އަހުމަދިއްޔާ ސްކޫލުގެ ކާމިޔާބީތައް ފާހަގަކޮށްފި
އަހުމަދިއްޔާ ސްކޫލުގެ ކާމިޔާބީތައް ފާހަގަކޮށްފި

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އިން މިއަހަރު ބޭއްވި އެކި މުބާރާތްތަކުން ވަނަތައް ހޯދި ދަރިވަރުންނާއި އެ ސްކޫލަށް ލިބުނު ކާމިޔާބީތައް ރޭ ފާހަގަކޮށްފި އެވެ.

އަހުމަދިއްޔާ ސްކޫލުގެ ކާމިޔާބީތައް ފާހަގަކޮށްފި
އަހުމަދިއްޔާ ސްކޫލުގެ ކާމިޔާބީތައް ފާހަގަކޮށްފި

އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އޯ ލެވްލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދި ދަރިވަރުންނަށާއި އިންޓަސްކޫލް މުބާރާތްތަކުން އެ ސްކޫލުން ހޯދި ކާމިޔާބީ އަދި ކްލާސްތަކާއި ހައުސްތަކުގެ މެދުގައި ބޭއްވި މުބާރާތްތަކުން ރަންވަނަ ހޯދި ދަރިވަރުންނަށް ސެޓްފިކެޓް ދީފަ އެވެ.

އަހުމަދިއްޔާ ސްކޫލުގެ ކާމިޔާބީތައް ފާހަގަކޮށްފި
އަހުމަދިއްޔާ ސްކޫލުގެ ކާމިޔާބީތައް ފާހަގަކޮށްފި

"މިހާރު"އާ ވާހަކަދައްކަވަމުން އަހުމަދިއްޔާ ސްކޫލުގެ ޕްރިިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި އެ ސްކޫލުން ވަނީ ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. އެގޮތުން މިދިޔަ އަހަރު އެ ސްކޫލުން އޯ ލެވެލް އިމްތިހާނުގައި 217 ދަރިވަރުން ބައިވެރިވިއިރު 201 ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ. އެއީ ރަޝީދު ފާހަގަކުރެއްވިގޮތުގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އަހުމަދިއްޔާ ސްކޫލުގެ 45 ދަރިވަރަކު ވަނީ އޯ ލެވެލް ގައުމީ ގަދަ ދިހެއްގައި ހިމެނިފަ އެވެ. އޭގެ ތެރެއިން ތިން ދަރިވަރަކު ވަނީ ޓްރެވެލް އެންޑް ޓޫރިޒަމް އިން ދުނިޔޭގެ ގަދަ ދިހެއްގައި ހިމެނިފައިވާކަން ވެސް ރަޝީދު ފާހަގަކުރެއްވި އެވެ.

މިއަހަރުގެ އޯ ލެވެލް އިމްތިހާނުގައި ވެސް 215 ދަރިވަރުން ބައިވެރިވާ ކަމަށާއި އަމާޒަކީ ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކުރުން ކަން ރަޝީދު ފާހަގަކުރެއްވި އެވެ.

ރޭގެ ހަފުލާގައި ވަނީ މިއަހަރު ބޭއްވި އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުން 18 އަހަރުން ދަށުގެ ޓީމް ޗެމްޕިއަންކަން ހޯދާފައިވާތީ އެކަން ވެސް ފާހަގަކޮށްފަ އެވެ. އަދި އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުން 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ އަހުމަދިއްޔާ ސްކޫލުގެ އަންހެން އަދި ފިރިހެން ޓީމެވެ.

"މިއީ މި ސްކޫލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އެކަންކަން ފާހަގަކޮށް އިތުރު ކާމިޔާބީތައް ހޯދުމަށް ހިތްވަރުދޭން ޖެހޭ،" ރަޝީދު ވިދާޅުވި އެވެ.

އެ ސްކޫލުން ބޭއްވި ދިވެހި ދުވަހުގެ ހަރަކާތްތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ރޭގެ ހަފުލާގައި ވަނީ އިނާމު ދީފަ އެވެ.