10 އޮކްޓޯބަރ 2019 - 09:47

ބަންގްލަދޭޝްގެ ޔުނިވަސިޓީއެއްގެ ދަރިވަރެއްގެ ގައިގައި ތަޅާ މަރާލީ، އެތައް ގަޑިއިރެއް ވަންދެން އޭނާއަށް އަނިޔާކުރުމަށް ފަހު ކަމަށް، މަންޒަރު ދުށް މީހުން ބުނެފި އެވެ.

މިދިއަ އާދިއްތަދުވަހު ޑާކާގެ ބަންގްލަދޭޝް ޔުނިވަސިޓީ އޮފް އިންޖިނިއަރިންގެ ދަރިވަރު، އަބްރާރު ފަހަދުގެ ގައިގައި ތެޅީ ސަރުކާރަށް ފާޑުކިޔުމާއި، ދީނީ ޕާޓީއަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، އެހެން ދަރިވަރުންތަކަކާއި، ވެރިކަންކުރާ އަވާމީ ލީގުގެ ޒުވާނުންގެ ގޮފީގެ ބައެއް މީހުންނެވެ.
މި މަރާ ގުޅިގެން ވެރިރަށުގައި ޔުނިވަސިޓީތަކުގެ ދަރިވަރުން ގެންދަނީ މުޒާހަރާކުރަމުންނެވެ.
ބަންގްލަދޭޝްއަކީ އަނިޔާވެރި ހަމަލާތައް ގިނަ، އެބިޔުސްކުރުމުގެ ހާދިސާތައް ވެސް އާންމު ގައުމެކެވެ.
އުމުރުން 21 އަހަރުގެ އަބްރާރުގެ އޮޓޮޕްސީ ހެދި ޑޮކްޓަރު، ބީބީސީއަށް ބުނީ، އޭނާގެ ހަށިގަނޑުގައި ވަރަށް ގިނަ އަދަދެއްގެ ޒަހަމް ހުރި ކަމަށެވެ.
މި މަރާ ގުޅިގެން އަވާމީ ލީގުގެ ޒުވާނުންގެ ގޮފީގެ އެތައް މެމްބަރަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
އަބްރާރު ހޮސްޕިޓަލަށް ގެންދަން އެހީތެރިވި ދަރިވަރަކު ބުނީ އޭނާ ނަގައިގެން ގެންދަން އުޅުނު ވަގުތު "އަހަރެން ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންގޮސްދީ" އޭ ބުނަމުން ގެންދިޔަ ކަމަށެވެ.
"އަހަރެން ދުށިން އަބްރާރު އޭނާގެ ކޮޓަރީގައި އޮތް ތަން. އޭރު އޭނާ މަރެއްނުވޭ. ޖޫނިއަ އެހެން ދަރިވަރުންގެ އެހީތެރިކަމާ އެކު އަހަރެން އޭނާ ތިރިއަށް ބޭލީ. އޭރު ވެސް އޭނާ ބުނަމުން ދިޔައީ 'އަހަރެން ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންގޮސްދީ،'" ބީބީސީއާ ވާހަކަ ދެއްކި ދަރިވަރު ކިޔައިިދިނެވެ.
އަބްރާރުގެ ގައިގައި ތަޅައިގަތް އެއް ސަބަބެއް ކަމަށް، އަވާމީ ލީގުގެ ޒުވާނުންގެ ގޮފީގެ ބައެއް މީހުން ބަންގްލަދޭޝްގެ މީޑިއާތަކަށް ބުނީ، އޮންލައިން މެދުވެރިކޮށް ސަރުކާރަށް ފާޑުކިޔުމެވެ. އޭނާ ފާޑުކީ ބައެއް ކަންކަމުގެ ތެރޭގައި ދާދި ފަހުން އިންޑިއާއާ އެކު ބަންގްލަދޭޝް އިން ސޮއިކުރި ފެން ހިއްސާކުރުމާ ބެހޭ އެއްބަސްވުން ހިމެނެ އެވެ.
އަވާމީ ލީގަށް ތާއީދުކުރާ ޒުވާނުން ނިސްބަތްވާ ގޮފި މަޝްހޫރުވެފައި އޮންނަނީ ވެސް ދަރިވަރުންނަށް މަޖުބޫރުކޮށްގެން ފައިސާ ހޯދައި އަދި އަނިޔާކުރާ ބައެއްގެ ގޮތުގަ އެވެ.
އިންޖިނިއަރިން ޔުނިވަސިޓީގައި ކުދިން ދިރިއުޅޭ ބަޔަށް، އެ މީހުން ގަދަކަމުން ވަދެގަންނަން އުޅުނު އިރު، ދަރިވަރުން ވަނީ ފިޔަވަޅު އަޅައިދޭން އެދި އެތަނުގެ ދެ ވަނައަށް އެންމެ އިސް ވެރިޔާގެ ކައިރީ އާދޭސްކޮށްފަ އެވެ. އޭރު އަވާމީ ލީގަށް ނިސްބަތްވާ ގްރޫޕް ގެންދިޔައީ ދޮރުގައި ތަޅަމުން، އެތެރެއަށް ވަދެގަންނަން މަސައްކަތްކުރަމުން ކަމަށް، ބައެއް ދަރިވަރުން ބުންޏެވެ.
މި މަރާ އެކު ޑާކާ އާއި އެހެން ސިޓީތަކުގައި ދަނީ މުޒާހަރާކުރަމުންނެވެ. ދަރިވަރުން ގޮވާލަމުން އަންނަނީ، އަބްރާރުގެ މަރުގައި ބައިވެރިވާ މީހުންނަށް މަރުގެ އަދަބު ދޭށެވެ.
ބަންގްލަދޭޝްގެ ސަރުކާރު ޔުނިވަސިޓީތަކުގެ ތެރޭގައި ހިނގާ އަނިޔާވެރި އަމަލްތައް ގިނަ އެވެ. އަދި އަބްރާރުގެ މަރާ އެކު، އާންމުންނަށް ވަނީ އެއީ ހަގީގަތުގައި ވެސް ބޮޑު މައްސަލައެއްކަން ހާމަވެފަ އެވެ.