ޔުނައިޓެޑްގެ ވެރިންގެ އިތުބާރު ސޯލްޝެއާ އަށް އެބައޮތް
ޔުނައިޓެޑްގެ ވެރިންގެ އިތުބާރު ސޯލްޝެއާ އަށް އެބައޮތް

މެންޗެސްޓާ (އޮކްޓޫބަރު 9) - ފާއިތުވި 30 އަހަރުތެރޭ އެންމެ ދަށްކޮށް މެންޗެސްޓާ ޔުނައިޓެޑުން މި ފަހަރުގެ ލީގު ސީޒަން ފެށި ނަމަވެސް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ކްލަބްގެ ވެރިންގެ އިތުބާރު ނުގެއްލޭ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ލީގުގެ ފުރަތަމަ އަށް މެޗުން ޔުނައިޓެޑަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިހާ ދަށްކޮށް އެ ޓީމުން ސީޒަނެއް ފެށީ 1989-1990 ވަނަ އަހަރުގެ ލީގުގަ އެވެ. ރެލިގޭޝަން ޒޯނަށް ވުރެ ދެ ޕޮއިންޓް ކުރީގައި ޔުނައިޓެޑް އޮތްއިރު، މިއީ އިނގިރޭސި ޕްރިމިއާ ލީގު ފެށި ފަހުން ޔުނައިޓެޑްގެ އެންމެ ދަށް ސީޒަނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ލީގުގައި ދެން އެންމެ އަވަހަށް ޔުނައިޓެޑް ކުޅޭ މެޗުން މި މަހު 19 ވަނަ ދުވަހު ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ބަލިވެއްޖެނަމަ ސޯލްޝެއާ މަގާމުން ވަކިކުރާނެ އެވެ. އެ މޭރުމުން ސޯލްޝެއާ ވެސް ވަނީ މީޑިއާގައި ވާހަކަތަކެއް ދައްކައިފަ އެވެ.

އެހެން ނަމަވެސް މަޝްހޫރު ކުޅިވަރު މީޑިއާ ބީޓީ ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ޔުނައިޓެޑުގެ ވެރިން ކަމަށްވާ އެމެރިކާގެ މަހުޖަނު މެލްކަމް ގްލޭޒާގެ ގާތް ފަރާތްތަކުން އަދި ބޭނުންވަނީ ސޯލްޝެއާއާ އެކު ކުރިއަށްދާށެވެ. އަދި މި ވަގުތު އެ ގޮތަށް ނިންމާ ސަބަބަކީ ޔުނައިޓެޑްގެ ގިނަ ކުޅުންތެރިން އަނިޔާގައި ތިބުމުން މެޗުތަކުގައި ނަތީޖާ ނެރުމުގައި ސޯލްޝެއާ އަށް ދަތިތަކެއް ހުރުމުންނެވެ. ލީގުގައި އެންމެ ފަހުން ނިއުކާސަލް އަތުން ޔުނައިޓެޑް 1-0 އިން ބަލިވި މެޗުގައި އެ ޓީމުގެ ޕައުލް ޕޮގްބާ، އެންތަނީ މާޝިއަލް، ވިކްޓަ ލިންޑެލޯފް، އާރޮން ވަން ބިސާކާ އަދި ލޫކް ޝޯ ނުކުޅެ އެވެ.

ޔުނައިޓެޑްގެ މުހިއްމު ނިންމުންތައް ނިންމުމުގައި އެ ޓީމުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ނުފޫޒުފޯރުވާކަމުގެ ތުހުމަތު މީޑިއާ އިން ކުރަމުން އަންނައިރު، ރިޕޯޓްތައް ބުނާގޮތުން ސޯލްޝެއާ ވަކިކުރަން ވުޑްވާޑްގެ ލަފަޔަކަށް ޔުނައިޓެޑްގެ ބޯޑް މެމްބަރުން ވަނީ އަހައިފަ އެވެ. އެކަމަކު ސޯލްޝެއާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމޭނީ ޔުނައިޓެޑްގެ ވެރިޔާ ގްލޭޒާ ބޭނުންވާ ގޮތްތަކެއްގެ މަތިންނެވެ.

މި ސީޒަނުގައި ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ދެކެނީ ވިސްނުމެއް ނެތި ޓްރާންސްފާ މާކެޓްގައި ނިންމި ނިންމުންތަކެއްގެ ސަބަބުންނެވެ. އެ ގޮތުން އެންމެ ގިނަ ބަޔަކު ފާހަގަކުރާ ކަމަކީ ޔުނައިޓެޑުން އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި އަލެކްސިސް ސަންޗޭޒް އިންޓަ މިލާނަށް ދޫކޮށްލިއިރު، ބަދަލުގައި ކުޅުންތެރިން ނުހޯދުމެވެ.