11 އޮކްޓޯބަރ 2019 - 07:45

ނޯރާ ފަތެހީގެ އައިޓަމް ލަވަތަކަށް ލޯބިކުރާ މީހުންނަށް އޭނާގެ އެންމެ ފަހުގެ އައިޓަމް ލަވަ ދޫކޮށްލައިފި އެވެ.
މި ލަވަ އަކީ މިލަޕް މިލަން ޒަވޭރީގެ "މަރުޖާވާ" ގެ "އޭކް ތޮ ކަމް ޒިންދަގާނީ" އެވެ. ނޯރާގެ ޖާދުވީ ނެށުންތައް ފެނިގެންދާ ލަވަކިޔާފައި ވަނީ ނޭހާ ކައްކަރާއި ޔާޝް ނަރްވޭކަރެވެ.
މި ލަވައަކީ 1986 ގައި ރިލީޒްކުރި "ޖާންބާޒް" ގައި ހިމެނޭ "އޭކް ތޮ ކަމް ޒިންދަގާނީ" ގެ އާ ވާޝެނެކެވެ. ރޭކާގެ ނެށުންތައް ފެނިގެންދިޔަ ކުރީގެ ލަވަކިޔާފައި ވަނީ ސަޕްނާ މުކަރްޖީ އެވެ.
ސިދާތު މަލްއުތުރާ އާއި ތާސާ ސުތާރިއާ އާއި ރިތޭޝް ދޭޝްމުކްގެ އިތުރުން ރަކުލް ޕްރީތު ސިންގް ލީޑް ރޯލް ކުޅެފައިވާ "މަރުވާޖާ އަންނަ މަހުގެ 22 ގައި ރިލީޒްކުރަން ނިންމާފައި ވަނިކޮށް މިހާރު ވަނީ އެ މަހުގެ 15 އަށް އަވަސްކޮށްފަ އެވެ.
ނޯރާ އެންމެ ފަހުން ކުޅުނު އައިޓަމް ލަވަ އަކީ އޮގަސްޓް މަހު ރިލީޒްކުރި "ބަތުލާ ހައުސް" ގެ "އޮ ސާކީ ސާކީ" އިންނެވެ.
ކުރިން އަންނަ މަހުގެ 22 ގައި ރިލީޒްކުރަން އޮތް މެޑޮކް ފިލްމްސްގެ "ބާލާ" އަންނަ މަހުގެ 7 އަށް އަވަސްކޮށްފި އެވެ.
މި ފިލްމަކީ އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރްގެ އިތުރުން ޔާމީ ގޯތަމް ލީޑް ރޯލު ކުޅޭ ފިލްމެކެވެ. މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "އިސްތިރީ" ގެނެސްދިން އަމަރު ކޯޝިކް ޑައިރެކްޓްކޮށްފައިވާ "ބާލާ" އަކީ ތަލަވަމުންދާ މީހެއްހެ ވާހަކަ ކިޔައިދޭ ބްލެކް ކޮމެޑީއެކެވެ.
މި ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި "ޑްރީމް ގާލް" އަށް ފަހު، އަޔޫޝްމަންގެ ޖާދޫ އަނެއްކާ ވެސް ދައްކުވައިލާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. އޭނާއަކީ މިދިޔަ އަހަރުގެ "އަންދާދުން" އިން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް މި އަހަރު ކަށަވަރުކޮށްފައިވާ އެކްޓަރެކެވެ.
މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަބީރު ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އަނެއްކާ ވެސް ފިލްމެއް ގެނެސްދޭން ޓީ ސީރީޒާއެކު އެއްބަސްވުމެއް ހަދައިފި އެވެ.
މި އެއްބަސްވުން ހަދާފައި މި ވަނީ ޓީ ސީރީޒްއާ ގުޅިގެން އިތުރު ފިލްމެއް ގެނެސްދޭން ވަންގާ ތައްތާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައި ވަނިކޮށެވެ. ޓީ ސީރީޒުން ބުނިގޮތުގައި ވަންގާގެ އާ ފިލްމަކީ ކްރައިމް ޑްރާމާއެކެވެ. އެކަމަކު އޭގެ ނަމާއި ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން މި ފިލްމަށް ރަންބީރު ކަޕޫރް ވަނީ ސޮއިކޮށްފަ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒްކުރި ޕްރަބާސްގެ ކާމިޔާބު ފިލްމު "ބާހްބަލީ: ދަ ބިގިނިން" މި މަހުގެ 19 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގެ ރޯޔަލް އަލްބަޓް ހޯލްގައިު ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަން ޕްރަބާސް އާއި ރޯޔަލް އަލްބަޓް ހޯލް އިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މި އަހަރު ރިލީޒްކުރި "ސާހޯ" އިން ފެނިގެން ދިޔަ ޕްރަބާސް ބުނީ ރޯޔަލް އަލްބަޓް ހޯލްގައި "ބާހްބަލީ" ގެ ފުރަތަމަ ބައި ޕްރިމިއާކުރުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެ ދުވަހަށް މިހާރު އިންތިޒާރުކުރަމުން އަންނަ ކަމަށެވެ.
އެސްއެސް ރާޖަމޯލީ ޑައިރެކްޓްކުރި ފިލްމުގެ ދެވަނަ ބައެއް ވެސް ގެނެސްދީފައިވެ އެވެ. އެގޮތުން "ބާހްބަލީ: ދަ ކޮންކްލޫޝަން" ރިލީޒްކުރީ 2017 ގަ އެވެ.
މި ފިލްމުތަކުގެ މުހިއްމު ރޯލްތައް ކުޅުނީ ޕްރަބާސް އާއި އަނުޝްކާ ޝެޓީ އާއި ރާނާ ދަގޫބަތީ އާއި ރާމިއާގެ އިތުރުން ތަމަންނާ ބާޓިއާ އެވެ.