11 އޮކްޓޯބަރ 2019 - 23:37

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ޚިލާފް ވާހަކަތައް ހިމެނި މައްސަލައިގައި އެ ޖަމިއްޔާއާ މެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ގާބިލްކަން މި ސަރުކާރުގައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ހިމެނި މައްސަލާގައި އެ ޖަމިއްޔާ ސަސްޕެންޑްކޮށް، ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
"އަންނަނީ އަންނަނީ"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މިރޭ ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެ ރިޕޯޓާ މެދު އެންމެ ފުރަތަމަ ބަސްފުޅު ވިދާޅުވާން ޖެހޭ ބޭފުޅާ ކަމަށެވެ. އެކަމަކު އެ ރިޕޯޓުގެ ހޫނުކަން ކެނޑުނު ފަހުން "ވަޅޯކޮށް" އެމަނިކުފާނު ބަސްފުޅެއް ވިދާޅުވުމުން އެނގެނީ އެކަން ރައީސަށް އެހާ މުހިންމު ނޫން ކަން ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނަނީ އެއްވެސް ފިޔަވަޅެއް އެޅުމުގެ ގާބިލް ކަމެއް ނެތުމުންނެވެ. އެއްވެސް ފިޔަވަޅެއް މި ސަރުކާރުން އެކަމަށް ނާޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންގެ ރުޅިވެރިކަމާއި އުދާސް މިހާ ވަރަށް އިތުރުވެގެން ދިޔައީ ކީކޭތޯ ވިދާޅުވީ. ތިމަންނަ އެ މައްސަލަ އެބަ ބަލަމޭ. ދެން ބަޔަކު މިތިބީ ވަރަށް ހިނި އައިސްފައި މި މައްސަލަ ބަލާތީ. ކޯއްޗެއްތޯ ބަލަން އޮތީ އޭގައި. އެ ރިޕޯޓުގައި ލިޔެފައި ހުރި އެއްޗެއް ނުފެންނަނީތޯ؟. ކޯއްޗެއްތޯ ތަހުގީގު ކުރަން އޭގައި އޮތީ؟. މި އުޅެނީ މީހަކު ގެއަށް މަސްތުވާތަކެތި ނަގައިގެން ފޮރުވައިގެން މަސްތުވާތަކެތި އޭނާއަށް ލިބުނު ގޮތް ހޯދާކަށް ނޫނެއް ނޫންތޯ؟ އެ ރިޕޯޓްގެ މުސައްނިފުން އެ މީހުންގެ ނަން ޖަހާފައި ސޮއިކޮށްފައި އެ އޮތީ." ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީއެންގައި ކުރިން މަސައްކަތް ކުރުމަށް ފަހު މިހާރު އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ވެސް އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ބައެއް ކަމަށެވެ.
"ތަހުގީގު ކުރާ ވާހަކަ ދައްކަނީ މިކަން ނުކުރެވޭނެތީ. މިކަން ކުރުމުގެ ގާބިލްކަމެއް ނެތް މި ސަރުކާރުގައި. ނުކުރާނެ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓަކީ އެމްޑީޕީން އާންމުކޮށް އަމަލުކުރާ އުސޫލުގެ ތެރެއިން، މިފަދަ ކަންކަމުގައި ރައްޔިތުން އަމަލުކުރާ ގޮތް ބަލާލުމަށް ނެރުނު ރިޕޯޓަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަހަރު ފިޔަވަޅެއް ނާޅައި، ދޫކޮށްލައިފި ނަމަ ދެން ނަގާނީ އެއަށް ވުރެ "ބޮޑު ރާޅެއް" ކަމަށާއި އެހެންވެ، ހުރިހާ ސިޔާސީ ލީޑަރުން ވެސް މިފަހަރު އެކަމާ ދެކޮޅަށް ތެދުވާން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ޓެރަރިޒަމްގެ ގާނޫނު ފާސްކޮށް، ބިލް ފޮނުވިއިރު އެ މީހުންގެ މޭޒު މަތީގައި އޮންނާނެ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ މި ރިޕޯޓް. އެހެންވީމަ ކޮން ބައެއްތޯ ކުށްވެރިކުރަން މި އުޅެނީ މި ވާހަކަ ދައްކައިގެން،" ޔާމީން ވިދާޅުވި އެވެ.
"ދީނުގެ ދިފާއުގައި މި ވާހަކަ ދައްކައިގެން ސަރުކާރަށް މަޖުބޫރު ކޮށްގެން ބިރު ދައްކައިގެން ކަމަށް ވަންޏާ އަޅުގަނޑުމެން އެންމެން އެއްފަހަރާ ވެސް ހައްޔަރު ކުރަންވީ. އެއީ ކުރެވިދާނެ ކަމެއް. އެކަމަކު މި ރިޕޯޓް އެ މީހުންގެ އަތުގައި އޮވެގެން މިއަށް ދީނާއި ގައުމާއި ރައްޔިތުން ދެކެ ލޯބިވާ ބަޔަކު މިއަށް ފާޅުގައި ފާޑު ކިޔާނެކަން އެނގި ތިބެގެން ޓެރަރިޒަމްގެ ގާނޫނަށް މި އިސްލާހު ގެނައީ."
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ 19 އަކީ ދޮގު ހެދުމާއި ކަންކަން އޮޅުވާލުން ހިމެނޭ ކަމެއް ކަމަށެވެ. އެއީ އަބަދުވެސް އެމްޑީޕީގެ އުސޫލު ކަމަށާއި އިންތިޚާބުތަކާ ދިމާކޮށް، ލާ މަރުކަޒީ އުސޫލުން ކައުންސިލްތަކަށް ބާރުދީ، ބަޖެޓުން ވަކި ބައެއް ކައުންސިލްތަކަށް ދޭން ކަމަށް ބުނެ ރައްޔިތުންނަށް ވެފައިވާ ވައުދަކީ ވެސް އޭގެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅޭ ކަންކަމުގައި ވެސް މި މީހުންގެ ވާހަކަ މި ހުންނަނީ ގޮތަށް. ހަމަ ދޮގު ހެދުމާއި އޮޅުވާލުމާއި މަކަރު ހެދުމާއި މިކަހަލަ ކަންކަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ނުފޫޒު ފޯރުވީ މި ސަރުކާރުންނެވެ. އެގޮތުން އެކި މައްސަލަތަކުގައި ކަމަށް ބުނެ ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެގޮތުން ކުރަމުންދާ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އޭރު ނެރުނު އަމުރަކީ ވެސް މިނިވަން މުއައްސަސާތަކަށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ނުފޫޒު ފޯރުވާ ކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިތާކު ނެތް މިނިވަން މުއައްސަސާއެއް. މި މިނިވަން މުއައްސާތަކަށް ކަތުރު ފަނި އެޅުވީ ކޮން ބައެއްތޯ؟ 2018 ފެބްރުއަރީ އެކެއް ޚިޔާލަށް ގެންނަވާ. މި މުޑުދާރު ނާތަހުޒީބު އަމަލު ހިންގީ ކޮން ބައެއްތޯ؟." ޔާމީން ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ހުރިހާ ބަންދު ދުވަސްތަކެއް އުނި ކުރުމަށް ފަހު 100 ދުވަސް ހަމަވިއިރު ވެސް ހާސިލް ކުރެވުނު ކަމެއް ނެތް ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ދެ ފަހަރަށް ބަޖެޓް ފާސް ކުރުމަށް ފަހު އަންނަ އަހަރު 40 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރިޔަސް، މިހާރު ސަރުކާރު އޮތް ހާލަތުން ހޯދޭނެ މާ ބޮޑު ކުރިއެރުމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.