09 އޮކްޓޯބަރ 2019 - 17:23

ބޭރުގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި އަޅަން ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ޗައިނާ އަށް ވެސް މިއަދު ބިމެއް ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ހުޅުމާލެ ޑިޕްލޮމެޓިކް އެންކްލޭވް އިން ޗައިނާގެ އެމްބަސީ އަށް ބިން ހަވާލުކުރިކަމުގެ ލިޔުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިއޮންއާ މިއަދު ހަވާލު ކުރައްވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލެއް މިނިސްޓްރީން ނުދެ އެވެ.
އެކަމަކު، ފޮރިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި ބޭރު ގައުމުތަކަށް އެމްބަސީ އަޅަން ރާއްޖޭން ބިން ދޫކުރަނީ އެ ގައުމުތަކުގައި ރާއްޖޭގެ އެމްބަސީ އަޅަން ވެސް ބިން ދިނުމުންނެވެ.
ޑިޕްލޮމެޓިކް އެންކްލޭވުން ފުރަތަމަ ބިން ދޫކުރީ އިންޑިއާއަށެވެ. އެގައުމުން މިހާރު ވަނީ އެތަނުގައި އެމްބަސީގެ އިމާރާތުގެ ބިންގާ ވެސް އަޅައިފަ އެވެ.
އޭގެ ފަހުން ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށް ވެސް ބިން ވަނީ ދީފަ އެވެ.
ބޭރުގައުމުތަކުގެ އެމްބަސީ އަޅަން ސަރަހައްދެއް ކަނޑައެޅީ އެއް ތަނެއްގައި އެމްބަސީތައް ހުރުމުން ސަލާމަތީ ކަންތައްތައް ބަލަހައްޓަން ފަސޭހަވާނެތީ އާއި މާލޭގެ ތޮއްޖެހުން ކުޑަކުރަން ކަމަށް ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.