ގުނަވަންތައް ހަދިޔާކުރަން ހާއްސަ މޮބައިލް އެޕެއް ޔޫއޭއީގައި ލޯންްޗްކޮށްފި
ގުނަވަންތައް ހަދިޔާކުރަން ހާއްސަ މޮބައިލް އެޕެއް ޔޫއޭއީގައި ލޯންްޗްކޮށްފި

ގުނަވަންތަކަށް ބޭނުންޖެހިފައިވާ މީހުންނަށް ގުނަވަންތައް ހަދިޔާކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ޔޫއޭއީގައި މޮބައިލް އެޕެއް ނެރެފި އެވެ.

އެ ގައުމުގައި މިހާރު ކުރިއަށްދާ ޖިޓެކްސް ޓެކްނޮލޮޖީ ވީކްގައި ލޯންޗްކުރި އެޕްގެ ނަމަކީ "ހަޔާތު" އެވެ. މިއީ ޔޫއޭއީގެ ހެލްތު މިނިސްޓްރީ އާއި ކޮމިއުނިޓީ ޕްރޮޓެކްޝަން ކުންފުނި ގުޅިގެން ފަރުމާކޮށްފައިވާ އެޕެކެވެ.

"ހަޔާތު" އާ ބެހޭ ގޮތުން މިނިސްޓްރީން ބުނީ އެޕްގެ މަސައްކަތްތައް ކުރިއަށްދާނީ ނެޝަނަލް އޯގަން ޑޮނޭޝަން ޕްރޮގްރާމްގެ ދަށުންނެވެ. އެގޮތުން ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ވެސް ހަދިޔާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު ގުނަވަން ހަދިޔާކުރެވޭނީ އެ މީހަކު މަރުވުމަށް ފަހު އެވެ.

މިނިސްޓްރީން ބުނީ "ހަޔާތު" އެޕް މެދުވެރިކޮށް ގުނަވަންތައް ހަދިޔާކުރަން ބޭނުންވާ މީހުންނާއި ގުނަވަންތައް ބޭނުންވާ މީހުންނަށް މިހާރު ރަޖިސްޓްރީ ވެސް ކުރެވޭނެ ކަމަށެވެ. އެގޮތުން އެޕް ޑައުންލޯޑްކުރުމަށް ފަހު އެ އެ މީހަކާ ބެހޭ މައުލޫމާތު އޭގައި ހިއްސާކުރެވޭނެ އެވެ.

ގުނަވަން ހަދިޔާކުރަން ރަޖިސްޓްރީވުމަށް ފަހު، ބޭނުންވެއްޖެ ހިނދެއްގައި އެ މީހަކަށް އެޕުން ނަން ކެންސަލް ވެސް ކުރެވިދާނެ އެވެ.

މިނިސްޓްރީން ބުނި "ހަޔާތު" ވެގެންދާނީ ގުނަވަންތަކަށް ޖެހިފައިވާ މީހުންނަށް ކުރިއަށް އޮތްތަނުގައި ގުނަވަންޔައް ހޯދަން ފަސޭހަ މަގަކަށެވެ.