ބިލްތައް ޑްރާފްޓްކޮށް ހެދުމަކީ މަޖިލީހުގެ މަސައްކަތެއް: ނަޝީދު
ބިލްތައް ޑްރާފްޓްކޮށް ހެދުމަކީ މަޖިލީހުގެ މަސައްކަތެއް: ނަޝީދު

ގާނޫނު ހެދުމުގެ އެންމެހައި ކަންކަން ކުރުމުގެ ބާރު ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ވެސް ލިބިފައިވާ ކަމަށާއި މަޖިލީހުގެ ކޮމިޓީތަކުގައި ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ މި ދައުރުގެ ތެރޭގައި 20 ބިލެއް އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ކަމަށް ބަޔާންކޮށް ނަޝީދަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އަދި ނަޝީދު ވަނީ ކަމާ ގުޅޭ ކޮމިޓީތަކަށް ސިޓީފުޅުތަކެއް ފޮނުއްވައި ކޮމިޓީތަކުގެ މެމްބަރުން ބިލްތަކުގެ މަސައްކަތް ދެ ހަފްތާ ތެރޭގައި ފުރިހަމަކޮށް ނިންމައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމްގެ ސިޓީއާ ގުޅިގެން ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ، މަޖިލިހުގެ ގަވައިދުގައި ސިޔާސީ ޕާޓީތަކަށް ބިލް ހުށަހެޅޭ ގޮތާއި އެ ބިލްތަކުގެ މަސައްކަތް މަޖިލިހުގައި ހިންގޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތައް ގާނޫނުއަސާސީ ތަންފީޒު ކުރަން." ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އިދާރާއަކަށް އެމަނިކުފާނު ކަމެއް ހުށަހެޅުއްވީމާ ދެން އޮންނަ އިޖުރާއަތަކީ އެ މައްސަލައެއް ކަމާ ގުޅޭ ކޮމިޓީއަކަށް ފޮނުވުމެވެ. އެކަމަކު އެމްޑީޕީގެ ފަރާތުން ފޮނުވާފައިވާ ބިލްތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް ނެހެދޭނެ ދެ ބިލެއް ވާ ކަމަށް އެ ޕާޓީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އެލަވަންސެއް ދިނުމާ ބެހޭ ބިލެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ޓެކުހާއި ފައިސާ އިތުރުކުރުމާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭނީ ސަރުކާރަށް އެކަންޏެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މަޖިލިހަށް ބިލްތައް ހުށަހެޅޭ ގޮތަށް ގަވައިދުގައި ލިޔެފައި ވަނީ މަޖިލިހުގެ އަޣުލަބިއްޔަތު ނޯންނަ ރައީސެއް ހުންނަ ހާލަތުގައި ގާނޫނު ހެދުމަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ޕާޓީއެއްގެ ރައީސަކު ވެރިކަމުގައި ހުންނަ ހާލަތުގައި ސަރުކާރުން މަޖިލީހަށް ބިލް ހުށަހަޅަން ޖެހެނީ އެ ބޭފުޅާގެ ޕާޓީ މެދުވެރިކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންވެ، މަޖިލީހުން ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ކޮމިޓީތަކަށް އަންގާފައިވާނެ ކަމަށާއި އެކަން ކުރިއަށް ދާނީ ސަރުކާރުގެ ކަމާ ގުޅުން ހުރި ވަޒީރުންނާއި ބަންޑާރަ ނައިބުގެ ވެސް އެހީތެރިކަމާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ވަނީ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަބް ކޮމިޓީތައް އެކުލަވާލައި އެކަން ފަށައިފަ އެވެ. މީގެ ކުރިން ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތައް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި ނަމަވެސް މަޖިލިހުން އެ މަސައްކަތް ފެށި ސަބަބެއް އަދި ނޭނގެ އެވެ.