12 އޮކްޓޯބަރ 2019 - 18:49

ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން، ދިރާގުގެ ސްޕޮންސާޝިޕުގެ ދަށުން މިއަދު ބޭއްވި އެއް ވަނަ ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތް ނިމިގެން ދިޔައީ އުއްމީދީ ފެތުންތެރިންތަކެއް ކަރުގައި މެޑަލް އަޅުވާލައިގެންނެވެ. އެ ކުދިންގެ ހުނަރު ދައްކާލަން ލިބުނު ރަނގަޅު ޕްލެޓްފޯމެއްގެ އިތުރުން މި މުބާރާތާ އެކު ފެށިގެން މިދިޔައީ ރާއްޖޭގައި އާއްމުންނަށް ވާދަވެރި ފެތުމުގެ ރޭސްތަކުގައި ވާދަކުރާނެ ރަނގަޅު ޕްލެޓްފޯމެކެވެ.

ދިރާގުން ބާއްވާ ރޯޑް ރޭހަކީ އާއްމުންނަށް ވާދަވެރި ރޭހެއްގައި ދުވެލަން ލިބޭ ފުރުސަތެކެވެ. ސްވިމް މޯލްޑިވްސް އިން މި ފެށި މުބާރާތަކީ ކުރިމަގުގައި ރޯޑްރޭހުގެ ފެތުމުގެ ވާޝަނަށް ވާނެ ކަމަށް އެ ފަރާތުން ދެކެ އެވެ.

"ކޮންމެ ކަމެއްގައި ވެސް ކޮންމެވެސް ކަހަލަ މޯޓިވޭޝަނަލް ފެކްޓާއެއް އިނިއްޔާ ކުރިއަށްދާން ފަސޭހަވާނީ. މިފަދަ ރޭހެއް އޮތުމަކީ ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ފެތުން އާއްމުންގެ ތެރޭގައި އާލާވާނެ ކަމެއް،" ބައިވެރިޔަކު ބުންޏެވެ.

ރަސްފަންނާ ދިމާލުން މޫދުގައި ބޭއްވި ރޭހުގައި ޖުމްލަ 198 ފެތުންތެރިން ބައިވެރިވި އެވެ. ޖުމްލަކޮށް ހުރިހާ އިވެންޓެއް އެއްކޮށް، އެއް ކިލޯމީޓަރުގެ ރޭހުން އެންމެ ބާރު ތިން ފެތުންތެރިން ވަނީ ހޮވައިފަ އެވެ. ފިރިހެނުންގެ ބައިން އެއް ވަނަ އަކީ އުމުރުން 15 އަހަރުގެ މުހައްމަދު އާން ހުސެއިނެވެ. ޓައިމިން އަކީ 15:06 މިނެޓެވެ. މި ބައިން ދެ ވަނަ ހޯދީ 15:45 މިނެޓުން ފެތި 12 އަހަރުގެ މުހައްމަދު ރިހާން ޝިހާމެވެ. އަދި ތިން ވަނަ ހޯދީ 15:58 މިނެޓުން ފެތި 14 އަހަރުގެ މުހައްމަދު ޖޫދު ފަޔާޒެވެ.

އަންހެނުންގެ ބައިން އެއް ވަނަ ހޯދީ ރާއްޖޭގެ އުއްމީދީ ފެތުންތެރިޔާ ހަމްނާ އަހުމަދެވެ. ޓައިމިން އަކީ 16:29 މިނެޓެވެ. އޭނާގެ ފަހަތުން ދެ ވަނަ ހޯދީ ޖަރުމަނުގެ ލަރިސާ އޮފެނީ އެވެ. ޓައިމިން އަކީ 17:16 މިނެޓެވެ. އަދި ތިން ވަނަ ހޯދީ 17:47 މިނެޓުން ފެތި އައިޝަތު ސައުޝަން އެވެ.

އިވެންޓުގައި ހަތް ކެޓަގަރީއެއްގެ ރޭސްތަކެއް އޮތެވެ. އޭގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިންނަށް ބޭއްވި 500 މީޓަރުގެ ރޭހާއި 11-14 އަހަރާ ދެމެދުގެ ކުދިންނާއި 15-19 އަހަރާ ދެމެދުގެ ކުރިންނަށް ބޭއްވި އެއް ކިލޯމީޓަރު ރޭސް ހިމެނެ އެވެ. މީގެ އިތުރުން 20-29 އަހަރާ ދެމެދާއި 30-39 އަހަރާ ދެމެދާއި 40-49 އަހަރާ ދެމެދަށް އަދި 50 އަހަރުން މައްޗަށް އެއް ކިލޯމީޓަރުގެ ރޭހަކާއި 500 މީޓަރުގެ ރޭހެއް އޮތެވެ.

މި އިވެންޓުގައި ފަތަން އެނގޭ ކޮންމެ މީހަކަށް ބައިވެރިވާން ފުރުސަތު އޮތެވެ. ވަރަށް ގިނަ އާއްމުންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވެސް ބައިވެރިވި އެވެ. ސްވިމް މޯލްޑިވްސްގެ އެއް މަގުސަދަކީ ވެސް ރާއްޖެ ޕްރޮމޯޓްކުރުމުގެ އިވެންޓެއްގެ ގޮތުގައި ބޭއްވުމެވެ. މީގެ އިތުރުން ގައުމީ ފެންވަރުގެ ފެތުންތެރިންގެ އިތުރުން ދުވުންތެރިން ވެސް ވާދަކުރި އެވެ.

މިއީ ސްވިމް މޯލްޑިވްސްގެ ދެ ވަނަ އިވެންޓެވެ. ފުރަތަމަ އިވެންޓަކީ މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި 'ބާ ބީއާރް ކްރޯލް' އެވެ. ތިމާވެށީގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށް މަގުސަދުގައި ބޭއްވި މި އިވެންޓް ބ. އޭދަފުށިން ފަށައި ކެންދޫ އަށް ނިންމާލީ 43.7 ކިލޯ މީޓަރަށް ފަތައި 23 ރަށަށް އެރުމަށް ފަހު އެވެ. އަދި އިވެންޓުގެ ތެރެއިން އެއް ދުވަހު 6.75 ކިލޯމީޓަރަށް ފަތައި ރާއްޖޭގައި މިހާތަނަށް ކަނޑު ހުރަސްކޮށް އެއް ދުވަހާ އެންމެ ދިގުކޮށް ފެތުމުގެ ރެކޯޑް ވެސް ހެދި އެވެ.

