އިންޒާރު ދޭ މީހުންނާ މެދު ވެސް ފިޔަވަޅު އަޅާނަން: ހަމީދު
އިންޒާރު ދޭ މީހުންނާ މެދު ވެސް ފިޔަވަޅު އަޅާނަން: ހަމީދު

އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނާ ދެކޮޅު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅާ ގޮތަށް، އެކި މީހުންނަށް ދެމުންދާ އިންޒާރުތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހުންނަށް އެކި އިންޒާރުތައް ދެމުންދާ މައްސަލަ ވެސް ގާތުން ބަލަމުންދާ ކަމަށެވެ. އެ ފަރާތްތަކާ މެދު މެދު ވެސް ފުލުހުން ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ހިނގާ ނަމަ، އެކަން ފުލުހުންނަށް ރިޕޯޓް ކުރުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

ހަމީދު އެގޮތަށް ވިދާޅުވިއިރު، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ހިމަނާފައިވާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލަ ބަލަމުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި ފިޔަވަޅު އެޅުމުގައި ފުލުހުން ފަސް ނުޖެހޭނެ ކަމަށް ހަމީދު ކުރިން ވިދާޅުވެފައިވެ އެވެ.

އެ ރިޕޯޓާ ގުޅިގެން ބައެއް މީހުންނަށް މަރުގެ އިންޒާރު ލިބެމުންދާ ކަމުގެ ޝަކުވާތަކެއް ލިބެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. އަދި އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުން ދާތީ އެ ޖަމްއިއްޔާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.