10 އޮކްޓޯބަރ 2019 - 15:48

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ތިބި ބައެއް މީހުންނަށް ހަމަލާދިން މައްސަލަތަކެއް ފެންމަތިވެ އަދި ބައެއް ހެކިން ހެކިބަސް ދޭން ދެކޮޅު ހަދާތީ އެ މީހުންގެ ބައި ދައުލަތުން މިއަދު އަނބުރާ ގެންގޮސްފި އެވެ.
އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސިއްރު ދެ ހެކިވެރިއެއްގެ ހެކިބަސް ނަގަން ހަމަޖައްސާފައި އޮތަސް، ދައުލަތުން ބުނީ އޭގެ ތެރެއިން އެއް ހެކިވެރިއަކު ހެކިބަސް ދޭން ބޭނުންނުވާ ކަމަށް ބުނެ ހާޒިރު ވެފައި ނުވާ ކަމަށެވެ. އަދި އެ މައްސަލާގެ ބައެއް ހެކިންނަށް ބިރު ދެއްކުމުގެ އިތުރުން ޖިސްމާނީ އަނިޔާ ދީފައި އެބަހުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެހެންވެ، މިއަދު ހާޒިރުކުރީ އެންމެ ހެކިވެރިއެކެވެ.
ދައުލަތުން އެގޮތަށް ބުނުމުން ދިފާއީ ވަކީލުން ވިދާޅުވީ ހެކިންނަށް ހަމަލާ ދެނީ ކޮން ބައެއް ކަން ބެލުމެއް ނެތި ދައުލަތުން އެ ވާހަކަ ދެއްކުމުން އެކަން ދައުވާލިބޭ އެންމެންނާއި ދިފާއީ ހުރިހާ ވަކީލުންނަށް ނިސްބަތްވެގެންދާ ކަމަށެވެ.
ޒިހާންގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ ދައުވާލިބޭ އެންމެންނަކީ ވެސް ބަންދުގައި ތިބި ބައެއް ކަމަށް ވެފައި އަދި ސިއްރު ހެކިންގެ މައުލޫމާތު ހަމައެކަނި އެނގޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ކޯޓަށް އެކަނި ކަމަށާއި އެހެންވެ، ހެކިންނަށް ހަމަލާދީ އަދި ބިރު ދައްކަނީ ކޮން ބައެއް ކަން އެއީ ފުލުހުން ތަހުގީގުކޮށް ބަލަންޖެހޭ ކަމެއް ކަމަށެވެ. އެކަމަކު ވަކި ބަޔަކަށް ނިސްބަތް ކުރުމެއް ނެތި ޝަރީއަތުގައި ދައުލަތުން އެ ވާހަކަ ދެއްކުމަކީ އޭގެ ހުރިހާ ކަމެއް ދިފާއީ ވަކީލުންނާއި ދައުވާލިބޭ މީހުންނަށް އަމާޒު ކުރުން ކަމަށް ހަސީން ވިދާޅުވި އެވެ.
ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވެސް ވިދާޅުވީ ހެކިންނަށް ބިރު ދައްކައި، ހަމަލާދެނީ ކޮން ބައެއް ކަން އެއީ ފުލުހުން ބަލަންޖެހޭ ކަމެއް ކަމަށާއި އެކަން ބެލުމެއް ނެތި އެ ވާހަކަ ދެއްކުމުން އެކަން އަމާޒުވަނީ ހުރިހާ އެންމެންގެ މައްޗަށް ކަމަށެވެ. އަދި ފުލުހުން އެކަން ތަހުގީގު ނުކުރާ ނަމަ، އެކަން ތަހުގީގު ކުރުމުގެ އަމުރެއް ކޯޓުން ނެރެދެއްވުމަށް ވެސް މައުމޫން އެދިވަޑައިގަތެވެ.
ދައުލަތުން ބުނީ އެ މައްސަލަތައް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސިއްރު ބައެއް ހެކިން ހެކިބަސް ދޭން ދެކޮޅު ހަދަމުންދާތީ ދައުލަތުން ވަނީ އޭގެ ތެރެއިން ދެ ހެކިވެރިއެއްގެ ހެކިބަސް ނުނަގަން ނިންމައި، ހެކިންގެ ލިސްޓުން އެ މީހުންގެ ބައި އުނިކޮށްފަ އެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ކްރައިމް ސީން އޮފިސާސް ރިޕޯޓްތަކުގެ ތެރެއިން ހަތަރު ރިޕޯޓެއް ވެސް ހެކި ލިސްޓުން އުނިކުރަން ދައުލަތުން ނިންމި އެވެ. އެއީ އެ ރިޕޯޓް ހެދި ފުލުސް މީހާ ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށް ދައުލަތުން ބުންޏެވެ.
މިއަދު ހާޒިރުކުރި ސިއްރު ހެކިވެރިޔާއާ ދައުލަތުން ސުވާލު ކުރުމުން އޭނާ ފުރަތަމަ ދިން ޖަވާބަކީ ގިނަ ދުވަސްވެފައި ވާތީ އެ ހާދިސާގެ އެއްވެސް ކަމެއް މިހާރު ހަނދާން ނެތް ކަމަށެވެ. އެކަމަކު ތަހުގީގަށް ބަޔާނެއް ދީފައިވާނެ ކަމަށާއި އެއީ ތެދު ބަޔާނެއް ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ހަނދާން ނެތް ކަމަށް ބުނުމުން ވެސް ދައުލަތުން ސުވާލުތައް ކުރިއަށް ގެންދަން ފެށުމުން ދިފާއީ ވަކީލުން އެކަމަށް އިއުތިރާޒް ކުރެއްވި އެވެ. ތަހުގީގަށް ބަޔާނެއް ދިނަސް، ހެކިބަސް ދިނުން ކަމަށް ބަލަނީ ޝަރީއަތުގެ މަޖިލީހުގައި ދޭ ހެކިބަސް ކަމަށްވާތީ އާއި އެ ހާދިސާ ހަނދާން ނެތް ކަމަށް ބުނުމުން ސުވާލުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވި އެވެ.
ހެކިވެރިޔާއާ ސުވާލުކުރަން އިތުރު ފުރުސަތެއް ދައުލަތަށް ދެއްވުމަށް ގާޒީ ނިންމެވުމުން ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އެ ހެކިވެރިޔާ ބުނީ އެ ހާދިސާ ހިނގި ސަރަހައްދުގައި އޭނާ އެރޭ ވެހިކަލެއްގައި މަޑުކުރި ކަމަށާއި އެކަމަކު އެއްވެސް ކަމެއް ހިނގި ކަން ނޭނގޭ ކަމަށެވެ. އަދި އެ ސަރަހައްދުން އެއްވެސް ކަމެއް ފާހަގަނުވާ ކަމަށާއި އޭނާ އެތަނުގައި މަޑުކުރީ ކޮން ގަޑިއެއް ކަން ވެސް ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ.
ހެކިވެރިޔާއާ ބައެއް ސުވާލުތައް ދައުލަތުން އަމާޒުކުރީ އޭނާގެ ތަހުގީގުގެ ބަޔާނުގައި ވަކި ގޮތަކަށް ބުނެފައި އެބައޮތް ކަމަށް ބުނެ އެވެ. އެގޮތަށް ސުވާލު ނުކުރެވޭނެ ކަމަށް ދިފާއީ ވަކީލުން އިއުތިރާޒް ނެންގެވުމުން ގާޒީ ވެސް ދައުލަތަށް އެންގެވީ އެގޮތަށް ސުވާލު ނުކުރެވޭނެ ކަމަށެވެ.
އެ ހެކިވެރިޔާ ބުނިގޮތުގައި އެ ސަރަހައްދު މަގަކުން އޭނާ ވެހިކަލެއްގައި ދުއްވާފައި ގޮސް ގޯޅިއަކަށް އަޅަން ދިޔައިރު ސައިކަލެއް ކުރިމަތީގައި ހުރުމުން ކުރިއަށް ދެވޭ ގޮތް ނުވެގެން އޭނާ ވެހިކަލް ފަހަތަށް ޖައްސާފައިވާނެ އެވެ. އޭރު މަގުގެ އަނެއް ކޮޅުގައި ހުރި ސައިކަލެއްގެ މަތީގައި މީހަކު އިން ހެން ހީވި ކަމަށާއި އެކަން ޔަގީން ނުވާ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.
އެ ސަރަހައްދުން އެވަގުތު އާދަޔާ ޚިލާފް އަޑެއް އިވުނުތޯ ސުވާލު ކުރުމުން އޭނާ ބުނިގޮތުގައި އަޑެއް އިވުނު ކަމަށާއި އެކަމަކު އެއީ ކޮން އަޑެއް ކަން ސާފުނުވާ ކަމަށެވެ. އެވަގުތު އެ ސަރަހައްދުގެ މަގުމަތީގައި އަންހެނުންނާއި ފިރިހެނުން ވާހަކަ ދައްކާ އަޑު ވެސް އޭރު އިވެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ނިންމެވީ އެ މައްސަލާގެ އަޑުއެހުންތައް ތާވަލް ކުރުމާއި މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދެ ފަރާތުގެ ވަކީލުންނާ އެކު ކޯޓުގެ އިދާރީ ބައްދަލުވުމެއް އެ އަޑުއެހުމަށް ފަހު ބާއްވަވާނެ ކަމަށެވެ.
ދައުލަތުންނާއި ދިފާއުން ވެސް ގިނަ އަދަދެއްގެ ހެކިން ހުށަހަޅާފައިވާ ކަން ފާހަގަ ކުރައްވައި، ގާޒީ އިއުލާން ކުރެއްވީ ދެން އޮންނަ އަޑުއެހުން އަންނަ ހަފުތާގައި ބާއްވާނެ ކަމަށެވެ.