12 އޮކްޓޯބަރ 2019 - 15:44

ބަންގްލަދޭޝްގައި އަންނަ ހަފްތާގައި ފަށާ ޝެއިހް ކަމާލް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ޓީސި ސްޕޯޓްސް ކްލަބާއި އިންޑިއާގެ މޯހަން ބަގާން އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
ޓީސީ އާއި މޯހަން ބަގާންގެ އިތުރުން ގްރޫޕް އޭގައި ދެން އޮތީ ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ އާއި ލާއޯސްގެ ޗެމްޕިއަން ޔަންގް އިލެފަންޓް އެފްސީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝްގެ ޗެމްޕިއަން އަދި ރާއްޖޭގެ ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން އިރުޝާދުދެމުން އަންނަ ބަޝުންދުރާ ކިންގްސް، ޑާކާ އަބަހާނީ، އިންޑިއާގެ ޗެއްނާއީ ސިޓީ އެފްސީގެ އިތުރުން މެލޭޝިއާ ސުޕަ ލީގުގެ ޓެރެންގަނޫ އެފްސީ އެވެ.
މިއީ ޝެއިހް ކަމާލް ކަޕް ބާއްވާ ތިން ވަަނަ ފަހަރެވެ. ފުރަތަމަ ތަށި 2015 ވަނަ އަހަރު ޗިޓަގޮން އަބާހާނީން ހޯދިއިރު، މީގެ ދެ އަހަރު ކުރިން 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ތަށި އުފުލާލީ ޓީސީންނެވެ. ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ޓީސީން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދެކުނު ކޮރެއާގެ އެފްސީ ޕޮޗެއޮން ބަލިކުރުމަށް ފަހު އެވެ.
ޓީސީން 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފަށައި މިހާރު އެއީ ފުޓްބޯޅައިގެ ގަދަބާރެކެވެ. މިދިޔަ އަހަރު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީސީން މި އަހަރުގެ ސީޒަނަށް ނުކުމެ ކޯޗު މުހައްމަދު އާތިފް (އާތީ)ގެ އިރުޝާދުގެ ދަށުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ނަމަވެސް ފަހަކަށް އައިސް މާލީ މައްސަލަތަކާ ހުރެ އާތީ ވަނީ ޓީސީ ކޯޗުކަމުން ވަކިވެފަ އެވެ. ޓީސީ އަށް މިހާރު އިރުޝާދުދެނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދެވެ.
ކްލަބުގެ ދަރަނިތައް އަންނަ ސީޒަން ފެށެން ވާއިރަށް އަދާނުކުރެވިއްޖެ ނަމަ ޓީސީން އަންނަ ސީޒަނަށް ފުޓްބޯޅަ ޓީމެއް ނުނެރޭނެ ކަމަށް ކްލަބުގެ އިސްވެރިޔެއް ކަމަށްވާ އަހުމަދު ނަޝީދު (ޑޭވް) ވަނީ ދާދި ފަހުން ބުނެފަ އެވެ. ޓީސީ އަށް މިހާލަތު ކުރިމަތިވީ ފާއިތުވި އަހަރުތަކުގައި ސަރުކާރު ކުންފުނިތަކުން ދެމުން އައި މާލީ އެހީތެރިކަން މި އަހަރު ނުދޭން ސަރުކާރުން ނިންމުމުންނެވެ. ސަރުކާރު ކުންފުނިތަކުން ކްލަބްތަކަށް ފާއިސާ ނުދޭން ނިންމުމުން އެ ފައިސާ ހަމަޖައްސައިދޭން ހަވާލުވީ އެފްއޭއެމުންނެވެ. ޓީސީން ބުނީ މިހާތަނަށް އެ ކްލަބަށް ލިބެމުން އައި އެހީތެރިކަން ފޯރުކޮށްދިނީ އެފްއޭއެމުން އެކަނި ކަމަށާއި ހަމައެކަނި އެހެން ކުރިއަށްދާން ދަތިތަކެއް އެބަހުރި ކަމަށެވެ.
މުސާރަ ނުދޭ މައްސަލައިގައި ޓީސީގެ ގޯލުން މި ސީޒަނުގައި ފެނުނު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ރިލީސް ހޯދައިފަ އެވެ. ޓީސީ ފަހުން ކުޅުނު މެޗުތަކުގައި ގޯލު ބެލެހެއްޓީ ކުރިން ވެސް އެ ޓީމު ގޯލުން ފެނުނު ކީޕަރު އިބްރާހިމް ނަދީމް (ރިކޫ) އެވެ.
އެނގިފައިވާ ގޮތުގައި ޝެއިހް ކަމާލް ކަޕް އިންތިޒާމުކުރާ ފަރާތުން މުބާރާތުގައި ކުޅޭ ކޮންމެ ޓީމަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ. މި މަހު 19 ވަނަ ދުވަހު މުބާރާތް ފަށާއިރު އަންނަ މި ހަފްތާގެ ފަހުކޮޅު ޓީސީން ބަންގްލަދޭޝަށް ދާނެ ކަމަށް މައުލޫމާތު ލިބެ އެވެ. ޓީސީން މި މުބާރާތުގައި ވާދަކުރާތީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމު ކުޅޭ މެޗުތައް ވަނީ ފަސްކުރެވިފަ އެވެ.