11 އޮކްޓޯބަރ 2019 - 07:43

އަކްޝޭ ކުމާރަކީ ބޮލީވުޑްގައި މިހާރު ތިބި ދުވަސްވީ އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ކާމިޔާބު އެއް ފަންނާނެވެ. އޭނާގެ ފިލްމެއް ނަމަ ބޮޑު ހިޓަކަށްވާނެ ކަމުގެ ގެރެންޓީ އަބަދު ވެސް އޮވެ އެވެ. އަނެއްކޮޅުން، އަކްޝޭއަކީ ކޮންމެ އަހަރަކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރާ، ވަރަށް ބުރަކޮށް އުޅޭ އެކްޓަރެކެވެ. މި އަހަރުގެ މިހާތަނަށް އޭނާގެ ދެ ފިލްމެއް ރިލީޒްވެފައިވާ އިރު، ރިލީޒްވާން ވެސް އަދި ދެ ފިލްމެއް އެބަ އޮތެވެ.

"ކޭސަރީ" އާއި "މިޝަން މަންގަލް" އަށް ފަހު އަކްޝޭ ދެން ފެންނާނީ މި މަހުގެ 25 ގައި ރިލީޒްކުރާ "ހައުސްފުލްް 4" އާއި ޑިސެމްބަރު 27 ގައި ރިލީޒްކުރާ "ގުޑް ނިއުޒް" އިންނެވެ.
ރިޕޯޓްތައް ބުނާގޮތުން މިހާރު ވެސް ސޮއިކޮށްފައި އޮތް ފަސް ފިލްމެއް އޮތް ބަތަލަށް، ބޮލީވުޑްގެ އެކްޓަރަކަށް މިހާތަނަށް ފިލްމަކުން ހުށަހެޅި އެންމެ ބޮޑު އަގު ވަނީ އަކްޝޭ އަށް ހުށަހަޅައިފަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ހުށަހެޅުމަކީ މަޝްހޫރު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ފިލްމަކުން ލިބުނު 120 ކްރޯޑް ރުޕީސް (17 މިލިއަން ޑޮލަރު) ގެ ހުށަހެޅުމެކެވެ.
އެ ނޫހުން ބުނިގޮތުގައި އެވަރުގެ އަގެއް އަކްޝޭ އަށް ވާޝޫ ހުށަހެޅި ދާދި ފަހުން ދެ މީހުން ލަންޑަނުގައި ކުރި ބައްދަލުވުމެއްގެ ތެރޭގަ އެެވެ.
މިކަމާ ބެހޭ ގޮތުން ވާޝޫ ބުނީ ލަންޑަނުގައި އަކްޝޭއާ ތިން ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި، މަސައްކަތްކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކި ނަމަވެސް އަކްޝޭ އަށް ރެކޯޑް އަގެއް ހުށަހެޅި ކަމަށް ބުނާ ވާހަކަ އޭނާ ކަށަވަރެއް ނުކޮށްދެ އެވެ.
"އަހަރެން އަކްޝޭ ދަންނަތާ ވިއްސަކަށް އަހަރުވެއްޖެ. އަބަދުވެސް ފިލްމުތަކާ ބެހޭ ގޮތުން ވާހަކަތައް ދެކެވޭ. އެކަމަކު މިހާތަނަށް ދެ މީހުންނަށް އަދި އެކީގައި މަސައްކަތް ކުރެވިފައެއް ނެތް. އެކަމަކު ކާކު ބޭނުން ނުވާނީ އަކްޝޭ ކަހަލަ ވަރުގަދަ އެކްޓަރާ އެކު މަސައްކަތްނުކުރަން؟" ކާމިޔާބު އެތައް ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ ވާޝޫ ބުންޏެވެ. "އަހަރެމެން ދެ މީހުން މިތިބީ ރަނގަޅު ސްކްރިޕްޓެއް ލިބުނީމަ އެކީގައި މަސައްކަތް ކުރަން ތައްޔާރަށް. އަހަރެން ވަރަށް ބޭނުން އަހަރެން ޕްރޮޑިއުސްކުރާ ފިލްމެއް އަކްޝޭ ލައްވައި ކުޅުވަން."
ވާޝޫ ބުނިގޮތުގައި އޭނާ އަބަދުވެސް ފިލްމުތަކަށް ކާސްޓުން ނަގަނީ ސްކްރިޕްޓް ފައިނަލްވުމުންނެވެ. އަދި ފިލްމުން ތަރިންނަށްދޭ އަގަކީ އޭގެ ފަހަތުން އަންނަ ކަންކަން ކަމަށް ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ސްކްރިޕްޓް އެންމެ މުހިއްމު އެއްޗަކީ. އެއާއެކު ތަރިންގެ މާކެޓް ޕްރައިސް އަށް ބަލާފައި އެ މީހުންނަށް ހައްގުވާ ވަރުގެ އަގެއް ދިނުމަކީ އެއްވެސް މައްސަލައެއް ނޫން،" އަކްޝޭ އަށް ރެކޯޑް އަގެއް ހުށަހެޅިކަން ކަށަވަރުކޮށް ނުދީ ވާޝޫ ބުންޏެވެ. "އަހަރެން ދެކޭ ގޮތުގައި އަކްޝޭ އާއި ރަންވީރު ސިންގް އާއި ވަރުން ދަވަން ކަހަލަ ތަރިންނަށް ބޮޑު އަގެއް ދޭކަށް ޕްރޮޑިއުސަރުން ޖެހިލުމެއް ވެސް ނުވާނެ."
ވާޝޫ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓްސް މިހާރު ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ވާޝޫގެ ދަރިފުޅު އަދި އެކްޓަރު ޖެކީ ބަގްނާނީ އެވެ. އެ މީހުން މިހާރު ހަދަމުން އަންނަ ފިލްމަކީ އަންނަ އަހަރުގެ މެއި މަހު ރިލީޒްކުރާ "ކޫލީ ނަމްބަރު 1" އެވެ. އެ ފިލްމުގެ ތަރިންނަކީ ވަރުން އާއި ސާރާ އަލީ ޚާނެވެ.
"ޖެކީ މިހާރު ކުންފުނީގެ މައިގަނޑު މަސައްކަތްތަކާ ހަވާލުވެގެން ހުރީ. ޕްރޮޖެކްޓްތައް ފައިނަލްވާ ވަރަކުން އޭނާ މީޑިއާތަކަށް އެ ޕްރޮޖެކްޓްތަކާ ބެހޭ މައުލޫމާތު ހިއްސާކުރާނެ،" ވާޝޫ ބުންޏެވެ.
މީޑިއާތަކުން ބުނިގޮތުގައި އަކްޝޭ އަށް 120 ކްރޯޑް ރުޕީސްގެ ހުށަހެޅުމެއް ލިބުނު އިރު، އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާނުވާ ގޮތަށް މިހާރު ފިލްމެއް ކުޅެދެނީ 99 ކްރޯޑް ރުޕީސް (13 މިލިއަން ޑޮލަރު) އަށެވެ.
އަކްޝޭ ދާދި ފަހުން ވަނީ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒަކަށް ވެސް ބޮޑު އަގަކަށް ސޮއިކޮށްފަ އެެވެ. "ދި އެންޑް" ކިޔާ ސީރީޒަށް އޭނާ ސޮއިކުރީ 90 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) އަށް ކަމަށް މީޑިއާތަކުން ބުންޏެވެ.
އަކްޝޭގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ސޫރިޔާވަންޝީ"، "ލަކްޝީ ބޮމްބް"، "ބައްޗަން ޕާންޑޭ" އަދި ޕްރިތުވީރާޖް" ހިމެނެ އެވެ.
ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ފިރިމީހާ އަދި ދެ ކުދިންގެ ބައްޕަ އަކްޝޭ އަކީ ދާދި ފަހުން ފޯބްސް އާންމުކުރި އެންމެ ބޮޑު އާމްދަނީ ލިބޭ ދުނިޔޭގެ އެކްޓަރުންގެ ލިސްޓުން މި އަހަރު ޖާގަ ލިބުނު ހަމައެކަނި އިންޑިއާގެ ތަރި ވެސް މެ އެވެ.