އެމްޑީޕީގެ ޖަލްސާ ބާއްވަން އާޓިފިޝަލް ބީޗް ދުލެއް ނުކުރެވޭނެ
އެމްޑީޕީގެ ޖަލްސާ ބާއްވަން އާޓިފިޝަލް ބީޗް ދުލެއް ނުކުރެވޭނެ

އާޓިފިޝަލް ބީޗުގައި ސިޔާސީ ހަރަކާތް ހިންގުން މަނާކޮށްފައިވާތީ، އެ ތަނުގައި އެމްޑީޕީގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޖަލްސާ ބާއްވަން އާޓިފިޝަލް ބީޗް ދުލެއް ނުކުރެވޭނެ
އެމްޑީޕީގެ ޖަލްސާ ބާއްވަން އާޓިފިޝަލް ބީޗް ދުލެއް ނުކުރެވޭނެ

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި އެ ޕާޓީގެ އާއްމު ޖަލްސާއެއް ބޭއްވުމުގެ ހުއްދަ އަށް ހައުސިން މިނިސްޓްރީގައި އެ ޕާޓީން ވަނީ އެދިފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ "ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން އެތަން ދޫނުކުރަން ނިންމާފައިވާ" ކަމަށެވެ.

އާޓިފިޝަލް ބީޗްގައި ޖަލްސާ ނުބޭއްވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ އިރު، އެމްޑީޕީގެ ޖަލްސާއެއް އެއްވެސް ތަނެއްގައި ބޭއްވުމުގެ ހުއްދަ ނުދޭ ކަމަށް އެ ޕާޓީން ބުނެ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވީ އެ ޕާޓީގެ ޖަލްސާތައް ބާއްވާނެ ތަނެއް ހޯދަން އެދުނަސް ހުއްދަ ނުދޭތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށެވެ. މީގެ ކުރިން ބައެއް ޖަލްސާތައް ބާއްވާފައި ވަނީ މިނިސްޓްރީގެ ހުއްދަ ނުނަގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަލްސާ ބާއްވާނެ ތަނެއް ހޯދަން އެދި ހުށަހަޅާ އެއްވެސް ސިޓީއަކަށް މިނިސްޓްރީން ޖަވާބެއް ނުދޭ. ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގެ ހޯދަން އެދުމުން ވެސް ފަހު ވަގުތު އެންގީ ސަރުކާރުގެ ބޭނުމަކަށް އެތަން ނަގާފައިވާތީ ދޫކުރެވެން ނެތް ކަމަށް،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޖަލްސާތައް ބޭއްވުމުގެ ހުއްދަ ނުދެނީ، އިދިކޮޅު ސިޔާސީ ފަރާތްތަކަށް ހުރަސް އެޅުމަށެވެ. އެމްޑީޕީގެ ޖަލްސާތައް ބާއްވާނެ ތަނެއްގެ ހުއްދަ އަށް އެދުނަސް އެ ހުއްދަ ނުދޭކަން އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނަށް ވެސް އެނގޭ ކަމަށް އަނަސް ވިދާޅުވި އެވެ.

"ހުއްދަ އަށް އެދި މިނިސްޓްރީ އަށް ހުށަހަޅާ ހުރިހާ ސިޓީތަކެއްގެ ކޮޕީ އިލެކްޝަންސް އާއި ފުލުހުންނަށް ފޮނުވަން،" އަނަސް ވިދާޅުވި އެވެ.

"ޖަލްސާތައް ބާއްވަން ތަނެއް ހަމަޖައްސައިނުދޭކަން އެނގިތިބެ އެކަމާ އިލެކްޝަނުން އަޅާނުލާތީ ވަރަށް ދެރަ. އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް."