23 ސެޕްޓެމްބަރ 2016 - 23:51

ޗެންނާއި (ސެޕްޓެމްބަރު 23) - ސިންގަޕޫރުން ފުރައިގެން އިންޑިއާގެ ޗެންނާއީ އަށް ދަތުރުކުރި އިންޑިގޯ އެއާލައިނުގެ މަތިންދާ ބޯޓެއްގައި އޮތް ނޯޓު 2 ގެ ފޯނެއް ނުގޮވީ ހަމަކިރިޔާ އެވެ.
ފަސިންޖަރެއްގެ އަތް ދަބަހާ އެކު ކެބިން އަށް ލާފައި އޮތް ފޯނުން ދުން އަރާތީ ކްރޫން ވަނީ އަލިފާން ނިންވާ ފުޅި ބޭނުންކޮށްގެން ފޯނުގައި އަލިފާން ރޯވުމުން ސަލާމަތްކޮށްފަ އެވެ. އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ސަލާމަތުން ބޯޓުގެ މަންޒިލުގައި ޖައްސާފައި ވަނީ ކްރޫންގެ ހުށިޔާރު ކަމުން ކަމަށެވެ.
އެއާލައިނުގެ ބަޔާނުގައި ބުނީ ކެބިން އިން ދުން އަރާކަން ކްރޫންގެ ސަމާލު ކަމަށް ގެނައީ ބޯޓުގައި ތިބި ފަސިންޖަރުން ކަމަށެވެ. އެއަށް ފަހު ކެބިންގެ ކައްޅި ހުޅުވައިގެން ބެލި އިރު ދުން އަރަމުން ދިޔައީ ކުޑަ ދަބަހެއްގައި އޮތް ސެމްސަން ނޯޓް 2 ގެ ފޯނަކުންނެވެ.
އަލިފާން ނިއްވާފުޅި ބޭނުންކޮށްގެން ފޯނު ނިއްވާލުމަށް ފަހު، ބޯޓު ޖައްސަން ދެން އެ ފޯނު ބާއްވާފައި އޮތީ ފާޚާނާގައި ފެން ބާލިދީއެއްގެ ތެރޭގަ އެވެ.
ސެމްސަން ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެންމެ އިސްކަން ދެނީ ކަސްޓަމަރުންގެ ރައްކާތެރި ކަމަށް ކަމަށެވެ.
ސެމްސަން ކުންފުނިން އެންމެ ފަހުން ނެރުނު ނޯޓް 7 ގެ ފޯނެއްގެ ބެޓްރީ ގޮވުމުން އެ ކުންފުނިން ވަނީ ނޯޓު 7 ގެ ހުރިހާ ފޯނެއް އަނބުރާ ނަގަން ފަށައިފަ އެވެ. އެކަމަކު މީގެ ކުރިން ނޯޓު ސީރީޒްގެ އެހެން ފޯނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައެއް ނުވެ އެވެ. ނޯޓު 7 ގެ ބެޓްރީ ގޮވުމާ ގުޅިގެން ވަރަށް ގިނަ އެއާލައިންތަކުން މިހާރު ވަނީ ސެމްސަން ފޯނުތައް މަނާކޮށް އަދި ބޯޓަށް އެރުވި ނަމަވެސް ފޯނު ނިންވާލާފައި ބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ.