މަންޓާގެ ފުރަތަމަ ސީޕްލޭން ގެނެސްފި
މަންޓާގެ ފުރަތަމަ ސީޕްލޭން ގެނެސްފި

މަންޓާ އެއާގެ ފުރަތަމަ ސީޕްލޭން އިއްޔެ ރާއްޖެ ގެނެސްފި އެވެ.

މަންޓާގެ ފުރަތަމަ ސީޕްލޭން ގެނެސްފި
މަންޓާގެ ފުރަތަމަ ސީޕްލޭން ގެނެސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ޖެއްސުމުން އެ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން ފެނުގެ ސެލިއުޓެއް ދިނެވެ. މި ބޯޓަށް މަރުހަބާ ކިޔާފައިވަނީ މަންޓާގެ އިސް ބޭފުޅުންނެވެ.

މަންޓާގެ މި ބޯޓުގައި ވެސް 15 މީހުންނަށް ދަތުރުކުރެވެ އެވެ. މަންޓާ އިން ބުނާ ގޮތުގައި މިއީ އާންމުކޮށް ބޭނުންކުރާ ސީޕްލޭންތަކަށް ވުރެ ލުއި އަދި ފަސިންޖަރުންނަށް ފަސޭހައިން ތިބެވޭނެހެން ފަރުމާ ކޮށްފައިވާ ބޯޓެކެވެ.

ރާއްޖެއަށް މި ބޯޓު އައީ ކެނެޑާގެ ކެލްގަރީއިންނެވެ. އެހެންކަމުން އެ ދަތުރުގައި 16،000 ކިލޯ މީޓަރުގެ ހުރަސްކުރި އެވެ.

މަންޓާ އެއާއިން ބުނާ ގޮތުގައި މި އަހަރު 10 ސީޕްލޭން ގެންނާނެ އެވެ. ދެ ވަނަ ބޯޓު ރާއްޖެ އަންނާނީ މިއަދެވެ.

ރާއްޖޭގައި އެންމެ ފަހުން ވައިގެ ހިދުމަތް ދޭން ފެށި އެއާލައިނުން ސީ ޕްލޭން އޮޕަރޭޓްކުރަން ފަށާނީ އަންނަ މަހު އެވެ.

މަންޓާގެ ސީއީއޯ މުހަންމަދު ޚަލީލް ވިދާޅުވީ ސީ ޕްލޭންގެ ހިދުމަތް ފެށުމަކީ އެ އެއާލައިނަށް ލިބުނު އިތުރު ކާމިޔާބީއެއް ކަމަށެވެ.

މަންޓާ އެއާއިން މިހާރު ދަތުރު ކުރަމުން އަންނަނީ ދ. އަތޮޅަށާއި ބ. އަތޮޅަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން މަންޒިލްތަކަށް ވެސް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.