ރޮނާލްޑޯ 700 ލަނޑު ހަމަކުރަނީ
ރޮނާލްޑޯ 700 ލަނޑު ހަމަކުރަނީ

ލިޒްބަން (އޮކްޓޯބަރު 12) – ޔޫރޯ ކޮލިފައިންގައި ރޭ ލަގްޒަމްބާގް އަތުން 3-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ވައްދާލި ގޯލަކީ އޭނާގެ ކެރިއަރުގެ 699 ވަނަ ގޯލެވެ.

ކެރިއަރުގައި 700 ގޯލް ހަމަކުރަން އޭނާ އަށް ދެން ބޭނުންވަނީ އެންމެ ގޯލެކެވެ. އަދި ރޭގެ ގޯލާ އެކު ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު 94 އަށް އަރުވާފައިވުމާ އެކު ގައުމީ ޖާޒީގައި ސައްތައެއް ހަމަކުރަން މަދުވަނީ ހަ ގޯލެވެ.

ލިޒްބަންގައި ކުޅުނު މި މެޗުގެ 16 ވަނަ މިނެޓުގައި ޕޯޗުގަލަށް ކުރި ހޯދައިދިނީ މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އެވެ. ރޮނާލްޑޯ 65 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދީފައިވަނިކޮށް ތިން ވަނަ ގޯލް 89 ވަނަ މިނެޓުގައި ޖެހީ ގޮންކާލޯ ގުއެޑެސް އެވެ.

މި ނަތީޖާއާ އެކު ޕޯޗުގަލް ގްރޫޕުގެ ދެ ވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި 16 ޕޮއިންޓާ އެކު އޮތީ ރޭ ލިތުއޭނިއާ އަތުން 2-0 އިން މޮޅުވި ޔޫކްރޭނެވެ. ތިން ވަނައިގައި އޮތް ސާބިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓް ކަމުން ޕޯޗުގަލަށް މާބޮޑު ހާސްކަމެއް ނެތެވެ. ކޮލިފައިވާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވަނީ އައިސްލެންޑް އަތުން 1-0 އިން މޮޅުވެފަ އެވެ. ރަށުން ބޭރުގައި ކުޅެ އޮލިވާ ޖިރޫގެ ޕެނަލްޓީ ލަނޑާ އެކު މޮޅުވެ ފްރާންސް އޮތީ ގްރޫޕް އެޗްގެ ދެ ވަނައިގައި 18 ޕޮއިންޓާ އެކު އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ރޭ އަލްބޭނިއާ އަތުން 1-0 އިން މޮޅުވި ތުރުކީ އެވެ.