31 މެއި 2016 - 06:20

ޖޯން އެބްރަހަމް 2014 ވަނަ އަހަރު ޕްރިޔާ ރުންޗަލްއާ ކައިވެނި ކުރި ޚަބަރާއެކު ދެ މީހުންގެ މެދުގައި މައްސަލަތައް ޖެހިގެން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރެން ފެށި އެވެ. ޕްރިޔާ ހުންނަނީ ކިޔަވަން އެމެރިކާގައި ކަމަށް ވެފައި ޖޯން މުމްބައިގައި ފިލްމީ މަސައްކަތުގައި އުޅެން ޖެހުމުން ދެ މީހުންގެ މެދުގައި އިތުރަށް ގުޅުން ގޯސްވެފައިވާ ކަމަށް ބައެއް ފިލްމީ މަޖައްލާތަކުން މީގެ ކުރިން ބުނެފައިވެ އެވެ.
މިކަމާ ގުޅޭގޮތުން މީގެ ކުރިން ޖޯން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ދާދިފަހުން މުމްބައިމިރާ ދީފައިވާ އިންޓަވިއުއެއްގައި ޖޯން ވަނީ ފުރަތަމަ ފަހަރަށް އަނބިމީހާ ގުޅޭ ވާހަކަތައް ނޫސްވެރިންނަށް ކިޔައިދީފަ އެވެ.
ޖޯން ބުނީ ޕްރިޔާ އާއި އޭނާ ކައިވެނިކުރިއިރު ވެސް ޕްރިޔާ އަކީ އެމެރިކާގައި ޑިގްރީއަށް ކިޔަވަމުން ދިޔަ މީހެއް ކަމަށެވެ. ނަމަވެސް މިހާރު ކިޔަވާ ނިމިގެން މުމްބައި އަށް ގޮސް އޭނާ ކައިރީގައި ޕްރިޔާ ހުންނަތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި މިހާރު ޖޯންގެ ހުރިހާ މަސައްކަތެއް މެނޭޖްކުރުމާއި ފައިސާ ބެލެހެއްޓުމުގެ ހުރިހާ ކަމަކާ ވެސް ހަވާލުވެގެން ހުރީ ޕްރިޔާ ކަމަށް ޖޯން ބުންޏެވެ.
ޖޯން އިތުރަށް ބުނި ގޮތުގައި ޕްރިޔާ އަކީ އޭނާގެ އަނބިމީހާގެ އިތުރުން އޭނާގެ ވިޔަފާރީގެ ވެސް ޕާޓްނަރެވެ. ނަމަވެސް މާގިނައިން ފަންކްޝަންތަކަށް ގޮސް ހަދަން ޕްރިޔާ ބޭނުމެއް ނުވެ އެވެ.
ގިނަ ފިލްމީ ތަރިންގެ އަނބިން ގޮތަށް ރެޑް ކާޕެޓްގައި ރީތި ގައުންތައް ލައިގެން ފިރިމީހާގެ އަތުގައި ހިފައިގެން ހުރެ ހިނގުން އެއީ ޕްރިޔާ ކުރާހިތްވާކަމެއް ނޫން ކަމަށާއި އެއަށްވުރެ ފައިދާހުރި މަސައްކަތްތައް ކުރުމަށް ޕްރިޔާ މާ ބޭނުންވާ ކަމަށް ޖޯން ބުންޏެވެ.
ބައެއް މީހުން ފޭސްބުކާއި ޓްވިޓާގައި އެމީހުންގެ ބައިވެރިން އެހެން މީހުންނަށް ދައްކަން މަސައްކަތް ކުރިޔަސް ޖޯންގެ ހިތުގައި ޕްރިޔާއަށްޓަކައި އޮތް ގަދަރު އެއަށް ވުރެ މާ މަތިވެރިކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރިޔާގެ ސާދާކަމާއި އޭނާއަކީ ހަރުދަނާ އަންހެނަކަށް ވުމީ ޕްރިޔާގެ ކިބައިގައި ހުރި ޖޯން އެންމެ އަޅައިގެންނަ ސިފަކަމަށް އޭނާ ބުނެފައިވެ އެވެ.
"ޕްރިޔާ ބޭނުމެއް ނުވޭ އޭނާ އަކީ ފިލްމީ ތަރިއެއްގެ އަންބެއްގެ ގޮތުގައި މީހުންނަށް އިޝްތިހާރުވާކަށް. އެއަށް ވުރެ އޭނާ ބޭނުންވާ މިނިވަންކަމުގައި ބޭނުންވާ ކަންތައްތައް ކުރަން ޕްރިޔާ މާ ބޭނުން،" ޖޯން ބުންޏެވެ.
ޖޯން އާއި ޕްރިޔާގެ ކައިވެނީގައި މައްސަލަތައް ޖެހިގެން އުޅޭކަމަށް ބުނެ ގިނަ ބަޔަކު ވާހަކަ ދައްކަނީ އޭނާ ދާހާ ތާކަށް ޕްރިޔާ ގޮވައިގެން ނުދާތީ ކަމަށް ހީވާ ކަމަށް ވެސް ޖޯން ބުންޏެވެ.