ފިރިހެނަކު ރުއިން މާބޮޑު ކަމަކަށްވެ މާފަށް އެދެން ޖެހިއްޖެ
ފިރިހެނަކު ރުއިން މާބޮޑު ކަމަކަށްވެ މާފަށް އެދެން ޖެހިއްޖެ

ދައްތަގެ ކައިވެނީގެ ހަފުލާގައި ޖަޒުބާތީވެގެން ގޮސް ރޮވުމުން އެއީ ފިރިހެނުންނަށް ކުރިމަތިވި ހުތުރެއް ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ޗެޗްނިއާގެ ޒުވާން ފިރިހެނަކަށް އާންމުންގެ ކިބައިން މާފަށް އެދެން މަޖުބޫރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒެލިމްޚާން މުސޭވް ކިޔާ މީހާ އަށް ދައްތަގެ ކައިވެނީގެ ހަފުލާގައި ރޮވުނު މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ، އެ ގައުމުގެ ދެ ޖިންސްގެ ވަރަށް ގިނަ ބަޔަކު އޭނާ އަށް މަލާމާތްކޮށް ޖޯކް ޖަހާފައިވެ އެވެ.

ވަކިން ހާއްސަކޮށް، ފިރިހެނުން ވަނީ މި މައްސަލާގައި ޒެލިމްޚާނަށް ވަރަށް ބޮޑަށް ފާޑުކިޔާއިފަ އެވެ. އެ މީހުން ބުނިގޮތުގައި ފިރިހެނަކު ރުއިމަކީ އެމީހުންގެ ފިރިހެންވަންތަ ކަމަށް ވެސް އޮތް ހުތުރެކެވެ. އަދި ޗެޗްނިއާގެ ފިރިހެނުންނަކީ ފިރިހެންވަންތަ ކަމަށް ވަކިން ބޮޑަށް ދައުވާކުރާ ބަޔަކަށްވާތީ ޒުވާން ފިރިހެނަކު ކޫސަަނި ކަމެއްގައި ކަރުނަ އޮހުރުވުމަކީ ހުރިހާ ފިރިހެނުންނަށް ބޮޑު ލަދެއް ކަމެއް ވެސް ބުނެފައިވެ އެވެ.

ރުއި މައްސަލާގައި ޗެޗްނިއާގެ ލީޑަރު ރަމްޒާން ކެޑިރޯވް ވެސް ވަނީ ޒެލިމްޚާންގެ އެ އަމަލު ބަލައިނުގަނެވޭނެ ކަމަށާއި ދައްތަގެ ކައިވެނީގެ ހަފުލާގައި ފިރިހެން ކޮއްކޮ ބައިވެެރިވުމަކީ އާދަކާދައާ ވެސް ހިލާފު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމާ އޭނާ އާންމުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޒެލިމްޚާނަށް މައާފަށް އެދި ވީޑިއޯއެއް އާންމުކޮށްފައިވާ އިރު އޭގައި ބުނީ ރޮވުނީ ގަސްތުގައި ނޫން ކަމަށާއި ކައިވެންޏަށް ފަހު ދައްތަ އާއިލާއާ ވަކިވާތީ އެކަމާ ދަރެވެެގެން ރޮވުނީ ކަމަށެވެ.

ޗެޗްނިއާގެ އާދަކާދަތައް އޮންނަ ގޮތުން ކައިވެނި ހަފުލާތަކާއި އަދި އެ ނޫން ވެސް އާންމު ހަފުލާތަކުގައި އާއިލާތަކުގެ މީހުންގެ ޖަޒުބާތީވެ އެކަން އާންމުންގެ ތެރޭގައި ފާޅުކުރުމަކީ ގާނޫނީ ގޮތުން ވެސް ކުށެކެވެ.