09 އޮކްޓޯބަރ 2019 - 13:13

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ވެހިކަލްތަކުން މީހުން ފައިބާ ތަނާއި އަރަން މަޑުކުރާ ތަން ވަގުތީގޮތުން މިއަދު ބަދަލުކޮށްފި އެވެ.

މިހާރު މީހުން ބާލާނީ ކުރިން މީހުން އަރަން މަޑުކުރާ ސަރަހައްދުންނެވެ. އަދި މިހާރު މީހުން އަރަން ހަމަޖައްސާފައިވަނީ ކުރިން މީހުން ބާލާ ސަރަހައްދުންނެވެ.
މި ބަދަލު ގެނައުމުން އެއާޕޯޓަށް ފައިބާނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ. މިއީ ކުރިން ޓެކްސީ އަށް މަޑުކޮށްގެން ގިނައިރު ތިބެން ޖެހުމުން ބާރު ބޮޑުވާ ތަނެކެވެ.
އެމްއޭސީއެލްއިން ބުނީ މިއީ ވަގުތީ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމާ އެކު އެއާޕޯޓަށް ގިނަ މީހުން ދަތުރުކުރަނީ ވެހިކަލްގަ އެވެ.