10 އޮކްޓޯބަރ 2019 - 17:53

ވެރިކަމުގައި އޮތީ ޕީޕީއެމް ނަމަ، އިސްލާމްދީނަށް ފުރައްސާރަކުރި މީހުން މިހާރު ތިބޭނީ ޖަލުގައި ކަމަށް ބުނެ ލަސްނުކޮށް އެ މީހުންނާ މެދު ފިޔަވަޅު އަޅަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދީނާއި ރަސޫލާ އަށް ފުރައްސާރަކުރުމަކީ ސަމާސާ ކަމެއް ނޫން ކަމަށެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރިޕޯޓު ނެރުމުގައި ބައިވެރިވި އެންމެން ވަގުތުން ހައްޔަރު ކުރަން ވެސް އޭނާ ގޮވާލެއްވި އެވެ.
"އެ ޖަމިއްޔާ އުވާލުމަކުން އުފެދޭ. މިއީ އިސްލާމްދީނަށް ދެވިގެން އުޅޭ ޓެރަރިސްޓު ހަމަލާއެއް، ކީރިތި ރަސޫލާ އަށް ދެވިގެން އުޅޭ ޓެރަރިސްޓު ހަމަލާއެއް. އެ [ރިޕޯޓް ނެރުނު] މީހުން ހިފައި ހައްޔަރު ކުރުމަށް ވުރެން މުހިއްމު އެއްވެސް ކަމެއް މިވަގުތު މި ގައުމުގައި އޮވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސަރުކާރުން ވިޔަސް މި ސަރުކާރުން ކުރިއަސް ގޯސް ކަމެއް ވާނީ ގޯސްކަމަކަށެވެ. ރިޕޯޓެއް ނެރެ ކޮށްގެން އުޅެނީ މިއުޒިކް ޝޯއެއް ބޭއްވުން ފަދަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ އިދިކޮޅު ކޯލިޝަން ވެރިކަމަށް އައިސްފި ނަމަ ރިޕޯޓުގެ މައްސަލަ ބަލާނެ ކަމަށެވެ. އެއީ ފަސޭހަ އިން ދޫކޮށްލާނެ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ވެރިކަމަށް އަޔަސް މި މައްސަލަ ބަލާނަން، މީގައި ސާބިތުވާ އެންމެން ތިބޭނީ ޖަލުގައި،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ވެރިކަމެއްގައި މިހާރު އޮތް މިންވަރަށް ދީނަސް ފުރައްސާރަކޮށް ރިޕޯޓް އާއްމުކުރި ނަމަ އެ ބަޔަކު ހިފައި ހައްޔަރުކުރާނެ އެވެ. މިފަދަ ކަންކަން ކުރާ ނަމަ ކުރެވޭނީ ގޭގައި ސިއްރުން ކަމަށާއި ފާޅުވުމާ އެކު އެ ބަޔަކު ޖަލަށް ލާނެ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
"މި ދަރަޖައަށް އަޅުގަނޑުމެން ދީން ހިމާޔަތްކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ވެރިކަން އޮތް އިރު ވެސް އެމްޑީއެން އިން ރިޕޯޓު އާއްމުކުރި ކަމަށް ކުރާ ތުހުމަތު އަބްދުއްރަހީމާއި ސުޖާއު ވެސް ދޮގު ކުރެއްވި އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވި ގޮތުގައި އޭރު ނެރުނީ އެހެން ރިޕޯޓެކެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.
މި ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ހުށަހަޅައިގެން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.