10 އޮކްޓޯބަރ 2019 - 12:29

ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް އެއް ބަޔަކަށް އަބަދުވެސް ޝައުގުވެރި އެވެ. މި ފަހަރު ވައިގައި ހިފައިގެން މިއުޅެނީ ތާއީދު ބަލަން ހިސާބު ޖެއްސެވުމާ ގުޅޭ ވާހަކައެއް ނޫނެވެ.
ވައިރަލްވެގެން އުޅެނީ އެއްވެ އުޅުމާ ދެކޮޅަށް މަލާމާތްކުރައްވައި ކުރިން ވާހަކަ ދެއްކެވި އަބްދުއްރަހީމް އިއްޔެ އިށީންނަވައިގެން އިހްތިޖާޖްކުރައްވާ ފޮޓޯއެކެވެ. ކުރީގެ ސަރުކާރުގައި މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް ބަސް ބުނުމަކީ އަބްދުއްރަހީމް ފަދަ ބޭފުޅުން ގަބޫލުކުރެއްވި ހައްގެއް ނޫނެވެ. އެހެންވެ ގާނޫނުއަސާސީން ލިބިދީފައި އޮތް އެ ހައްގު ގާނޫނަށް އިސްލާހު ގެނެސް ހަނި ވެސް ކުރީ އެވެ.
އެކަމަކު އިއްޔެ ފެނުނީ އެ ވިސްނުން ބަދަލުވެފައި ހުންނެވި މަންޒަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި މަގުމައްޗަށް ނުކުންނެވީ އެވެ. "ސިޔާސީ ލީޑަރުންނަށް ކުރާ ދުއްތުރާ ހުއްޓާލާ" ލިއެފައިވާ ބޯޑުތަކާ އެކު، ކްރިމިނަލް ކޯޓު ދޮށުގައި، ގޮވާލެއްވީ ޔާމީން ދޫކޮށްލުމަށެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޔާމީންގެ މައްޗަށް ހިންގަނީ ނުހައްގު ޝަރީއަތެކެވެ. އެ ދައުވާ ހުއްޓާލައި އެމަނިކުފާނު މިނިވަންކުރަން ވެސް އިހްތިޖާޖުގައި ގޮވާލެއްވި އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އެ ފޮޓޯ އެތައް ބަޔަކު ގުޅުވީ މާޒީއާ އެވެ. އަދުރޭ އަށް ހަނދާންކޮށްދިނީ ކުރީގެ ސަރުކާރުގައި ނުހައްގުން ސިޔާސީ ލީޑަރުން ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލި މީހުންނާ މެދު އެޅި ހަރުކަށި ފިޔަވަޅުގެ މަތިންނެވެ. ޕީޕީއެމަށް މަޖިލީހުގައި ލިބިފައި އޮތް އަޣުލަބިއްޔަތުގެ ނާޖާއިޒު ފައިދާ ނަގައި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނައި އިސްލާހުގެ މަތިންނެވެ.
އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރުން ބަންދުކުރި އެވެ. އިދިކޮޅުން ބޭއްވި އެއްވުންތައް ފުލުހުން ފޮނުވައިގެން ހުއްޓުވި އެވެ.
މި ފޮޓޯއާ އެކު ގިނަ ބަޔަކު ބުނެފައި ވަނީ "ދައްކަވަން ހުރި ތަނެއް ދައްކަވާނެ" ކަމަށެވެ. އެއްވެ އުޅުމުގެ ހައްގަށް ހުރަސްއަޅައި ގާނޫނު ހެދި ބޭފުޅުން މިއަދު އެ ތިއްބެވީ މުޒާހަރާގައި ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައިވެ އެވެ.
ޔާމީންގެ ދިފާއުގައި އަދުރޭ ނުކުންނަވައި އަޑު އުފުއްލެވުމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ވަނީ މާޒީ ހަނދާންކޮށްދެއްވައި ފާޑުވިދާޅުވެފަ އެވެ. އޭރުގެ ހާލަތަކީ ގާނޫނުއަސާސީން ލިބިދީފައި އޮތް އެއްވެ އުޅުމުގެ ހައްގު ވެސް މަނާކޮށް ގާނޫނު ހެދީ ކަމަށް ވިދާޅުވި އެވެ. އެއާ އެކު، ސިޔާސީ މީހުން ބަންދުކޮށް ސިއްރުން ހުކުމް ކުރި އިރު، މި ސަރުކާރުގައި ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ގެންދަނީ ފޮރުވުމެއް ނެތި ލައިވްކޮށް ކަމަށް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގެ ގާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި އިސްކޮށް އުޅުއްވި އައިމިނަތު ނާދިރާ ވިދާޅުވީ އަދުރޭ ހައްގުގެ ބޭނުންކުރާ ތަން ފެނުމަކީ "ހިތްގައިމު މަންޒަރެއް" ކަމަށެވެ. ކުރީގެ ސަރުކާރުގައި އެގޮތަށް އިށީނދެލައިގެން ނުތިބޭ ތަނުގައި ކޯޓު ފެންނަ ހިސާބަށް ވެސް ކައިރިނުވެވޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ކުރީ ސަރުކާރުގައި އިސްލާހު ގެނެސް ހަމަޖައްސާފައި ވަނީ ހުއްދަ ނަގައިގެން ނޫނީ މާލޭގެ އެއްވެސް ތަނެއްގައި އެއްވުމެއް ނުވަތަ މުޒާހަރާއެއް ވެސް ނުކުރެވޭނެ ކަމަށެވެ.
ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު އެ އިސްލާހު އުވާލައި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގު ކަށަވަރު ކޮށްދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެކަމަކު އެ އިސްލާހު އަދި އުވައެއް ނުލަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތާ އެކު ވެރިކަން ކުރާ މި ސަރުކާރު ޒިންމާދާރު ކުރުވުމަކީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ޒިންމާއެކެވެ. އެ ޒިންމާ އަދާކުރައްވަން ހައްގުތަކުގެ ބޭނުން ހިފުމަކީ ވެސް އެއްވެސް މައްސަލައެއް ނޫނެވެ. އަދުރޭ ވިދާޅުވާ ގޮތުގައި އޭނާ ކުރައްވަނީ ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތެވެ.
ސަރުކާރުން ކުރަން ޖެހިފައި އޮތް ކަމަކީ ވައުދުވި ގޮތަށް، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު އުވާލައި ގާނޫނުއަސާސީގައި އޮތް ގޮތަށް ހައްގު ކަށަވަރުކޮށް ދިނުމެވެ.