"އުޖުޅާ ޗަމަން" ގެ ޓީމް "ބާލާ" އަށް ދައުވާކުރަނީ
"އުޖުޅާ ޗަމަން" ގެ ޓީމް "ބާލާ" އަށް ދައުވާކުރަނީ

އަޔޫޝްމަން ކުރާނާ ތަލަ މީހެއްގެ ރޯލް ކުޅެފައިވާ ފިލްމު "ބާލާ" ގެ މަސައްކަތް ފެށިތަނާ، އެ ފިލްމަކީ އެހެން މީހެއްގެ ސްކްރިޕްޓް ކޮޕީކޮށްގެން ހަދާފައިވާ ފިލްމެއް ބުނެ މީގެ ކުރިން ވެސް ކޯޓަށް ދާން ނިންމާފައި ވަނިކޮށް، އެ ފިލްމުގެ ޓީމަށް އަނެއްކާ ވެސް ކޯޓް ކޭހަކާ ކުރިމަތިލާން ޖެހުމުގެ ބިރުބޮޑުވެއްޖެ އެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްސް އިން ޕްރޮޑިއުސްކޮށް، އަމަރު ކޯޝިކް ޑައިރެކްޓްކޮށްފައިވާ ފިލްމާ ދެކޮޅަށް ނުކުމެފައި ވަނީ ތަލަ މީހެއްގެ ވާހަކަ ކިޔައިދޭ "އުޖުޅާ ޗަމަން" ގެ ޓީމުންނެވެ.

އެ ފިލްމުން އަލަށް ޑައިރެކްޝަނަށް ނުކުންނަ އަބީޝެކް ޕަތަކް ބޮލީވުޑް ހަންގާމާ އަށް ބުނީ "ބާލާ" ގެ ޓްރެއިލާ ވެސް ބަލައިލުމުން އެ ފިލްމަކީ އެ މީހުންގެ ފިލްމުގެ ޕްލޮޓަށް ހަދާފައިވާ ފިލްމަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި ހަމައެއާ އެކު "އުޖުޅާ ޗަމަން" ގެ ޕޯސްޓަރެއް ވެސް "ބާލާ" ޓީމުން ކޮޕީކޮށްފައިވާކަން އޭނާ ފާހަގަކުރި އެވެ.

އެގޮތުން "އުޖުޅާ ޗަމަން" ގެ ޕޯސްޓަރެއްގައި އެކްޓަރު ސަނީ ސިންގްގެ ތަލަ ބޮލަށް ކުރައަކުން ފެންޖަހާ މަންޒަރު ދައްކުވައިދޭ އިރު، "ބާލާ" ގެ ޕޯސްޓަރު އަޔޫޝްމަން އަމިއްލަ އަށް ފެންކުރައަކުން ތަލައަށް ފެން ޖަހާ ތަން ދަން ދައްކުވައި ދީފައިވެ އެވެ.

އަބީޝެކް ބުނިގޮތުގައި އެ މީހުންގެ ފިލްމަކީ 2017 ގައި ރިލީޒްކުރި ކަންނާޑާ ފިލްމު "އޮންޑޫ މޮޓެއްޔާ ކަތޭ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. އަދި "އުޖުޅާ ޗަމަން" ހެދީ އެ ފިލްމުގެ ރައިޓްސް ވެސް ހޯދައިގެން ކަމަށް ބުންޏެވެ.

ނަމަވެސް "ބާލާ" ގެ ޓީމުން އެ މީހުންގެ ފިލްމުގެ ކޮންސެޕްޓް ކޮޕީރައިޓް ގާނޫނާ ހިލާފަށް ބޭނުންކޮށްފައިވާކަން އެނގޭތީ ދައުވާކުރަން ތައްޔާރުވަމުން އަންނަ ކަމަށް އަބީޝެކް ބުންޏެވެ.

މި މައްސަލަ ހޫނުވެފައި ވަނީ "ބާލާ" އަންނަ މަހުގެ 22 ގައި ރިލީޒްކުރަން ތާވަލުކުރުމަށް ފަހު، "އުޖުޅާ ޗަމަން" ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ދުވަހުގެ އެއް ދުވަސް ކުރިން އަންނަ މަހުގެ 7 އަށް ތާވަލު ވެސް ކޮށްފައި ވަނިކޮށެވެ.

"އަހަރެމެންގެ ފިލްމު އަންނަ މަހުގެ އަށެއްގައި ރިލީޒްކުރަން ނިންމައި ފިލްމުގެ ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދަނިކޮށް ބާލާގެ ޓީމުން ވަނީ އަހަރެމެންނަށް އަމާޒުކޮށް، ރިލީޒްކުރާ ތާރީހު ވެސް އަވަސްކޮށް ގެއްލުން ދޭން މަސައްކަތް ފަށާފައި،" އަބީޝެކް ބުންޏެވެ. "އެހެންވީމަ ބާލާގެ ޓީމަށް ވަރަށް އަވަހަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނަން."

މިކަމާ ގުޅިގެން މެޑޮކްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެއް ކަހަލަ ކޮންސެޕްޓަކަށް ފިލްމުތައް ހެދުމަކީ އާ ކަމެއް ނޫން ކަމަށެވެ. އެކަމަކު އެ މީހުންގެ ފިލްމު "ބާލާ" އަކީ އެއްވެސް ފިލްމެއްގެ ކޮޕީއެއް ނުވަތަ އެހެން ބައެއްގެ މަސައްކަތެއް ނަކަލުކޮށްގެން ހަދާފައިވާ ފިލްމެއް ނޫން ކަމަށެވެ.

އެހެންވެ "އުޖްޅާ ޗަމަން" ގެ ޓީމުން ކޯޓަށް ދިޔަސް، ދައުވާ އިން ދިފާއުވެވޭނެ ކަމަށާއި އެކަމާ ކުރިމަތިލާން ތައްޔާރަށް ތިބި ކަމަށް ވެސް ބުންޏެވެ.

"އުޖްޅާ ޗަމަން" އަކީ އަބީޝެކާއި އޭނާގެ ބައްޕަ ކުމާރު މަންގަތުގެ ފިލްމު ކުންފުނި ޕެނޮރާމާ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.