10 އޮކްޓޯބަރ 2019 - 07:26

މިދިޔަ އަހަރު ކެންސަރަށް ފަރުވާ ހޯދި ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ އަލުން ފިލްމީ މަސައްކަތްތަކަށް އެނބުރިދާން ބޭނުންވާ ކަމަށް ބުނެފި އެވެ.
ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި 44 އަހަރުގެ ބަތަލާ ބުނީ އޭނާ މިހާރު ހުރީ ކާމިޔާބު ފަރުވާތަކަށް ފަހު، ކެންސަރުން ސަލާމަތްވެފައި ކަމަށެވެ. އެހެންވެ ކުރިއެކޭ އެއްގޮތަށް އަލުން މަސައްކަތަށް އެނބުރިދާން ބޭނުންވާ ކަމަށް ބުންޏެވެ.
ނުވަދިހައިގެ އަހަރުތަކުގައި ވިދައިލި ސޮނާލީ ބުނިގޮތުގައި ކުރިއަށް އޮތްތަނުގައި އޭނާ ލިބޭހާ ރޯލްތަކަކަށް އެއްބަހެއް ނުވާނެ އެވެ.
"އެއް ކަމަކީ ހަމައެކަނި ފައިސާގެ ބޭނުމުގައި ޕްރޮޖެކްޓްތަކަށް އެއްބަސްނުވުން. އަހަންނާ ގުޅޭ، އަހަންނަށްކަމުދާ ކަހަލަ މާނަހުރި ރޯލްތަކަށް ނޫނީ އެއްބަހެއް ނުވާނަން،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އަހަންނަކީ އެއް އިރެއްގައި ވެސް ބޮޑު އަގެއް ހުށަހެޅުމުން ކޫސަނި ރޯލްތަކަށް އެއްބަސްވި މީހެއް ނޫން. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ފައިސާއަކަށް އިސްކަން ދިނުމެއް ނޯންނާނެ."
ނަމަވެސް އެނބުރި އެކްޓިން އަށް ނުކުންނާނެ އިރެއް ސޮނާލީ ނުބުނެ އެވެ. ކެންސަރުގެ ސަބަބުން ކުރޫގެ ފަން ދިގު އިސްތަށިގަނޑު ވެސް ގޮސްފައިވާ ބަތަލާ ބުނީ މިހާރު ހުރީ ރަނގަޅު ފުރުސަތުތަކެއްގެ އިންތިޒާރުގައި ކަމަށެވެ.
ޑައިރެކްޓަރު ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން ދަރިއަކު ވެސް ހުރި ސޮނާލީ ބުނީ އޭނާ ކުރިއެކޭ އެއްގޮތަށް ޓީވީ ޝޯތަކުގައި ވެސް މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ޖަޖެއްގެ ގޮތުގައި ބައިވެރިވި ޒީޓީވީގެ "އިންޑިއާސް ބެސްޓް ޑްރާމޭބާޒް" އަކީ ވަރަށް ގަޔާވާ ޝޯއެއް ކަމަށް ބުންޏެވެ. އެ ޝޯއަކީ ކުޑަކުދިންތަކެއްގެ އެކްޓިން ހުނަރު ދައްކާ ޝޯއެކެވެ.
ސޮނާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު އެމެރިކާގައި ހުރެ ކެންސަރަށް ފަރުވާ ހޯދާކަން އިއުލާންކުރީ ވެސް "އިންޑިއާސް ބެސްޓް ޑްރާމޭބާޒް" ތިން ވަނަ ސީޒަން ވެސް ފެށިތަނާ އެވެ. އެހެންވެ އޭނާގެ އެ ބަދަލުގައި އެ ޝޯގައި އެކްޓަރު ވިވެކް އޮބެރޯއީ އާއި ޑައިރެކްޓަރު އޮމަންގް ކުމާރާ އެކު ބައިވެރިވީ ބަތަލާ ހުމާ ގްރޭޝީ އެވެ.
ފިލްމް "އާގް" އިން 1994 ގައި ބޮލީވުޑަށް ނުކުތް ސޮނާލީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2013 ގެ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދޮބާރާ" އެވެ. އޭނާ 2014 ގައި ޓީވީ ސިލްސިލާއެއް ވެސް ކުޅުނެވެ. އެއީ ކުރީގެ ލައިފް އޯކޭ ޗެނެލުން ގެނެސްދިން "އަޖީބު ދާސްތާ ހެ ޔޭ" އެވެ.