މިދިޔަ އަހަރު އުޅެން ޖެހުނީ ޑިޕްރެޝަނުގައި: އަރްމާން މަލިކް
މިދިޔަ އަހަރު އުޅެން ޖެހުނީ ޑިޕްރެޝަނުގައި: އަރްމާން މަލިކް

މިދިޔަ އަހަރަކީ ވަރަށް އުނދަގޫ އަހަރެއް ކަމަށާއި ޑިޕްރެޝަނާ ދުރުވާން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ބޮލީވުޑްގެ ޒުވާން ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު އަރްމާން މަލިކް ބުނެފި އެވެ.

މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އައްނޫ މަލިކަށް ބޮޑުބޭބެ ކިޔާ 24 އަހަރުގެ މިއުޒިޝަން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މިދިޔަ އަހަރަކީ ކެރިއަރުގެ ގޮތުންނާއި ޒާތީ ދިރިއުޅުމުގައި ވެސް އޭނާ އަށް އުނދަގޫ އަހަރެއް ކަމަށެވެ. އަދި ޑިޕްރެޝެނާ ކުރިމަތިވެ އެކަމުން ސަލާމަތްވާން އުނދަގޫ މަސައްކަތްތަކެއް ކުރި ކަމަށް ބުންޏެވެ.

"މީހާ ޑިޕްރެޝަނަށް ދަނީ ހަމައެކަނި ލޯބީގެ މައްސަލަތަކުގައެއް ނޫން. އަހަންނަށް ޑިޕްރެޝަނާ ކުރިމަތިލާން ޖެހުނު ވަރަށް ގިނަ ސަބަބުތަކެއް މެދުވެރިވި. ހަގީގަތުގައި ވަރަށް އުނދަގޫ އަހަރެއް މިދިޔަ އަހަރަކީ،" ބޮލީވުޑްގެ އެތައް ފިލްމަކަށް ހިތްގައިމު އެތައް ލަވައެއް ކިޔާފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ ބުންޏެވެ. "އަހަރެން ސޯޝަލް މީޑިއާ އިން ވެސް އެތައް ބަޔަކު އަންފޮލޯކުރިން. އެކަމަކު އަބަދުވެސް ގާތުގައި ލޯބިވާ ފޭނުންނާއި ގާތް މީހުން ތިބި. އެ މީހުން އަބަދު ވެސް ހިތްވަރުދޭ."

އަރްމާން ބުނީ އޭނާގެ ނަފުސަށް ކުރިމަތިވި ކަންތައްތަކުން އަރައިގަތުމަށް ވަރަށް ގިނައިން ތަންތަނަށް ދަތުރު ވެސް ކުރި ކަމަށެވެ. އަދި އެކަނި ވަގުތުތައް ހޭދަކުރަން ވަރަށް ބޮޑަށް ބޭނުންވި ކަމަށް ވެސް ބުންޏެވެ.

"އަހަރެން މަސައްކަތްކުރަނީ އުމުރުން ނުވަ އަހަރުން ފެށިގެން. އަހަރެން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ބޭނުންވާނެ އަމިއްލަ ނަފުސަށް، އަމިއްލަ އުފާތަކަށް ވަގުތު ހޯދަން،" ސްޓާ ޕްލަސް އިން މި އަހަރު ގެނެސްދިން "ދަ ވޮއިސް" ގެ ތިން ވަނަ ސީޒަންގައި ޖަޖްކަން ވެސް ކުރި އަރުމާން ބުންޏެވެ.

އަރުމާނަކީ އާ އަހަރާ ދިމާކޮށް 2017 ގައި ބޭއްވި "ސަނީ ސައިޑް މިއުޒިކް ފެސްޓިވަލް" ގެ ތެރެއިން ރާއްޖޭގައި ޕަފޯމް ވެސްކޮށްފައިވާ ފަންނާނެކެވެ. އޭނާ އެންމެ ފަހުނެ ނެރުނު ލަވައަކީ އަމިއްލަ އަށް ވީޑިއޯ ވެސް ކުޅެފައިވާ "ޓޫޓޭ ޚާބް" އެވެ.