން ޖެހި ގޯލުންނެވެ.
މިޑްލްސްބަރާ އަތުން 2-1 އިން މޮޅުވެ 14 ޕޮއިންޓާ އެކު ޓޮޓެންހަމް ހޮޓްސްޕާސް ދެ ވަނަ އަށް އެރިއިރު ލިވަޕޫލް ވަނީ ހަލް ސިޓީ އަތުން 5-1 އިން މޮޅުވެ 13 ޕޮއިންޓް ހަމަކޮށް ތިން ވަނަ އަށް ޖެހިލައިފަ އެވެ. ޖޭމްސް މިލްނާ ދެ ލަނޑު ޖެހިއިރު ލިވަޕޫލުގެ އަނެއް ތިން ލަނޑު ކާމިޔާބުކުރީ އެޑަމް ލަލާނާ އާއި ސަޑިއޯ މާނޭ އަދި ފިލިއްޕޭ ކުޓީނިއޯ އެވެ.