12 އޮކްޓޯބަރ 2019 - 07:17

މިދިޔަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމް ކުރި މަރާޓީ ފިލްމު "ފިފްޓީންތު އޮގަސްޓް" އަށް ފަހު، ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓާއި ފިރިމީހާ ޑރ. ސްރީރާމް ނޭނާގެ ފިލްމު ކުންފުނި އާންއެންއެމް މޫވިން ޕިކްޗާޒުން އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
މި ފަހަރު ވެސް ހަމަ މަަރާޓީ ފިލްމެކެވެ. ރޫހާނީ ކަންކަން ގަބޫލުކުރާ އާއިލާއެއްގެ ތެރޭގައި ހިނގާ ހާދިސާތަކެއް މަޖާ ގޮތަކަށް ކިޔައިދޭ ފިލްމުގެ ނަމަކީ "ޕަންޗަކް" އެވެ. ޖަޔަންތު ޖަތާރު ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންނަކީ އަދިނާތު ކޮތާރޭ، ތޭޖާޝްރީ ޕްރަދާން، އާނަންދު އިންގާލޭ، ނަންދިތާ ޕަޓްކަރް، ބާރުތީ އަޗަރޭކަރް، ވިދިޔަދަރް ޖޯޝީ، ސަތިޝް އަލޭކަރް، ސާގަރް ތަލަޝިކާރް، ދީޕްތީ ދޭވީ އަދި އަޝިޝް ކުލްކަރްނީ އެވެ.
"ޕަންޗަކް" ގެ ޝޫޓިން ފަށަން ބުރާސްފަތި ދުވަހު ބޭއްވި ހަފުލާގައި މަދޫރީގެ ދެމަފިރިން ބައިވެރިވި އެވެ. އަދި ފިލްމުގެ ވާހަކަ މަދޫރީ ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
އެކަމަކު "ޕަންޗަކް" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރި ޖޯން އަބްރަހަމްގެ އެންމެ ފަހުގެ ފިލްމު "ބަތުލާ ހައުސް" އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.
މި ފިލްމަކީ ފުލުހަކު ކުރާ މަސައްކަތްތަކެއްގެ މައްޗަށް ހަގީގީ ހާދިސާތަކެއް ޑައިރެކްޓަރު ނިކިލް އަދުވާނީ ކިޔައިދިން ފިލްމެކެވެ. ޖޯންއާ އެކު ފިލްމުގައި ބަތަލާގެ ރޯލް ކުޅުނީ މުރުނާލް ތާކޫރެވެ.
"ބަތުލާ ހައުސް" އަކީ ދާދި ފަހުން މަޝްހޫރުވި ނޯރާ ފަތެހީގެ އައިޓަމް ލަވަ "އޮ ސާކީ ސާކީ" ވެސް ހިމެނޭ ފިލްމެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި 113.38 ކްރޯޑް ރުޕީސް (16 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ޓީ ސީޒީރާއި ނިކިލްގެ އެންމޭ އެންޓަޓައިންމަންޓާއި ޖޯންގެ ޖޭއޭ އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދިން ބަތުލާ ހައުސް" ހެދީ 47 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އާއި ނަވާޒުއްދީން ސިއްދީގީ މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމު "މޯޓީޗޫރް ޗަކްނަޗޫރް" ގެ ޓްރެއިލާ ވަރަށް އަވަހަށް ބެލުންތެރިންނަށް ދައްކައިލަން ތައްޔާރުވެއްޖެ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު މަސައްކަތް ފެށި މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ސަންޖީވް ވަތުސާ، ވިބާ ޗިބާރް، ބޫމިކާ ޑޫބޭ، އޫޝާ ނަގަރް އަދި ދެވަންޝް ކުމާރު ހިމެނެ އެވެ.
"މޯޓީޗޫރް ޗަކްނަޗޫރް" އަކީ އާތިޔާގެ ތިން ވަނަ ފިލްމެވެ. ފިލްމު "ހީރޯ" އިން 2015 ގައި ބޮލީވުޑަށް ނުކިތް ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ 2017 ގައި ރިލީޒްކުރި "މުބާރަކަން" އިންނެވެ.
އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީ އާއި ޒީ5 އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިފައިވާ ވެބް ސީރީޒް "ފިތުރަތު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މީގެ މުހިއްމު ރޯލްތައް ކުޅެފައިވަނީ ބޮލީވުޑްގް އެކްޓަރު އަދިތިޔާ ސީލް އާއި ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ އެވެ.
"ފިތުރަތު" ގެ ޓްރެއިލާ ލޯންޗްކުރަން ބޭއްވި ހަފުލާގައި އެކްތާ ބުނީ މި ސީރީޒަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ފިލްމެއްގެ ގޮތުގައި ގެނެސްދޭން އުޅުނު އެއްޗެއް ކަމަށެވެ. ނަމަވެސް ފަހުން ހިޔާލު ބަދަލުވެ، އަހަރުތަކެއް ފަހުން، ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން ނިންމީ ކަމަށް ބުންޏެވެ. އެކްތާ ބުނިގޮތުގައި "ފިތުރަތު" ގައި ބެލުންތެރިން ހައިރާންކޮށްލާވަރުގެ ޓްވިސްޓްތަކެއް ހިމެނޭނެ އެވެ.
"ފިތުރަތު" މި މަހުގެ 18 ވަނަ ދުވަހު ސްޓްރީމްކުރަން ފަށާނެ އެވެ.