މަސްފެންގަނޑަށް ވެއްޓުނު ކުއްޖާ މަހެއް ވީއިރު ވެސް ހޭނާރާ
މަސްފެންގަނޑަށް ވެއްޓުނު ކުއްޖާ މަހެއް ވީއިރު ވެސް ހޭނާރާ

ފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވި ކުޑަ ކުއްޖާ އަދިވެސް ހޭ ނާރާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ލ. ގަމުގައި ހުރި ގެއެއްގެ މަސްފެންގަނޑަކަށް ވެއްޓި މިިދިޔަ މަހުގެ 14 ވަނަ ދުވަހު ހިނގި ހާދިސާގައި ސީރިއަސްވީ ދެ އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ރަށުން ފަރުވާ ދިނުމަށްފަހު ހަމަ އެ ރޭ އެ ކުއްޖާ ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޭ ނޭރިއަސް ފަރުވާ އަށް އެ ކުއްޖާ ރެސްޕޮންޑް ކުރާ ކަމަށެވެ. އަދިވެސް ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

އެ ރަށު ކައުންސިލް މެމްބަރު އިސްމާއިލް ޒަކީ "މިހާރު" އަށް ކުރިން ވިދާޅުވީ މަންމަ އާއި މާމައާ އެކު އުޅޭ އެ ކުއްޖާ ފެންގަނޑަށް ވެއްޓުނީ އެ ދުވަހު މެންދުރު 2:30 ގައި އޮތް ކުލާހަކަށް ދާން މަންމަ ނިކުތް ފަހުން ކަމަށެވެ.