ރާއްޖޭގައި ފިޓްނެސްގެ ބޮޑު ކެމްޕެއިނެއް ފަށައި އެމްބެސެޑަރަކަށް ސުނިލް
ރާއްޖޭގައި ފިޓްނެސްގެ ބޮޑު ކެމްޕެއިނެއް ފަށައި އެމްބެސެޑަރަކަށް ސުނިލް

ރާއްޖޭގައި ފިޓްނެސްއާ ގުޅުންހުރި ބޮޑު ކެމްޕެއިނެއް ފަށައި އެ ހަރަކާތުގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ސުނިލް ޝެޓީ ހަމަޖައްސައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ހިންގާ ހަރަކާތުގައި ސުނިލްއާއެކު ރާއްޖޭގައި ފިޓްނެސް ދާއިރާގައި މަސައްކަތްކުރާ މީހުން ވެސް ބައިވެރިވާނެ ކަމަށެވެ. އެއާއެކު މުޅި ރާއްޖޭގައި ފިޓްނެސްއާ ގުޅުންހުރި ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް ބުންޏެވެ.

ދުނިޔޭގައި އެންމެ ދުޅަހެޔޮ މީހުން އުޅޭ ގައުމަކަށް ރާއްޖެ ހެދުމުގެ ކެމްޕެއިންގައި "އެމްބެސެޑާ އޮފް ވެލްނެސް" އަށް ހަމަޖެއްސި ސުނިލް މަސައްކަތްކޮށްދޭނީ ހިލޭ ސާބަހަށެވެ.

އޭނާ އަންނަނީ އިންޑިއާގައި ވެސް ފިޓްނެސްގެ އެންމެ ބޮޑު ހަރަކާތް "މިޝަން ފިޓް އިންޑިއާ" ހިންގަމުންނެވެ. އެ ހަރަކާތުގެ ފުރަތަމަ ސީޒަން މިިދިޔަ އަހަރު ނިންމާލީ 43 ސިޓީއަކުން 200 މިލިއަން މީހުން ބައިވެރިވެގެންނެވެ.

ސުނިލް ބުނިގޮތުގައި، މިޝަން ފިޓް މޯލްޑިވްސްގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ބެލުން ކަމަށެވެ. ގުޅިގެން މި ފެށި ކެމްޕެއިންގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނާނެ ގޮތް ކިޔައިދޭނެ ކަމަށް ބުންޏެވެ.

އެ ކެމްޕެއިނާ ގުޅިގެން ދިވެހި ބަހުން ކުރި ޓްވީޓެއްގައި ސުނިލް ބުނީ ކާމިޔާބު ގައުމަކަށް އެންމެ މުހިއްމީ ދުޅަހެޔޮ ރައްޔިތެއް ކަމަށެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި އެއް ގައުމު އަދި ހިތްހެޔޮ ބަޔަކު އުޅޭ ގައުމެއް ކަން ފާހަގަކުރި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިނިސްޓަރު އަހުމަދު މަހުލޫފުގެ ޓީމާއެކު #މިޝަންފިޓްމޯލްޑިވްސް ގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް،" މި ސަރުކާރުުން ކުރިއަށްގެންދާ ހަށިހެޔޮ ދުޅަހެޔޮ ހަރަކާތުގެ ހޭޝްޓެގާއެކު ސުނިލް ކުރި ޓްވީޓުގައި ބުންޏެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް "މިހާރު" އަށް ވިދާޅުވީ ރާއްޖެއަކީ ދުޅަހަޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އޭގެ ދަށުން ފެށި ކެމްޕެއިނާއެކު މުޅި ރާއްޖޭގައި ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިޝަން ފިޓް މޯލްޑިވްސްގައި ޑަބްލިއުއެޗްއޯ ވެސް ބައިވެރިވާނެ ކަމަށެވެ. އެގޮތުން އެ ޖަމިއްޔާގެ ތަފާސްހިސާބުތަކަށް ބަލައި، އެ ހަރަކާތުން ހޯދާ ކުރިއެރުންތަކަށް ބަލާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ވެގެންދާނެ. އޭރުން ބަލިތަކަށް ސަރުކާރުން ކުރާ ހޭދަ ކުޑަކުރެވިގެންދާނެ،" މަހުލޫފު ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މިހާރު ވެސް 61 ރަށެއްގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އައުޓްޑޯ ޖިމް ހެދުމެވެ.