10 އޮކްޓޯބަރ 2019 - 07:26

އަނީސް ބަޒްމީ ޑައިރެކްޓްކުރާ "ބޫލް ބުލައްޔާ 2" ގެ ޝޫޓިން ފަށައިފި އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ހޮރޯ-ކޮމެޑީގެ ލީޑް ރޯލް ކުޅެނީ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިޔަން އާއި ކިއާރާ އަދުވާނީ އެވެ. މި ފިލްމަކީ 2007 ގައި އަކްޝޭ ކުމާރު ކުޅުނު "ބޫލް ބުލައްޔާ" ގެ ދެވަނަ ބައެވެ.
މުޅިން ތަފާތު ކާސްޓަކާއި ތަފާތު ޑައިރެކްޓަރަކާ އެކު "ބޫލް ބުލައްޔާ 2" ގެނެސްދޭ އިރު، މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި 31 ގަ އެވެ. މިއީ ކާތިކް އާއި ކިއާރާގެ ޖޯޑު ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
"ބޫލް ބުލައްޔާ 2" ގެ ޝޫޓިން ފެށި އިރު، އަނީސްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު ބޮޑު ކާސްޓަކާ އެކު ގެނެސްދޭ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އެވެ.
އަންނަ މަހުގެ 8 ގައި ރިލީޒްކުރާ އެ ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމް، އިލިއާނާ ޑި ކްރޫޒް، އަނިލް ކަޕޫރް، ކްރިތީ ކަރްބަންދާ، ޕުލްކިޓް ސަމްރާޓް، އުރުވަޝީ ރޮޓޭލާ އަދި އަރުޝަދު ވަރްސީ އެވެ.
ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޑިޝާ ޕަޓްނީ، އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ނަން އަދި އިއުލާންނުކުރާ ފިލްމު ޑައިރެކްޓްކުރާނީ އާޝިމާ ޗިބާރެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ޑްރީމް ގާލް" ގެ ޑައިރެކްޓަރު ރާޖް ޝާންޑަލިޔާ އެވެ.
އެކްޓަރު ޓައިގާ ޝްރޮފްގެ ލޯބިވެރިޔާ ޑިޝާ، އެކްތާގެ ފިލްމުން ފެންނާނީ ޕަންޖާބަށް ނިސްބަތްވާ ރަށްފުށުގެ އަންހެން ކުއްޖެއްގެ ރޯލުންނެވެ. މި ހަފުތާގައި މޯހިތު ސޫރީގެ ރޮމޭންޓިކް ތުރިލާ "މަލަންގް" ގެ ޝޫޓިން ނިންމައިލި ބަތަލާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ޖޫން މަހު ރިލީޒްކުރި ސަލްމާން ޚާންގެ "ބާރަތު" އިންނެވެ.
"ދިލްބަރު" އާއި "އޮ ސާކީ ސާކީ" ފަދަ މަގުބޫލު އައިޓަމް ލަވަތަކުން ފެނިގެން ދިޔަ ބަތަލާ ނޯރާ ފަތެހީ އަނެއްކާ ވެސް ވަރުގަދަ ލަވައަކާ އެކު ބެލުންތެރިންނަށް ބައްދަލުކުރަން ތައްޔާރުވެއްޖެ އެެވެ.
މި ފަހަރުގެ ލަވައަކީ އަންނަ މަހުގެ 22 ގައި ރިލީޒްކުރާ "މަރުޖާވާ" ގެ "އެކް ތޮ ކަމް ޒިންދަގާނީ" އެވެ. މި ލަވައަކީ 1986 ގައި ރިލީޒްކުރި ފިލްމު "ޖާންބާޒް" ގައި ހިމެނޭ ލަވައިގެ އާ ވާޝަނެކެވެ. ކުރީގެ ލަވަ ސަޕްނާ މުކަރްޖީ ކިޔާފައިވާ އިރު، އެ ލަވައިން ފެނުނީ ރޭކާ އެވެ.
ނޯރާގެ ލަވަ ކިޔާފައި ވަނީ ނޭހާ ކައްކަރާއި ޔާޝް ނަވްރޭކަރެވެ. ލަވައިގެ ޓީޒާއެއް ވެސް އާންމުކޮށްފައިވާ އިރު، ލަވަ މިއަދު ދައްކައިލާނެ އެވެ. "މަރުޖާވާ" އަކީ މިދިޔަ އަހަރުގެ "ދިލްބަރު" ހިމެނުނު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ގެނެސްދޭ ފިލްމެކެވެ.
އަންނަ މަހުގެ 1 ގައި ރިލީޒްކުރާ ފިލްމު "ބައިޕާސް ރޯޑް" ގައި ހިމެނޭ "ސޯ ގަޔާ ޔޭ ޖަހާ" ދައްކާލައިފި އެވެ.
މިއީ އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓް 1988 ގައި ކުޅުނު ކާމިޔާބު ފިލްމު "ތޭޒާބް" ގައި ހިމެނޭ ލަވައެއްގެ އާ ވާޝަނެކެވެ. މި ފަހަރު ލަވަކިޔާފައި ވަނީ "ބައިޕާސް ރޯޑް" ގެ ބަތަލު ނީލް ނިތިން މުކޭޝް އާއި ޖުބީން ނޯޓިޔާލްގެ އިތުރުން ސަލޯނީ ތައްކަރެވެ.
ކުރީގެ ލަވަކިޔާފައި ވަނީ އަލްކާ ޔަގްނިކާއި ނީލްގެ ބައްޕަ ނިތިން މުކޭޝްގެ އިތުރުން ޝައްބީރު ކުމާރެވެ.
މިސްޓްރީ ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ބައިޕާސް ރޯޑް" އަކީ ނީލްގެ ކޮއްކޮ ނަމަން ނިތިކް މުކޭޝްގެ އަލަތު ޑައިރެކްޝަނެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަދާ ޝަރުމާ، ގުލް ޕަނަގް އަދި ޝަމާ ސިކަންދަރު ހިމެނެ އެވެ.