12 އޮކްޓޯބަރ 2019 - 10:14

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅަކަށް އިތިއޮޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ހޮވައިފި އެވެ.
ނޯބެލް އިނާމު ކޮމިޓީން އަބީއަށް އެ ޝަރަފު އަރުވަނީ، އަވަށްޓެރި އެކަމަކު ޒަމާންވީ ދުޝްމަނެއްގެ ގޮތުގައި ބެލި އެރިޓްރިއާ އެކު މިދިއަ އަހަރު ވީ ސުލްހައިގެ އެއްބަސްވުމުގެ ސަބަބުންނެވެ. އަބީގެ މި އިސްނިންގެވުމާ އެކު، ދެ ގައުމުގެ 20 އަހަރު ވީ އަސްކަރީ ކުއްލި ހާލަތު ވަނީ ނިމުމަކަށް އައިސްފަ އެވެ.
ސަރަހައްދީ ރޮނގުގެ މައްސަލައިގައި، އިތިއޮޕިއާ އާއި އެރިޓްރިއާ ދެމެދު 1998-2000 އާ ދެމެދު ހިނގި ހަނގުރާ އަށް ފަހު ދެ ގައުމުގެ އަސްކަރިއްޔާ އަބަދުވެސް އޮންނަނީ ތައްޔާރު ހާލަތުގަ އެވެ.
ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަންނަވާ 100 ވަނަ ފަރާތުގެ ގޮތުގައި އަބީގެ ނަން އިއުލާންކުރީ މިއަދު ނޯވޭގެ އޮސްލޯގަ އެވެ. އިނާމު ދިނުން އޮންނާނީ ޑިސެމްބަރު މަހު އެވެ.
ނޯބެލް ސުލްހައިގެ އިނާމާ އެކު 900،000 ޑޮލަރު (13 މިލިއަން ރުފިޔާ)ގެ ފައިސާގެ އިނާމެއް ވެސް އަބީއަށް ލިބިވަޑައިގަންނަވާނެ އެވެ.
"މިއީ ވަރަށް ބޮޑު އުފަލެއް،" އަބީ ވިދާޅުވި އެވެ.
މި އިނާމު ދޭ ފަރާތްތައް ކަނޑައަޅާ، ނޯވޭގެ ނޯބެލް ކޮމިޓީގެ ސެކްރެޓަރީއާ ފޯނުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ "މިއީ އެފްރިކާއަށް ލިބުނު އިނާމެއް" ކަމަށެވެ.
"އަޅުގަނޑަށް ހިޔާލަށް ގެނެވޭ އެފްރިކާގެ ލީޑަރުން ރަނގަޅު ގޮތުގައި މިކަން ނަގައިގެން، މި ކޮންޓިނެންޓަށް ސުލްހަ ގެންނަން މަސައްކަތްކުރާނެ ކަން،" އަބީ ވިދާޅުވި އެވެ.
ސުލްހައިގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅަކަށް އަބީ ހޮވީ 301 ކެންޑިޑޭޓުންގެ ތެރެއިންނެވެ. އޭގެ ތެރޭގައި 223 މީހުންނާއި 78 ޖަމާއަތް/ޖަމިއްޔާ ހިމެނެ އެވެ.
ގިނަ މީހުން އެންމެ ބޮޑަށް ލަފާކުރީ މި އަހަރުގެ ސުލްހައިގެ އިނާމު ލިބޭނީ ތިމާވެށީގެ ޒުވާން ހަރަކާތްތެރިޔާ އެންމެ 16 އަހަރުގެ ގްރެޓާ ތަންބާގަށް ކަމަށެވެ. ނަމަވެސް ނޯބެލް ސުލްހައިގެ އިނާމަށް ޝޯޓް ލިސްޓްކުރާ މީހުންގެ ނަންތައް ހާމަނުކޮށް 50 އަހަރު މަޑުކުރަން ޖެހުމުގެ އުސޫލެއް ގެންގުޅޭތީ، ކޮމިޓީން ބުނީ ރަސްމީ އެނައުންސްމަންޓް އައުމުގެ ކުރިން ދެކެވޭ ވާހަކަތަކަކީ "އާދައިގެ ލަފާކުރުމެއް" ކަމަށެވެ.
އެޕްރީލް 2018 ގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން އަބީ ގެންދަވަނީ، ކުރިން ވަރަށް ބޮޑެތި ހިފެހެއްޓުންތަކެއް އޮތް އިތިއޮޕިއާ އަށް ވަރަށް ބޮޑެތި އިސްލާހީ ބަދަލުތައް ގެންނަވަމުންނެވެ.
އޭނާ ވަނީ ޖަލަށް ލާފައި ތިބި އިދިކޮޅު އެތައް ހާސް ހަރަކާތްތެރިން މިނިވަންކޮށްފަ އެވެ. އަދި އަމިއްލައަށް އަރުވާލެވިގެން އެކި ގައުމުތަކުގައި އުޅުނު ސިޔާސީ މީހުން އެނބުރި ގައުމަށް އައުމުގެ ހުއްދަ ވެސް ދެއްވި އެވެ. އޭނާގެ ވެރިކަމުގައި، މަތީ މަގާމުތަތަކަށް އެތައް އަންހެނުންނެއް ވެސް ގެންނެވި އެވެ.
މި ހުރިހާ ކަމަކަށް ވުރެ ދުނިޔޭގެ ސަމާލުކަން އަބީ އެންމެ ބޮޑަށް ލިބިވަޑައިގަތީ އެރިޓްރިއާ އެކު ސޮއިކުރެއްވި ސުލްހައިގެ އެއްބަސްވުމެވެ.
އެކަމަކު އެފްރިކާގެ އެންމެ ޒުވާން ވެރިޔާގެ ބެލުމުގެ ދަށުން ހުރިހާ ކަމެއް ދަނީ ރަނގަޅަށް ނޫނެވެ. އޭނާ ވެރިކަމަށް ވަޑައިގަތް ފަހުން އިތިއޮޕިއާގެ އެކި ގަބީލާތަކުގެ މެދުގައި ދެބަސްވުންތައް އުފެދުނެވެ. ނަތީޖާއަކީ މިހާރު ވެސް 2.5 މިލިއަން މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދިއުމެވެ.
މި ސަބަބާ ހެދި، އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ބުނީ، އަބީ ކުރައްވަން ޖެހޭ މަސައްކަތްތައް އަދި ހުރީ ކަމަށެވެ. ނަމަވެސް އޭނާއަށް ސުލްހައިގެ އިނާމު ލިބޭތީ އެކަމަށް މަރުހަބާ ވެސް ކިޔާފައިވެ އެވެ.