12 އޮކްޓޯބަރ 2019 - 07:13

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 11 މިރޭ ފަށާނެ އެވެ.
މި ޝޯގެ ޕްރޮމޯތަކެއް ވެސް ސޮނީން ދައްކަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. ރާއްޖެ ގަޑިން 7:30 ގައި ޝޯ ފަށާ އިރު މިރެއިން ފެށިގެން ދައްކާނީ އޮޑިޝަން ޝޯތަކުގެ އެޕިސޯޑްތަކެވެ. އޭގެ ފަހުން އޮޑިޝަނުން ގާލާ އަށް ހޮވޭ ބައިވެރިންނާ އެކު ޝޯގެ ކުލަގަދަ އަދި ރަސްމީ ބައި ފަށަން ގާތްގަނޑަކަށް ތިން ހަފުތާ ވަރު ނަގާނެ އެވެ.
"އިންޑިއަން އައިޑޮލް" އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ.
މި ފަހަރުގެ ޝޯއިން ވެސް ޖަޖުންގެ ގޮތުގައި ފެންނާނީ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީގެ އިތުރުން މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އަނޫ މަލިކެވެ.
އަނޫ "އިންޑިއަން އައިޑޮލް" ގެ 11 ވަނަ ސީޒަނަށް އެނބުރި މި އަންނަނީ މިދިޔަ އަހަރުގެ ސީޒަން ކުރިއަށް ދަނިކޮށް އޭނާގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ޝޯއިން ވަކިކޮށްފައި ވަނިކޮށެވެ. އޭނާގެ އެ ބަދަލުގައި އެ ފަހަރު ޝޯގެ ޖަޖުންގެ ޕެނެލް ފުރިހަމަކޮށް ދިނީ ސޮނީން މިދިޔަ ހަފުތާގައި ނިންމައިލި "ސުޕަސްޓާ ސިންގާ" ގެ ޖަޖްކަން ވެސް ކުރި ޖާވިދު އަލީ އެވެ.
އަނޫ މަލިކަކީ އިންޑިއަން އަައިޑޮލް ގެނެސްދޭން ފެށި ފަހުން އެ ޝޯގެ ކޮންމެ ސީޒަނެއްގެ ޖަޖުންގެ ޕެނެލުން ފުރުސަތު ލިބޭ ފަންނާނެކެވެ. މި ފަހަރު ޝޯ ހޯސްޓްކުރާނެ ބެލެވެނީ ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަން އެވެ.
އިންޑިއާ އަށް އިންޑިއަން އައިޑޮލް ތައާރަފުވީ 2004 ގަ އެވެ.
މިދިޔަ އަހަރު "އިންޑިއަން އައިޑޮލް" ސީޒަން 10 ކާމިޔާބުކުރީ ސަލްމާން އަލީ އެވެ.