11 އޮކްޓޯބަރ 2019 - 07:47

"ހަމް އާޕް ކޭ ހޭ ކޯން" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ ރެނޫކާ ސަހާނޭ ފިލްމެއް ޑައިރެކްޓްކުރާ ވާހަކަ މީޑިއާތަކުން ދެއްކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު މީޑިއާތަކުން ބުނިގޮތުގައި ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ ފިލްމު ކުންފުންޏަށް ރެނޫކާ ހަދައިދޭ ފިލްމުގެ ތަރިންނަކީ ކާޖޮލް އާއި ޝަބާނާ އަޒްމީގެ އިތުރުން މިތިލާ ޕަލްކަރެވެ.
މި ފިލްމާ ބެހޭ އެންމެ ފަހުގެ ތަފުސީލުތަކަށް ބަލާ އިރު ފިލްމުގައި މިހާރު ރޯނީގެ ބައިވެރިވުމެއް ނެތެވެ. އޭގެ ބަދަލުގައި، ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ހަދާ ފިލްމު ޕްރޮޑިއުސްކުރަނީ ކާޖޮލްގެ ފިރިމީހާ އަދި އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު ކުންފުންޏާއި ބަނިޖޭ އޭޝިއާ އާއި އަލްކެމީ ޕްރޮޑަކްޝަންސް ގުޅިގެންނެވެ.
ފިލްމުގެ ނަމަކީ "ތުރިބާންގާ" އެވެ. އަދި ފިލްމުގެ ކާސްޓުންގެ ތެރޭގައި މިހާރު ޝަބާނާއެއް ނުހިމެނެ އެވެ. އެކަމަކު ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތަށް މީގެ ކާސްޓުން ކާޖޮލް އާއި މިތިލާ ފެންނާނެ އެވެ. އަދި ޝަބާގެ ބަދަލުގައި ފެންނާނީ 1998 ގައި ރިލިޒްވި ކާޖޮލްގެ ފިލްމު "ދުޝްމަން" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު ތަންވީ އަޒްމީގެ އިތުރުން ކުނާލް ރޯއި ކަޕޫރެވެ.
"ތުރިބާންގާ" ވެގެން ދާނީ ޑިޖިޓަލް ޕްލެޓްފޯމަށް ކާޖޮލް ތައާރަފުވާ ފިލްމަށެވެ.
މި ފިލްމާ ބެހޭ ގޮތުން ރެނޫކާ ބުނީ ނެޓްފްލިކްސް އަށް ފިލްމެއް ހަދައިދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަދި އެންމެ ބޮޑު އެއް އުފަލަކީ ވަރަށް ހިތްގައިމު ވާހަކައަކާ އެކު ވަރުގަދަ ކާސްޓެއް ވެސް ފިލްމުގައި ހިމެނޭތީ،" ފިލްމުތަކުގައި އާންމުކޮށް ނުބައިބައި ރޯލްތައް ކުޅޭ އެކްޓަރު އަޝުތޯޝް ރާނާގެ އަންހެނުން ބުންޏެވެ. "އަހަރެން މިހާރު މިހިރީ ފިލްމުގެ ޝޫޓިން ވެސް ފަށަން ކެތްމަދުވެފައި."
ރެނޫކާ ބުނީ "ތުރިބާންގާ" ގައި ކިޔައި ދޭނީ އާއިލާއެއްގެ ވާހަކަ އެވެ. އެގޮތުން 1980 އިން ފެށިގެން މި ޒަމާނާ ހަމައަށް އޭގެ ވާހަކަ ދެމިގެންދާނެ ކަމަށް ބުންޏެވެ.
އަޖޭ ބުނީ އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް އޭނާ ހިއްސާވާ ގޮތަށް ގެނެސްދިނުމަކީ ވަރަށް ހާއްސަ މަސައްކަތެއް ކަމަށެވެ. އަދި "ތުރިބާންގާ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.
"މި ފިލްމަށް އޯޑިއަންސް ރިއެކްޓްކުރާނެ ގޮތެއް ބަލަން އަހަރެމެން އެންމެން މިހާރު މިތިބީ ކެތްމަދުވެފައި،" އަޖޭ ބުންޏެވެ.
"ތުރިބާންގާ" ސްޓްރީމްކުރާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
ކާޖޮލް އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ހެލިކޮޕްޓާ އީލާ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޖެނުއަރީ މަހު ރިލީޒްކުރާ "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ.