"ފޯޓްނައިޓް" ގޮވައިގެން ކެނެޑާގެ އާއިލާއެއް ކޯޓަށް
"ފޯޓްނައިޓް" ގޮވައިގެން ކެނެޑާގެ އާއިލާއެއް ކޯޓަށް

މަޝްހޫރު ވީޑިއޯ ގޭމް "ފޯޓްނައިޓް" ގެ މައްޗަށް ތުހުމަތުތަކެއްކޮށް، ފިޔަވަޅު އަޅައި ދޭން އެދި ކެނެޑާގެ އާއިލާއަކުން ކޯޓަށް ހުށަހަޅައިފި އެވެ.

އެ ގޭމް އުފެއްދި ކުންފުނި އެޕިކް ގޭމާ ދެކޮޅަށް، ދެ ކުދިން ހިމެނޭ އާއިލާއަކުން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ "ފޯޓްނައިޓް" އުފައްދާފައިވަނީ ގަސްތުގައި އެއަށް ދެވިހިފާނެހާ ހުރިހާ އުކުޅެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ފޯޓްނައިޓަށް ދެވިހިފައި އެ މީހުންގެ ކުދިން މަގުން ކައްސާލާފައިވާ ކަމަށް ބުންޏެވެ.

އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އެޕިކް ގޭމުން "ފޯޓްނައިޓް" އަހަރުން އަހަރަށް ތަރައްގީކުރަމުން ދަނީ ރޭވިފައިވާ އެޖެންޑާއެއްގެ ދަށުންނެވެ. އެގޮތުން ވީހާ ވެސް ބޮޑަކަށް ގޭމަށް ދެވިހިފާނެ ގޮތްތައް ހިމަނަން ސައިކޮލޮޖިންސްޓުންނަށް ބޮޑު އަގު ދީގެން އެ ކުންފުނިން ވަރަށް އަޑިނުބައި މަސައްކަތްތަކެއްކުރަމުންދާ ކަމަށް ބުންޏެވެ.

"ފޯޓްނައިޓަކީ އިންސާނުންގެ ސިކުނޑި ދޮވެލައި މުޅި މީހާ އަށް އެއަށް ހުސްވާނެހާ ގޮތްތައް ހޯދައިގެން ތައްޔާރުކުރަމުން އަންނަ ގޭމެއް،" ކޯޓަށް މައްސަލަ ހުށަހެޅި އާއިލާގެ ވަކީލު އެލެސެންޑްރާ ޗާޓްރަންޑް ކެނޭޑިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (ސީބީސީ) އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ފޯޓްނައިޓް" އަކީ ކުޅެން ހެޔޮވާރުގެ ގޭމެއް ނޫނެވެ. ވަކިން ހާއްސަކޮށް ކޮންޓްރޯލެއް ނެތި މި ގޭމްގެ ތެރެއަށް ކުދިން ދޫކޮށްލުމަކީ އެ ކުދިން ހަލާކުގެ ތެރެއަށް ދޫކޮށްލެވުން ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ކޮންޓްރޯލެއް ނެތް ގޮތަށް މި ގޭމަށް ކުދިން ދޫކޮށްލުމަކީ ބެލެނިވެރިން ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް. މިއީ ދެވިހިފައިފި ނަމަ އެއިން ސަލާމަތްނުވެވޭހާ ނުރައްކާތެރި ގޭމެއް،" އެލެސެންޑްރާ ވިދާޅުވި އެވެ. "ގޭމް ކުޅެން ކުދިންނަށް ފުރުސަތުދޭ އިރު، އެކަން ހައްދެއްގެ ތެރޭގައި ބޭއްވުން ވެސް ވަރަށް މުހިއްމު."

"ފޯޓްނައިޓް" އަށް ކުރި ތުހުމަތުތަކާ ގުޅިގެން އެޕިކް ގޭމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ކުންފުންޏަކީ މީގެ ކުރިން ވެސް އެކި ކަހަލަ ތުހުމަތުތައް ކުރެވިފައިވާ ކުންފުންޏެކެވެ. އެގޮތުން ކުދިން ގޭމްބްލިންގެ ތެރެއަށްދާން ވެސް ހިތްވަރުދޭ ކަމަށް މީގެ ކުރިން އެޕިކް ގޭމްގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.

ހަނގުރާމައިގެ މައިދާނަކަށް މީހާ ގެންގޮސްދޭ "ފޯޓްނައިޓް" އަކީ 2017 ގައި ވުޖޫދަށް އައި ގޭމެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ރަޖިސްޓްރީވެގެން އެ ގޭމް ކުޅޭ މީހުންގެ އަދަދު މިހާރު ވަނީ 250 މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ބޮޑެތި އިނާމުތައް ލިބޭ ގޮތަށް "ފޯޓްނައިޓް ވޯލްޑް ކަޕް" ގެ ނަމުގައި މުބާރާތްތައް ވެސް ބާއްވަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން 2017 ގައި ވަނީ ވީޑިއޯ ގޭމަށް ދެވިހުމަކީ ނަފުސާނީ ބައްޔެއް ކަމަށް ކަނޑައަޅައިފަ އެވެ.