11 އޮކްޓޯބަރ 2019 - 07:42

ބޮލީވުޑްގައި ވަރުގަދަ، ބޮޑެތި ފިލްމުތަކެއް އެއް ދުވަހެއްގައި ރިލީޒްލުރަން ޖެހުމަކީ ބޮޑު ހަނގުރާމައެއް ކުރުން ކަހަލަ ކަމެކެވެ. އެކަމަކު މި ފަހަރު މި ދިމާވީ ކޮންޓެންޓްގެ ގޮތުން ވަރަށް އެއްގޮތް ވާހަކަތަކެއް ކިޔައިދޭ ފިލްމުތަކެއް އެކުއެކީގައިި ރިލީޒްކުރަން ޖެހުމެވެ.
މި ދެ ފިލްމަކީ އަޔޫޝްމަން ކުރާނާގެ "ބާލާ" އާއި ސަނީ ސިންގްގެ "އުޖުޅާ ޗަމަން" އެވެ. ދެ ފިލްމަކީ ވެސް ތަލަވާ ޒުވާނުންގެ ވާހަކަތަކެއް ކިޔައިދޭ ފިލްމުތަކެވެ.
ބޮލީވުޑްގައި މި ފަހަކަށް އައިސް މުޅިން ވެސް ތަފާތު ކޮންޓެންޓްތަކަށް ހަދާ ފިލްމުތައް ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި އަޔޫޝްމަންގެ "ބާލާ" ކުރިން އަންނަ މަހުގެ 22 ގައި ރިލީޒްކުރަން ނިންމާފައި ވަނިކޮށް ފިލްމު މިހާރު ވަނީ އަންނަ މަހުގެ 7 އަށް އަވަސްކޮށްފަ އެވެ.
މި ބަދަލު ގެނެސްފައި މި ވަނީ "މަރުޖާވާ" ގެނެސްދޭ ބުޝަން ކުމާރުގެ ޓީ ސީރީޒާއި "ބާލާ" ގެނެސްދޭ ދިނޭޝް ވިޖަންގެ މެޑޮކް ފިލްސްމްގެ މެދުގައި އޮތް ގާތް ގުޅުމާ ހެދި ބޮކްސް އޮފީހުގައި ނޮވެމްބަރު 22 ގައި ކުރިމަތިލުމަށް ނުދާން ނިންމުމާ ގުޅިގެންނެވެ.
"އުޖުޅާ ޗަމަން" އަކީ ކުމާރު މަންގަތު ޕްރޮޑިއުސްކޮށް، އޭނާގެ ދަރިފުޅު އަބީޝެކް ޕަތަކް ޑައިރެކްޝަނަށް ނުކުންނަ ފިލްމެވެ. ބޮލީވުޑްގައި މާ މަޝްހޫރު ނޫން ތަރިއެއް ކަމަށްވާ ސަނީ ސިންގް ލީޑް ރޯލް ކުޅެފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ "ބާލާ" ރިލީޒްކުރުމުގެ ފަހުންނެވެ.
އެގޮތުން އަންނަ މަހުގެ 8 ގައި ފިލްމު ރިލީޒްކުރާކަން އިއުލާންކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.
މި ގޮތަށް ތާރީހަށް މި އައި ބަދަލާ އެކު "ބާލާ" އާއި "އުޖުޅާ ޗަމަން" މިހާރު މިއޮތީ ހަމަ ގައިމު ވެސް ބޮކްސް އޮފީހުގައި ހަނގުރާމައަކަށް ދާން ޖެހިފަ އެވެ. އެހެންވެ ސުވާލަކީ ކުރި ހޯދާނީ ކޮން ފިލްމެއްތޯ އެވެ؟
"ބާލާ" އަށް ގިނަ ބަޔަކު އިންތިޒާރުކުރާނެ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އަޔޫޝްމަންގެ ފިލްމަކަށްވުން ހިމެނެ އެވެ. އަނެއް ކަމަކީ ކުރިން ވެސް އޭނާއާ އެކު މަސައްކަތްކުރި ދެ ބަތަލާއަކު ފިލްމުގައި ހިމެނުމެވެ. އެއީ ބޫމީ ޕެޑްނޭކަރާއި ޔާމީ ގޯތަމެވެ. އަނެއް ސަބަބަކީ "ބާލާ" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސްދިން ޑައިރެކްޓަރު އަމަރު ކޯޝިކްގެ ފިލްމަކަށްވުމެވެ.
"އުޖުޅާ ޗަމަން" ގެ ޑައިރެކްޓަރަކީ އާ މީހަކަށްވެފައި، ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް އެހާ މަޝްހޫރު މޫނުތަކެއް ނެތުމަކީ ފިލްމު ރިލީޒްކުރާ އިރު، މީގެ ވިޔަފާރި އަށް ވާނެ ގޮތަކާ ދޭތެރޭ ސުވާލު އުފެދޭ ކަމެކެވެ. އެކަމަކު ފިލްމުގެ ފުރަތަމަ ޝޯ ބަލާ މީހުންނަށް އޭގެ ވާހަކަ ކަމުގޮސް، ފިލްމާ ބެހޭ ގޮތުން ޕޮޒިޓިވް ވާހަކަތަކެއް ދައްކައިފި ނަމަ ފިލްމުގެ ހިނގައިފާނެ އެވެ. އަދި ފިލްމާ ބެހޭ ގޮތުން ކްރިޓިކުން ބުނާ އެއްޗަކީ ވެސް ފިލްމުތައް ކާމިޔާބުވުމުގައި މުހިއްމި ދައުރެއް އަދާކުރާ އެއްޗެކެވެ.
އެހެން ވިޔަސް ސުވާލަކީ "ބާލާ" އަށް ވުރެ "އުޖްޅާ ޗަމަން" ގެ ބެލުންތެރިންނަށް ކަމުގޮސްފާނެތޯ އެވެ؟ އެއަށް ބަލައިލަން ޖެހޭނީ ދެ ފިލްމު ވެސް ރިލީޒްވަންދެން މަޑުކޮށްލާށެވެ.
އެެއް ކަހަލަ ވާހަކައަކަށް ދެ ފިލްމު ވެސް ހަދާފައިވާ އިރު، ދެ ފިލްމުގެ ޕޯސްޓަރުން ވެސް އެއްގޮތް ކަމެއް ފެންނަން އެބަ ހުއްޓެވެ. އެގޮތުން އެންމެ ފަހުން އާންމުކުރި ދެ ޕޯސްޓަރުގައި ވެސް އެކްޓަރުންގެ ބޮލަށް ފެންޖަހާ ކުރައަކުން ފެންޖަހާ ތަން ދައްކުވައި ދީފައިވެ އެވެ. އެއާއެކު ސުވާލަކީ ފިލްމުން ކިހާ އެއްގޮތް ކަންތައްތަކެއް ފެންނާނެ ބާވަ އެވެ؟