11 އޮކްޓޯބަރ 2019 - 22:53

އުތުރުގެ ތިން އަތޮޅެއްގެ ރައްޔިތުން ސިއްޚީ ޚިދުމަތަށް ބަރޯސާވާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ކާޑިއެކް ޚިދުމަތް މިރޭ ރަސްމީކޮށް ފަށައިފި އެވެ. މިއީ، ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި ދެ ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކާޑިއެކް ސެންޓަރުގެ ޚިދުމަތާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތް މިނިސްޓްރީން ބުނީ، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުން ހުރިހާ ނޮން އިންވޭސިވް ކާޑިއެކް ޓެސްޓްތައް މިހާރު ހެދޭނެ ކަމަށެވެ. އެގޮތުން، ކާޑިއޯގްރާމާއި ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑާ މޮނިޓަރިން އެ ސެންޓަރުން ހެދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއީ، ހއ. އާއި ހދ. އަދި ށ އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސީޓީ އާއި ކާޑިއޯ ޓެސްޓު ހެދުމަށް އެ ހޮސްޕިޓަލުން 74 ބަލި މީހުން މާލެ ފޮނުވަން ޖެހުނެވެ. މީގެތެރެއިން ގިނަ މީހުން ފޮނުވާލަން ޖެހުނީ ޗާޓަރު ނުވަތަ ޝެޑިއުލްޑް ފްލައިޓެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ފަރުވާ އަށް އެހެން ހޮސްޕިޓަލަކަށް ޗާޓަރު ފްލައިޓެއްގައި މިގޮތަށް ފޮނުވާލާ ބަލި މީހަކަށް 125،600 ރުފިޔާ ޚަރަދުވާ ކަމަށެވެ. ޝެޑިއުލްޑް ފްލައިޓެއްގައި ފޮނުވާލަން 14،966 ރުފިޔާ ހޭދަވެ އެވެ.
ފްލައިޓު ދަތުރުގެ އިތުރުން ބަލިމީހާ އާއި އާއިލާގެ އަތުން އެތައް ޚަރަދުތަކެއް، ހުރުމާއި ކެއުން ފަދަ ކަންކަމަށް ކުރަން ޖެހެ އެވެ. އެހެންކަމުން ކުޅުދުއްފުށީ ހޮސްޕިޓަލުން ސީޓީ ސްކޭނާއި ކާޑިއެކް ޚިދުމަތް ލިބުމަކީ ރެފަރަލް ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.
އެ މިނިސްޓްރީން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް 64،000 މީހުންނަށް ލިބޭނެ ކަމަށެވެ.
ހެލްތުން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ދުވާލަކު އެވްރެޖްކޮށް 305 ބަލި މީހުން ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ހޯދަ އެވެ. އަދި ހޮނިހިރު ދުވަހު އެ އަދަދު 650 އަށް އަރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ހޮސްޕިޓަލްގައި މިވަގުތު 28 ޑޮކްޓަރުންނާއި 78 ނަރުހުންގެ އިތުރުން 16 މެޑިކަލް ޕްރެކްޓިޝަނުން ފަރުވާދެ އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި މަތީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރުމަށް ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނާފައިވެ އެވެ. އުތުރުގައި ގާއިމްކުރާ އެފަދަ އެއް ހޮސްޕިޓަލަކީ ކުޅުދުއްފުށީ ހޮސްޕިޓަލެވެ.