ސިޔާސީ ނުފޫޒާ ވާދަކޮށް ފުޓްބޯޅަ މޮޅުވާން ޖެހޭ!
ސިޔާސީ ނުފޫޒާ ވާދަކޮށް ފުޓްބޯޅަ މޮޅުވާން ޖެހޭ!

ކުޅުންތެރިންގެ ހުނަރު ތަރައްގީވި ނަމަވެސް، ފުޓްބޯޅައާ ގުޅިފައިވާ އެހެނިހެން ކަންކަން ބަދަލު ނުވަނީސް ފުޓްބޯޅަ ކުރިނާރާނެ އެވެ. ދިވެހި ފުޓްބޯޅައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއީ އެވެ. ފުޓްބޯޅައިގެ ކަންކަން ރަނގަޅުކޮށް ހާލަތު ބަދަލުކުރުމާ ހަވާލުވެ އޮތް ފުޓްބޯޅަ އެސޯސިއޭޝަނުގެ ހާލަތު އެއަށް ވުރެ ދަށްވުމެވެ. އިންތިހާބަކުން އަރައިނުގަނެވި، އެފްއޭއެމް އޮންތަނާ މިހާރު ހަތަރު އަހަރު ވަނީ އެވެ. ދިވެހި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް އެހީތެރިކަން ދިނުމުގެ ބަދަލުގައި ފީފާ އަށް ޖެހެނީ އެފްއޭއެމްގެ މައްސަލަތައް ހައްލުކުރާށެވެ.

ސިޔާސީ ނުފޫޒާ ވާދަކޮށް ފުޓްބޯޅަ މޮޅުވާން ޖެހޭ!
ސިޔާސީ ނުފޫޒާ ވާދަކޮށް ފުޓްބޯޅަ މޮޅުވާން ޖެހޭ!

އެފްއޭއެމްގެ މައްސަލައަކީ ކޮބާ ހެއްޔެވެ؟ ސިޔާސީ ވުން ހެއްޔެވެ؟ ރަނގަޅަށް ހިންގުންތެރިއަކު ނެތުން ހެއްޔެވެ؟

ސިޔާސީ ނުފޫޒާ ވާދަކޮށް ފުޓްބޯޅަ މޮޅުވާން ޖެހޭ!
ސިޔާސީ ނުފޫޒާ ވާދަކޮށް ފުޓްބޯޅަ މޮޅުވާން ޖެހޭ!

އެފްއޭއެމްގެ އިންތިހާބީ ފުރަތަމަ ރައީސް އަދި އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ހުރިހާ ވެސް މައްސަލައަކީ ފުޓްބޯޅައިގެ ޝައުގުވެރިކަން ހުރި ފަރާތެއް އެފްއޭއެމާ ހަވާލުވާން ނޫޅުން ކަމަށެވެ. އެކަމަކު ތޯރިގަކީ ފުޓްބޯޅައިގެ ތެރޭގައި މުޅި އުމުރު ހޭދަކުރެއްވި ބޭފުޅެއް ނޫން ހެއްޔެވެ؟

"ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް އައީ ސިޔާސީ މީހަކަށްވީތީ. ޝަވީދު ވެސް ވިޔަފާރިވެރިއަކަށްވީތީ. ފުޓްބޯޅައިގެ ސީދާ ލޯބި ހުރި މީހެއް މިކަމަށް އައިސްގެން ނޫނީ ނެތް ހައްލެއް،" ނިއު ރޭޑިއަންޓަށް ފުޓްބޯޅަ ކުޅުއްވައި އެ ކްލަބުގެ ޗެއާމަންކަން ވެސް ކުރެއްވި އާޒިމް ވިދާޅުވި އެވެ. "ޓޮމް ވެސް މީގެ ކުރިން ހިތަށް ވެސް ނާރާނެ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާނަމޭ. އެކަމަކު މެމްބަރަކަށްވީތީ އޭގެ ތެރެއިން އައި އައުމެއް މިއީ."

އާޒިމް ވިދާޅުވީ، އެފްއޭއެމް އަށް "އަންނަން ޖެހެނީ" ސަރުކާރު ރުހޭ މީހެއް ކަމަށާއި އެއީ މުޅިން ގޯސް ގޮތެއް ކަމަށެވެ. އަދި ސަރުކާރުގެ ނުފޫޒުން އެފްއޭއެމް ސަލާމަތްވި ދުވަހަކުން ނޫނީ ދިވެހި ފުޓްބޯޅައިގެ ހާލަތު ދާނީ ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފީފާ އިން ވެސް ބޭނުމެއް ނުވާނެ ސަރުކާރާ ޖެހިގަންނަން. ސަރުކާރުގެ ނުފޫޒު އޮތިއްޔާ ފީފާ އިން ވެސް މަސައްކަތްކުރާނީ ވާހަކަދައްކައިގެން އެކަން ހައްލުކުރަން. އެކަމަކު އެފްއޭއެމްގައި މިހާރު މި އޮންނަ ގޮތަކީ ސަރުކާރު ރުއްސުން. ސަރުކާރުން ބޭނުންވާ ގޮތަށް ދިވެހި ބަހުން އަސާސީ ގަވާއިދު އޮންނަނީ. އަދި ފީފާ ރުހޭ ގޮތަށް އިނގިރޭސި ތަރުޖަމާގައި އޮންނަނީ،" އާޒިމް ވިދާޅުވި އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް މަގާމްތަކަށް މީގެ ކުރިން ސަރުކާރުން ބޭފުޅުން ހަމަޖެއްސި ނަމަވެސް އެކަން ބަދަލުވެ ކޮންމެ އެސޯސިއޭޝަނަކީ ވެސް މިހާރު އިންތިހާބު ކުރަން ޖެހޭ ތަނެކެވެ. އެކަމަކު، އެއީ ހަމައެކަނި ނަމެއްގައި އޮންނަ ކަމެއް ކަމަށް ބެލެވިދާނެ އެވެ. ބޮޑު ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސަކަށް އެއިރަކު އޮންނަ ސަރުކާރަކުން ނުރުހޭ މީހަކަށް އާދެވުމުގެ ފުރުސަތު ފެންނަނީ ކުޑަކޮށެވެ.

އެފްއޭއެމްގެ އާ އިންތިހާބަށް ކުރިމަތިލައްވާނެކަމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރެކެވެ. ކުޅިވަރުގެ ތެރޭގައި އެހާ ހަރަކާތްތެރިކޮށް ނޫޅުނު ނަމަވެސް، އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގަންނަން އެ ބޭފުޅުންގެ ވިސްނުމަށް އައީ ސިޔާސީ ގޮތުން އޮތް ބާރެއްގެ ސަބަބުން މަގާމް ލިބިދާނެ ކަމުގެ އުއްމީދު ބޮޑުވުމުން ކަމަށް ވެދާނެ އެވެ.

އާޒިމާ ދެކޮޅަށް 2012 ވަނަ އުފެއްދި ފުޓްބޯޅައިގެ ގިނަ ފަރާތްތަކެއް ހިމެނޭ ކޯލިޝަނުގައި ފުޓްބޯޅައިގެ ހުރިހާ ދިމާލެއްގެ ތަޖުރިބާ ހުރި ބޭފުޅުން ތިއްބެވި އެވެ. އެކަމަކު އެ ކޯލިޝަނުގެ ކެންޑިޑޭޓަކަށްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިލްހާމް އަހުމަދެވެ. ސިޔާސީ ގޮތުން ބާރާއި ނުފޫޒުހުރި ކެންޑިޑޭޓެއް ނެރެގެން އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ކަމަށް ބެލެވެނީ މިފަދަ ސަބަބުތަކާ ހުރެ އެވެ. އެފްއޭއެމްގެ ރައީސްކަން އެއްކިބައިގައި އޮއްވާ، ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމަކީ ވެސް ފަހަކަށް އައިސް މަޖިލިސް މެމްބަރަކަށް ކަށަވަރުވެފައިވާ މަގާމެކެވެ.

އެފްއޭއެމަށް ސިޔާސީ ފަރާތްތަކުގެ ޝައުގުވެރިކަން އެހާ ބޮޑީ ކީއްވެ ހެއްޔެވެ؟

"ފުޓްބޯޅައަކީ ރާއްޖޭގެ އެންމެން ބަލާ ކުޅިވަރު. ކޮންމެ ރަށެއްގައި ފުޓްބޯޅަ ކުޅޭ. ގައުމީ ޓީމަށް ލިބޭ ކާމިޔާބީ މުޅި ގައުމުން ފާހަގަކުރޭ. އެހެންކަމުން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް މިވަނީ ވަރަށް ނުފޫޒު ގަދަ ފަރާތަކަށް. އެހެންވެ ސިޔާސީ ބޭފުޅުން އަބަދުވެސް ބޭނުންވާނެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސަކަށް ހުންނަން. އެއީ އޭގެ ސަބަބުން ސިޔާސީ ގޮތުން ފައިދާކުރާތީ" އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެމްބަރަކު ވިދާޅުވި އެވެ.

މީގެ އިތުރުން ސިޔާސީ ދާއިރާގެ ތެރޭގައި އުޅެ ކުރިމަތިވާ ފާޑުކިޔުންތަކާއި ނަފުރަތުން ސަލާމަތްވުމަށް، ކުޅިވަރު ފަދަ ގިނަ ބަޔެއްގެ ޝައުގުވެރިކަން ގުޅިފައިވާ ދާއިރާއެއްގެ ތެރޭ އުޅުމަކީ ބައެއް ސިޔާސީ މީހުންގެ އަމާޒެއް ކަމަށް، ނަން ހާމަކުރަން އުޒުރުވެރިވެވަޑައިގެން ކުޅިވަރު އެސޯސިއޭޝަނެއްގެ އިސްވެރިޔަކު ވިދާޅުވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީއަކުން ހަވާލުވެ އެފްއޭއެމްގެ ކަންކަން އަމާން އޮމާންކޮށް ދަނިކޮށް މިދިޔަ އަހަރު މަޑުޖެހިލުމެއް އައީ ވެސް ހޯމް މިނިސްޓްރީގެ އެންގުމަކާ ގުޅިގެންނެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެ ގަވާއިދު ބަދަލުކުރަން ހޯމް މިނިސްޓްރީން އެންގި އެވެ. އެނގޭ ކަމަކީ، އެ ނިންމުންތައް އެގޮތަށް އައީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އައި ދުވަސްވަރެއްގައި ކަމެވެ.

"އެފްއޭއެމް ނުވަތަ އެހެން ކުޅިވަރު އެސޯސިއޭޝަނެއްގައި އަސާސީ ގަވާއިދުގައި މައްސަލަ އުޅެންޏާ ނުވަތަ އިންތިހާބު ގޯސްކޮށް ދަންޏާ ރަނގަޅުކުރުމުގެ ޒިންމާ އެޅިފައި އެބައޮތް ހޯމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ ބޮލުގައި. އެކަން ކުރަން ޖެހޭނެ ސަރުކާރުގެ ތާއީދު ނެތް ބަޔަކު އަދި އޮތް ބަޔަކު އެ އެސޯސިއޭޝަނެއްގައި ތިއްބަސް. އެކަމަކު ފެންނަނީ އެހެން މަންޒަރެއް. ފިޔަވަޅު އެޅުމާ ނޭޅުން ގުޅިފައި އޮންނަނީ ތާއީދު އޮތުމާއި ނެތުމުގެ މައްޗަށް،" ކުރީގެ ކުޅުންތެރިޔަކު ބުންޏެވެ.

އެސޯސިއޭޝަންތަކަށް އަންނަން ޖެހޭނީ ސިޔާސީ މަގަކުންނެއް ނޫނެވެ. އަދި އެ ކުޅިވަރެއް ކުރިން ކުޅެފައި ވުމަކީ ވެސް އެސޯސިއޭޝަނުގެ ރައީސަކަށް އަންނަން މަޖުބޫރު ކަމެއް ވެސް ނޫނެވެ. އެ މަގާމާ ހަވާލުވާން ޖެހޭނީ ހިންގާނެ މީހެކެވެ. ޕޮލިސީތައް ކަނޑައަޅާނެ މީހެކެވެ. އެސޯސިއޭޝަނުގެ ރައީސްގެ ޒިންމާއަކީ ކުޅިވަރު ކުޅުމެއް ނޫނެވެ. ކޯޗުކޮށްދިނުމެއް ނޫނެވެ. ކުޅިވަރުގައި ހަރަކާތްތެރިވެފައި ހުރުމަކީ އެޑްވާންޓޭޖަކަށްވީ ނަމަވެސް، އެއަށް ވުރެ މުހިއްމު ސިފަތަކެއް އެސޯސިއޭޝަނެއްގެ ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހެ އެވެ.

ދުނިޔޭގެ މަޝްހޫރު ގިނަ އެސޯސިއޭޝަންތަކާއި ކްލަބްތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވީ ހިންގެވުމުގެ ދާއިރާގެ ޕްރޮފެޝަނަލުންނެވެ. އެސޯސިއޭޝަން ނުވަތަ ކްލަބުގެ ހަރަކާތްތައް މާކެޓްކޮށް، އާމްދަނީ އިތުރުކޮށް އަދި ޕްލޭންތައް ހަދައި މާސްޓާ ޕްލޭންތައް ހެދުމަކީ އެންމެ ބޮޑު ޒިންމާއަށް ވާތީ އެވެ. އެކަމަކު ރާއްޖޭގެ ބައެއް އެސޯސިއޭޝަންތައް ހާއްސަކޮށް ފުޓްބޯޅައިގައި ފެންނަނީ އެހެން މަންޒަރެކެވެ. މާކެޓިން ޑިޕާޓްމަންޓުން ވެސް ބައެއް ފަހަރު ފެންނަނީ ފުޓްބޯޅަ ކޯޗެކެވެ.

ފުޓްބޯޅައިގެ ފޯރި ކެނޑި ގަލޮޅު ދަނޑު ފަޅުވެފައިވާއިރު، އެކަން ހައްލުކުރަން ދޭން ޖެހޭ ވަގުތާއި، ހަކަތަ އަދި ވިސްނުން މި ދޭން ޖެހެނީ އެފްއޭއެމްގެ މައްސަލަތައް ހައްލުކުރާށެވެ. ފުޓްބޯޅަ އެއްކޮށް ވަޅުނުޖެހެނީސް އެފްއޭއެމް ހަމަޔަކަށް އަޅުވައި އެތަނަށް ދާއިމީ އެގްޒެކެޓިވް ކޮމިޓީއެއް އަންނަން ޖެހެ އެވެ. ފުޓްބޯޅަ މެޗުތަކަށް ވުރެ، އެފްއޭއެމްގެ ޕޮލިޓިކްސްގެ ވާހަކަތާއި އަޑުތައް ގަދަވުން މިއީ ވަރަށް ބޮޑު މައްސަލައެކެވެ!