24 ސެޕްޓެމްބަރ 2016 - 06:41

ލަންޑަން (ސެޕްޓެމްބަރު 24) - ޗެލްސީ ލައްވާ އޭނާ ބޭނުންވާ ގޮތަށް ކުޅުވަން ވަގުތު ނަގާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޗެލްސީ އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗަށް ބަލާއިރު ސްވަންސީ ސިޓީއާ އެއްވަރުވި އިރު ލިވަޕޫލް އަތުން ވަނީ ބަލިވެފަ އެވެ. އެކަމަކު ލީގު ކަޕުގައި އެ ޓީމު ވަނީ އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ އަތުން މިދިޔަ ހަފުތާގައި 4-2 އިން މޮޅުވެފަ އެވެ.
"އާ ޓީމަކާ ހަވާލުވެ، އެ ކޯޗެއްގެ އާ ވިސްނުންތަކާއި އުސޫލުތައް ގެންނައިރު ވަގުތު ބޭނުންވާނެ. އެއީ އާއްމުކަމެއް. އަހަރެންގެ އިތުބާރު އެބައޮތް މަސައްކަތާ ދޭތެރޭ. އަހަރެމެންނަށް ވަރަށް ބޮޑަށް ކުރިއެރުން ހޯދޭނެ،" އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބުންޏެވެ.
ކޮންޓޭ ފާހަގަކުރެވެނީ ވަކި ސްޓައިލަކަށް ޓީމު ލައްވާ ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ. ޔުވެންޓަސް އަދި އިޓަލީގައި ވެސް އޭނާ 3-5-2 ފޯމޭޝަން ބޭނުންކުރާއިރު އެއީ ބޯޅަ ގެއްލުމުން ވަރަށް ބޮޑަށް ޑިފެންސްކުރާ އަދި ބޯޅަ ލިބުމާ އެކު އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް ޕްރެޝަރުދޭ ސިސްޓަމެކެވެ.
ކޮންޓޭ ބުނީ އެންމެ ބޮޑަށް ރަނގަޅުކުރަންވީ ޑިފެންސުގެ މައްސަލަ ކަމަށެވެ. އަދި އެކަމަށް ހައްލެއް ލިބޭނީ އެއީ ހަމައެކަނި ޑިފެންޑަރުންގެ ޒިންމާއެއް ކަމަށް ނުދެކި މުޅި ޓީމު މަސައްކަތްކޮށްގެން ކަމަށެވެ.
"އެއީ މިދިޔަ ސީޒަނުގައި ވެސް ޓީމަށް ދިމާވި މައްސަލައެއް. މުބާރާތެއް ކާމިޔާބުކުރެވޭނީ ޑިފެންސް ރަނގަޅުކޮށްގެން،" ކޮންޓޭ ބުންޏެވެ.
ޕްރިމިއާ ލީގުގައި ޗެލްސީ މިރޭ ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. އާސެނަލްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.