25 ސެޕްޓެމްބަރ 2016 - 06:11

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
"ކަލެއަށް ވަސްވާސްދީ، ކަލޭގެ އަޤީދާ ބަލިކަށިކުރަން ޝައިތާނުންގެ ފައުޖުތައް އަދި އަންނާނެ،" އިސްމާއިލް އެ ވާހަކަތައް ކިޔައިދިންއިރު، އެ އަޑުގައި ނުތަނަވަސްކަމެއް ހުއްޓެވެ. "ކަލޭ މާޔޫސްކޮށްލާނެ. ރާޤީއަށް ހުމޭރު ކުރާ އިތުބާރަށް ލޮޅުންއަރުވާނެ. ކަލޭމެން ތި ކިޔާ ޑިޕްރެޝަނާ، އެންޒައިޓީއާ، ސްޓްރެސްއަކީ ޝައިތާނުން ކުރިމަތިކުރުވާ ބަލިކަށިކަމެއް. އިންސާނުން އެކަހެރިކޮށްލުމަށްޓަކާ، ރޫޙާނީބާރަކުން ބޭނުންކުރާ، ތޫނު ހަތިޔާރެއް. އެ ކަމުގަ ޖިންނިޝައިތާނުން ބޭނުންކުރާ އުކުޅުތައް މި ކިޔައިދެނީ. ފުރަތަމަ ހަދާ ގޮތަކީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ސުވާލު އުފައްދަނީ. އެހެން މީހުންނާ ދޭތެރޭގަ ޝައްކާ، ޙަސަދަ އުފައްދަނީ. މިސާލަކަށް، އެވެނި މީހަކަށް ތިމާ ކިހާ ކަމެއް ކޮށްދޭކަން. އެ މީހާ ތިމާއަށް އެއްވެސް ކަމެއް ނުކޮށްދޭކަން. އޭނަ ކޮށްދިން ކަންތައްތައް ހަނދާންނައްތުވާފަ، ނުކޮށްދިން ކަންތަކާ ދޭތެރޭ ޝައްކު އުފައްދާނީ. ދެން އެ މީހަކަށް ނަފުރަތު ކުރުވާނީ. އެންމެ ގިނައިން އެ ލަނޑުދޭނީ ދެމަފިރިންނަށް. އެ ހިސާބުން ދެމަފިރިން ވާހަކަދެއްކުން ހުއްޓޭނެ. އެހެންނޫނީ، ދެމެދުގަ ޒުވާބެއް އުފެދޭނެ. އަރާރުންވެ ޒުވާބު ކުރުމަކީ ޖިންނިޝައިތާނުން ވަރަށް އުފާވާކަމެއް. އެ މަންޒަރު ފެނުނީމަ ޝައިތާނުން އަޑުން އަޑުނަގައިފަ ހޭނެ. އަހަންނަކީ ޖިންނިއެއް. ކުރިން އެ ކަން ކުރި ޝައިތާނެއް. މަށަށްތާ އެނގޭނީ. ޒުވާބުކުރާ ދެމަފިރިން، ވަކި ހިސާބަކުން އެކަހެރި ކޮށްލާނެ. ގިނަ ފަހަރަށް އެކަކު ވަންނާނީ ކޮޓަރިއަށް. ނޫނީ ފާޚާނާއަށް. ތަންޑު ވެސް އަޅާނެ. ފޯނުކޯލަކަށް ޖަވާބުދޭކަށް ބޭނުމެއް ނުވާނެ. ޖަވާބު ދިނަސް ބުނާނީ ތިމަންނަ ބޭނުންވަނީ އެކަނި އިނދެލާށޭ. އަނދިރީގަ، އެކަނިމާއެކަނި ކޮޓަރީގަ އޮންނައިރު، ހިތުގަ އުފެދިފަހުރި ޙަސަދަވެރިކަން އެހެން ހަރުފަތަކަށް ގެންދަން ޝައިތާނާ ބޭނުންވާނެ. މީހަކު ނަޞޭޙަތެއް ދިނަސް އިންސާނާ އެ އަޑެއް ނާހާނެ. ނަމާދެއް ކުރާކަށް ބޭނުމެއް ނުވާނެ. ކުރިއަށް ވުރެ ބޮޑަށް ހިތުގަ އުފެދޭނީ ނަފުރަތު. އެހެންވެ، އެކަކު ވެސް އެހެން މީހެއްގެ އެހީތެރިކަމެއް ނުހޯދާނެ. ލަފާ އަހާކަށް ބޭނުމެއް ނުވާނެ. ދަނޑިވަޅު ބަލައިފަ، ޖިންނިޝައިތާނުންގެ ހާއްޔަކަށް ސިކުނޑި ބަދަލުކޮށްލާނެ. އެކި އަޑުއަޑު އިވޭހެން ތިމާއަށް ހީވާނެ. އެކި ކަހަލަ ނުބައި ޢަމަލު ހިންގަން ސިކުނޑި ބުނާހެން ހީވާނެ. ފުރަތަމަ އެ އަޑުތައް އިވޭހެން ހީވާނީ ތިމާގެ އަމިއްލަ އަޑުން. ބިރުވެރިކަމާ ކުރިމަތިލާން ޖެހެނީ، މުޅި ހަށިގަނޑުގެ ހުންގާނު ޖިންނިޝައިތާނުންގެ އަތްމައްޗަށް ދޫވީމަ. ދެން ވާހަކަދައްކަން ފަށާނީ ވަރުގަދަ ޖިންނިއެއްގެ އަޑުން. ދެން އަތުންފައިން ހެދޭނީ ގޯހެއް. ޖިންނިމޮޔަވުމޭ ކިޔާ ހިސާބަކީ އެއީ. ބައެއް ފަހަރު، މާޔޫސްވެގެން ގޮސް އަމިއްލައަށް ދަންޖެހިދާނެ. އުސް ތާކުން ފުންމައިލަފާނެ. ކުފުރު މަރަކުން މަރުވާނީ. އަނެއްބައި ފަހަރު، މޮޔަވެގެން މުޅި ރަށުތެރޭގަ އެނބުރޭނީ."
އިސްމާއިލްގެ ވާހަކައިން އަހަންނަށް އެނގުނު ގޮތުގައި، ޝައިތާނާއަށް ވަފާތެރިވާ ޖިންނީން ވަރަށް ގިނައެވެ. ޖިންނީން ބޭނުންވާ ގޮތަކަށް ސިކުނޑިއާ ކުޅެލުމަށްޓަކައި މިއުޒިކުގެ އެހީ އެވެރިން ހޯދައެވެ. އިންސާނާގެ ހިތް މިޔުޒިކާ ދިމާއަށް ލަންބައެވެ. މިޔުޒިކު އަޑުއަހަން ފެށީމައި އެ މިޔުޒިކާ ގުޅިފައިވާ ސަޤާފަތުގެ ކުލަ އެ މީހާގެ ގައިގައި ހަރުލައެވެ. އެ ގޮތަށް އުޅެން ބޭނުންވެއެވެ. މިޔުޒިކާ ނުލައި އެއްވެސް ކަމެއް ކުރެވޭކަމަކަށް ނުވެއެވެ. ދެން މިޔުޒިކު ކުޅޭ މީހުން ހެދުންއަޅާ ގޮތަށް ހެދުންއަޅަން ބޭނުންވެއެވެ. އަޅުކަމާ ދުރަށް ދާހިތްވެއެވެ. ލަވަގައި ކިޔާ ފާޙިޝް ބަސްތައް ސިކުނޑީގައި ހަރުލައި ތިމާގެ ދުލުން އެ ބަސްތައް ކިޔަން ބޭނުންވެއެވެ. ލަވަ އަޑުއިވުމަށް ފަހު، ހަށިގަނޑު ތެރޭގައި އުޅޭ ޝައިތާނުން އެ ލަވަ ތަކުރާރު ކުރެއެވެ. ބައެއް ފަހަރު ބުނެވޭނެއެވެ. މިއަދު މި އުޅެނީ މިވެނި ލަވައެއް ބޮލުގައި ހަރުލައިގެންނެވެ. ކޮންމެ ކަމެއް ކުރަން އޭނަ ހުއްޓަސް، ދުރުން އެ ލަވަ އަންނައިރު އަޑުއިވޭހެން އިވިގެން އެ ލަވަ ކިޔޭނެއެވެ. މިޔުޒިކަށް ލޯބިޖެއްސުމަށްޓަކައި، ލަވައަޑުއިވުމުން ހިތަށް ފިނިކަންލިބޭ ކަމުގެ އިހުސާސްތަކެއް ޝައިތާނުން ކުރުވައެވެ. ދެތިން ފަހަރަކު އައޫޒު ކިޔާއިރަށް އެ ލަވަ ހަނދާން ނެތޭނެއެވެ. އެކަމަކު އަނެއްކާ ވެސް އިރުކޮޅަކުން ހަނދާން އެނބުރި އަންނާނެއެވެ. ސަބަބަކީ، ވަސްވާސްދިނުމުގައި ހުއްޓުމެއް ނެތި ޖިންނިޝައިތާނުން މަސައްކަތް ކުރާތީއެވެ. ޖިންނީންގެ ޚާއްޞަ ނިޝާނެއް އޮވެއެވެ. އެއީ އަތުގެ މެދު އިނގިއްޔާއި ކަށި އިނގިލި ލައްޕައިލައިފައި ދެން ހުންނަ އިނގިލިތައް ހުޅުވައިލުމެވެ. ނުވަތަ ލަވަކިޔާ ބައެއް މީހުން "ޔޯ" ބުނެފައި އެ ދައްކާލާ ނިޝާނެވެ. ސްޕައިޑާމޭން ވާ ދޫކޮށްލާއިރު އަތަށް ހަދާލާނީ ވެސް އެހެންނެވެ. ބައެއް މީހުން ނަށާއިރު ވެސް އަތަށް އެހެން ހަދައިލާނެއެވެ. އެއީ އިންސާނުންނަށް އެ ނިޝާނުގެ ނުފޫޒު މިހާރު ފޯރައިފައިވާ ވަރެވެ. ޖިންނިޝައިތާނުން އެންމެ ފުރަތަމަ އައިސް ހަށިގަނޑަށް ވަންނައިރު ފުރަތަމަ ދައްކާލާ ނިޝާނަކީ އެއީއެވެ. އަދި ބުނެއެވެ. މީ އިބިލީހުގެ ނިޝާނެވެ. މިއުޒިކާ އިންސާނާ ދޯޅަވާ ވަރަކަށް އެ މީހެއްގެ ވަށައިގެން އުޅޭ ޖިންނިޝައިތާނުންގެ އަދަދު ގިނަވެއެވެ. ނަމާދާ ދުރުވެއެވެ. އޭނައަށް ލިބިފައިވާ ރިޒުގާއި ނިޢުމަތްތަކަށް ޝުކުރުވެރިވުން ހުއްޓައިލައެވެ. އޭނަ ދެކޭ ގޮތުގައި އޭނަ ނޫން އެހެން މީހުން ވިސްނާ ގޮތް ގޯހެވެ. އެ ހިސާބުން، ގޮތްދޫނުކުރުމާއި ބޯހަރުކަން އަށަގަނެއެވެ. މިއީ ޖިންނިޝައިތާނުންގެ ސިފައެކެވެ. ޖިންނީންގެ ވަސްވާހުގައި ޖެހިފައި ހުންނަ މީހާ އަޅުކަމެއް ނުކުރާނެއެވެ. ޤުރުއާނެއް ނުކިޔަވާނެއެވެ. ވީމާ، ވީހާ ވެސް ގިނަ ދުވަހު އެ މީހާ އެ ގޮތަށް ބަހައްޓަން ޖިންނިން ބޭނުންވެއެވެ. މޮޔަމީހާގެ ސިކުނޑީގައި ދެ ކަމެއް ހަރުލައްވަން ޝައިތާނާ މަސައްކަތް ކުރެއެވެ. ފުރަތަމަ ކަމަކީ، އެ މީހާއަކީ ވަރަށް މޮޅު މީހެއްކަމުގައި ހީކުރުވުމެވެ. އެހެން މީހެއްގެ އެހީ ބޭނުން ނުވާކަން ވިސްނައިދިނުމެވެ. އެ އަށް ފަހު ތިމާގެ ބަދުނަސީބުކަމާ މެދު ސުވާލު އުފައްދައެވެ. ކަލާނގެއެއް ވާ ނަމަ ތިމާއަށް މިވެނި ގޮތަކަށް ކަންތަކެއް މެދުވެރިއެއް ނުވާނޭ ހީކުރުވައެވެ. އެ ހީގެ މަތީގައި ހިފަހައްޓައިލައެވެ. އެންމެ ފަހުން ޝިރުކު ކުރުވައެވެ. އަމާޒަކީ އެއީއެވެ. އެ ހިސާބަށް ގެންދެވިއްޖެ ނަމަ، ގެއްލުމާއި ހަލާކު ކުރިމަތިވެއެވެ. ކުރިން ހުރި ހިސާބަށް އެ އިންސާނަކު އަނބުރާ ގެންނަން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ވަސްވާހަށް ހެއްލޭ މީހުން ގިނަ ވަގުތު ހޭދަކުރާނީ އެ މީހުންގެ ގުރޫޕުގެ މީހުންނާ އެކުގައެވެ. އެ އެންމެންގެ އަޤީދާ ބަލިކަށިވެފައި ވުމާއި، މަގު ގެއްލިފައިވާތީ އެ އެންމެންގެ ފަރާތުން ނާޖާއިޒު ފައިދާ ނަގައިގެން އެ މީހުން ލައްވާ ނުބައި ކަންކަން ކުރުވުން ޖިންނީންނަށް ވަރަށް ފަސޭހަވެއެވެ. ޑުރަގު ބޭނުންކުރާ މީހުންގެ ކޮނޑުގައި ތިބޭ ޖިންނިޝައިތާނުން ވަރަށް ބިޔައެވެ. އެއީ، ކުރިން ތިބި ވަސްވާސްދޭ ޝައިތާނުންގެ ވާޖިބު އަދާކުރެވުމުން ދެން އަންނަ ބައެކެވެ.
އިންސާނަކު ޖިންނިމޮޔަވުމަކީ ޖިންނިޝައިތާނުންނަށް ވަރަށް މަޖާކަމެކެވެ. ޖިންނީން ބޭނުންވާ ގޮތްގޮތަށް ހަށިގަނޑު ވައްތަރު ޖައްސުވައިފައި، އެކި އަޑުއަޑުން ހެއްވުމަކީ ޖިންނީން ކުރާހިތްވާ ކަމެކެވެ. އިންސާނާ ހޭއަޑު އެހުމަކީ ޖިންނިޝައިތާނުން ގަޔާވާ ކަމެކެވެ. ހަށިގަނޑުތެރެއަށް ވަނުމާއެކު އެންމެ ފުރަތަމަ ވެސް ޖިންނިޝައިތާނުން ކުރާ ކަމަކީ ހިނިގަނޑެއްޖެހުމެވެ. އެ ކަން ކޮށްފައި ނޫނީ އެހެން ކަމެއް ނުކުރެވެއެވެ. ދެވަނައަށް ކުރާ ކަމަކީ، އެ ތަނުގައި ހުންނަ ކޮންމެވެސް މީހަކާ ބެހިލުމެވެ. މަލާމާތް ކޮށްލުމެވެ.
"ކަލެއަށް މި ކިޔައިދިން ކަންތައްތައް އެހެން މީހުންނަށް ކިޔައިދީ،" އިސްމާއިލް އެދުނެވެ. "އިންސާނުން ހޭލައްވާ! އެ މީހުން ވިސްނާނެ! ބަދަލުވާނެ! ބަޔަކު މަގުފުރައްދަން އަހަރެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރިން. މިހާރު ބޭނުންވަނީ، އެ އަށް ވުރެ ގިނަ މީހުން ހޭލުންތެރިކުރުވަން. ކަލޭގެ ލޯމައްޗަށް ކަންތައްތަކެއް ދެއްކީ އެހެންވެ."
އޭގެ ފަހަކުން އެ ފަދަ ހުވަފެނެއް އަހަންނަކަށް ނުފެނެއެވެ. އެހެންނަމަވެސް، ހައިރާންވާ ކަހަލަ އެތައް ކަމެއް ކުރިމަތިވިއެވެ. ދުވަހަކީ، އަހަރެން ހަނދާންވާ ގޮތުގައި، އިސްމާއިލް އިސްލާމްވިތާ ތިންވަނަ ނުވަތަ ހަތަރުވަނަ ދުވަހެވެ. އަހަރެންގެ ގާތުގައި އިނީ ބައްޕައެވެ. ބައްޕަ ޤުރުއާން ކިޔަވަމުންގެންދިޔައެވެ. ފަހަރަކު ސޫރަތެއް ކިޔަމުން ގޮސް ޔާސީން ސޫރަތް ފެށިއެވެ. އޭރު އަހަރެންގެ ހަށިގަނޑު ތެރޭގައި އިސްމާއިލް ހުއްޓެވެ. ޔާސީން ސޫރަތް އަޑުއިވުމާއެކު އޭނަ ވަރަށް ހިތްހަމަޖެހުނެވެ. އެހެންނަމަވެސް، އެއްވެސް ވާހަކައެއް ނުދައްކައެވެ. ހަށިގަނޑުން ނުކުމެ މުޅި ތަނުގައި އުދުހެން ފެށިއެވެ. އަހަންނަށް އެ މަންޒަރު ފެންނަނީ، ވިދާލާ ވަގުތު ތަންތަން ފެންނަހެންނެވެ. ފަޅި ސިކުންތަކަށް ނުވަތަ ސިކުންތަކަށެވެ. އެ ގޮތަށް އެތައް އިރަކު އުދުހިފައި އައިސް ބިމަށް ތިރިކުރިއެވެ. އޭނަ އައިއިރު، އެކުގައި ވިދާ ކުނޑިތަކެއް ކަހަލަ އެއްޗެއް ވެސް އައެވެ. ޑިސްކޯ ކުނޑިއަށް ވުރެ ބޮޑެއްޗެވެ. ވެލިފޮއްޗަށް ވުރެ ކުއްޖެވެ. އޭގެ ޙަޤީޤަތެއް ނޭނގެއެވެ.
"ޢިލްމުން ކަލޭމެންނަށް އެނގެނީ ވަރަށް ކުޑަކުޑަ މިންވަރެއް." އެ ދުވަހު އިސްމާއިލް ބުނިހާ ވެސް އެއްޗަކީ އެއީއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ހާދީ އައެވެ. އެ ދުވަހު އޮތީ ކަވާޖެހުމެވެ. އަހަންނަށް އެ ދުވަހަކީ ހަމަ އާދައިގެ ދުވަހެކެވެ. ހެނދުނުގެ ނާސްތާކޮށްގެން އައިސް ޓީޝާޓު ބާލައިފައި އެނދުގައި އޮށޯތީމެވެ. ހާދީ ކިޔަވަން ފެށިއެވެ. ފުރަތަމަ ތަށި ޖަހަން ހަމަޖެހިފައި އޮތީ އަހަރެންގެ މޭކަށިގަނޑާ ދިމާގައެވެ. ތަށި ހަމަ ބައިންދާލުމާއެކު އެހެން އިހުސާސެއް އަހަންނަށް ކުރެވުނެވެ. ހަށިގަނޑު ތެރޭގައި ބަޔަކު އެބައުޅޭކަން އަހަންނަށް އެނގުނެވެ. އެންމެ ޖިންނިއެއްގެ ބަދަލުގައި ދެ އަޑެއް އެކުވެގެން އަންނަ އަޑު އިވުނެވެ. ހިމަ އަޑަކާއި ބަރު އަޑެވެ. ވާހަކައެއް ނުދައްކައެވެ. ލެއްވީ އަޑުތަކެކެވެ. ވަކި މާނައެއް ދޭހައެއް ނުވެއެވެ. އެހެންނަމަވެސް، އެކަކަށް އަނެކަކު ޖަވާބުދޭ ކަހަލައެވެ.
"ކަލޭމެންނަށް މި ފަހަރު ކުޅިދައްކާލާނަން،" ހާދީ އިންޒާރުދިނެވެ. "ކީއްކުރަން ހުމޭރުގެ ގައިތެރެއަށް ވަދެގެން ތި އުޅެނީ؟ ހަމަ މިހާރު ނުކުމޭ!"
"އޭ! ކަލެއަކަށް ހުމޭރު ރަނގަޅެއް ނުކުރެވޭނެ،" ޖިންނި އެ ފަހަރު ވާހަކަދެއްކީ ދިވެހިންނެވެ. "ސިހުރުތައް ބާތިލުކޮށްގެން ނުވާނެ. ބޭރުކޮށްގެން ވެސް ނުވާނެ. ކޮން ކަވައެއްޖަހާކަށް؟ ހަމަ މިހާރު ތި ކަން ހުއްޓާލާ!"
ނުނިމޭ