12 އޮކްޓޯބަރ 2019 - 17:43

އިންޑިއާގެ އެންމެ މުއްސަނދިންގެ ތެރޭގައި ކުރިން ހިމެނުނު އަދި އެ ގައުމުގައި ހޮސްޕިޓަލް ޗޭނެއް ހިންްގަމުން އަންނަ ދެ ބެއިން އޮޅުވާލައިގެން 330 މިލިޔަން ޑޮލަރު ހޯދިކަމުގެ ތުހުމަތުގައި ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.
އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ ޝިވިންދަރު ސިންގާއި މަލްވިންދަރު ސިންގްް ހައްޔަރުކުރީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ފުލުހުންގެ އިިކޮނޮމިކް އޮފެންސަސް ވިންގުން ހިންގި އޮޕަރޭޝަނެއްގަ އެެވެ. މަކަރުހެދުމާއި އިތުބާރު ނަގައިލުމާއި ރާވައިގެން ކުށްތައްް ކުރުމުގެ ކުށުގެ ތުހުމަތު އެ މީހުންގެ މައްޗަށް ކުރެ އެވެ.
"ފާމަ ބްރަދާސް"ގެ ގޮތުގައި އިންޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ދެ މީހުންގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރެލިގެއާ ފިންވެސްޓް ނަމަކަށް ކިޔާ ފައިނޭންޝަލް އިންސްޓިޓިއުޓަކުންނެވެ. އެ ކުންފުނިން ތުހުމަތުކުރާ ގޮތުގައި އެ ދެބެންގެ ކުންފުނިތަކަށް ދޫކުރި ފައިސާއަށް މަކަރުހެދި އެވެ. އެގޮތުން ދޫކުރި ލޯނުތަކުން އެމީހުންގެ ކުންފުނިތަކުގެ އެހެން ދަރަނިތައް އަދާކޮށް، ފިންވެސްޓަށް އެއްވެސް އެއްޗެއް
ނުދިނުމުގެ ސަބަބުން އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ދަށަށް ގޮސްފައިވާ ކަމަށް ދިއްލީ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ޝިވިންދަރު ސިންގާއި މަލްވިންދަރު ސިންގްއާ އެކު އެ ދެބެންގެ ކުންފުނިތަކުގައި އިސްކޮށް މަސައްކަތްކުރި ތިން މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ސިންގްމެންގެ ދެބެން މުއްސަނދިވީ އެމީހުންގެ ބައްޕަ އުފެއްދި އެތައް މިލިޔަން ޑޮލަރެއްގެ ރަންބަކްސީ ލެބޯޓްރީތައް ވާރުތައިން ލިބުމުގެ ސަބަބުންނެވެ. އެކަމަކު އެ ލެބޯޓްރީީތައް 2008 ގައި ވަނީ ޖަޕާނުގެ ޑަައިއިޗީ ސަންކިޔޯއަށް ވިއްކާލައިފަ އެވެ. ނަމަވެސް ފޯޓިސް ހެލްތު ކެއާގެ ނަމުގައި އާއިލާއިން ހިންގަމުން އައި ހޮސްޕިޓަލްތަކަކީ އަދިވެސް އެ މީހުންގެ މިލްކެވެ.