ޖަރުމަނުގެ ހުށަހެޅުމެއް އަތުވެއްޖެނަމަ ވިސްނާނަން: ކްލޮޕް
ޖަރުމަނުގެ ހުށަހެޅުމެއް އަތުވެއްޖެނަމަ ވިސްނާނަން: ކްލޮޕް

މިއުނިކް (އޮކްޓޫބަރު 11) - ޖަރުމަނު ގައުމީ ޓީމުގެ ކޯޗަކަށްވާން ހުށަހެޅުމެއް ލިބިއްޖެނަމަ އެކަމާ ވިސްނާނެ ކަމަށާއި އެކަމަކު އެއީ މި ވަގުތަކު ނޫން ކަމަށް ދާދި ފަހުން ފީފާ އިން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ޖަރުމަނު އެފްއޭ އިން 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު އެ ގައުމުގެ ކޯޗަކަށް ގެންނަން އެންމެ ބޭނުންވަނީ ކުރިން މައިންޒާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް އެވެ. ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވި ކްލޮޕް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު އެވެ. ލިވަޕޫލުން އެ އެއްބަސްވުން އާ ކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ޖަރުމަނުގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ ޖަރުމަނު ގައުމީ ޓީމުގެ ހުށަހެޅުމަކާ ބެހޭގޮތުން ވަކި އެއްޗެއް މި ވަގުތު ބުނަން އުނދަގޫ ކަމަށެވެ.

"މި ވަގުތު އަހަރެން މިކުރާ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ. އެއީ އެންމެ މުހިއްމު ވާހަކަ. އަހަންނަކީ ޖަރުމަނުގެ ކޯޗުކަމަށް އެންމެ ރަނގަޅު މީހާއޭ ވެސް ނެތް ބުނެވޭކަށް. އެކަމަކު އެ ހުށަހެޅުން އަތުވެއްޖިއްޔާ ވިސްނާނަން. އެއީ މި ވަގުތު ނޫން ކަމުގައި ވިޔަސް،" ކްލޮޕް ބުންޏެވެ.

ކްލޮޕް އެންމެ ފުރަތަމަ ފާހަގަވީ 2008 އިން 2015 އަށް ޑޯޓްމަންޑް ކޯޗަކަށް ހުރިއިރު އެވެ. އެ ޓީމާ އެކު ތަފާތު ސްޓައިލަކަށް ކުޅުވާ އޭގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް އުފެއްދި އެވެ. ކްލޮޕް ބުނީ 2017/2018 ވަނަ އަހަރުގެ ސީޒަނަށް ފަހު އަލުން ޑޯޓްމަންޑާ ގުޅެން އޭނަ އަށް ހުށަހެޅުމެއް ލިބުނު ކަމަށެވެ.

"އަހަންނަށް ޑޯޓްމަންޑްގެ ހުށަހެޅުމެއް ލިބުނު. އެކަމަކު އަހަންނަކީ ހަވާލުވެހުރި ޒިންމާ އަދާކުރާ މީހެއް. ހެދިފައި އޮންނަ ކޮންޓްރެކްޓަށް އިހުތިރާމްކުރާ މީހެއް. އެކަން ވަރަށް ރަނގަޅަށް ޑޯޓްމަންޑަށް ވެސް އެނގޭނެ،" ކްލޮޕް ބުންޏެވެ.

އުމުރުން 52 އަހަރުގެ ކްލޮޕް ވަނީ ލިވަޕޫލްގެ ކޯޗުކަމަށް ފަހު ފުޓްބޯޅައިން ބްރޭކެއް ނެގުމުގެ ވިސްނުމެއް އެބަހުރި ކަމަށް މީގެ ކުރިން ބުނެފަ އެވެ.